ރައްޔިތުންގެ މަޖިލިސް

އެންބިއުލެންސް ނުލިބުން ފަދަ މައްސަލަ ދިމާވަނީ ސަރުކާރުގެ ކުންފުނިތަކުގެ ޒިންމާ އަދާ ނުކުރެވިގެން: އަލީ ހުސެއިން

މުޙައްމަދު ސަނީޙް ، ދެން އޮންލައިން
ކެލާ ދާއިރާގެ މެންބަރު އަލީ ހުސެއިން.. ފޮޓޯ/މަޖިލިސް

ރައްޔިތުންނަށް ލިބެން ޖެހޭ އަސާސީ ބައެއް ޚިދުމަތައް ދިނުމުގައި ލަސްވަނީ، ސަރުކާރުގެ ކުންފުނިތަކުން އަދާ ކުރަން ޖެހޭ ޒިންމާ އަދާ ނުކުރެވުމުން ކަމަށް ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސެއިން ވިދާޅުއްޖެއެވެ.

Ads by Hajj Corporation

ހދ. ނޮޅިވަރަމްގައި ކޮވިޑް19ގެ ހާލަތު ގޯސްވެ މިއަދު ރައްޔިތުންގެ މަޖިލީހަށް ކުއްލި މައްސަލައިގައި ވާހަކަފުޅު ދައްކަވަމުން އަލީ ހުސެއިން ވިދާޅުވީ، މިއަދު ފެންމަތިވެފައި ވަނީ ސަރުކާރުގައި އޮތް މައްސަލައެއް ކަމަށެވެ. މިގޮތުން ވިދާޅުވީ، ދައުލަތުގެ ކުންފުނިތަކުން އަދާ ކުރަން ޖެހޭ ޒިންމާ ބަރާބަރަށް އަދާ ކުރެވިއްޖެ ނަމަ މިއަދު އައިސްގެން އުޅޭ ހާލަތު ދިމާ ނުވާނެ ކަމަށެވެ. އަދި ސަރުކާރަކީ ވިޔަފާރި ކުރަން އޮންނަ ފަރާތަކަށް ނުވެ، ޚިދުމަތް ކުރަން ތިބޭ ފަރާތަކަށް ބަދަލުވާން ޖެހޭ ކަމަށާއި ސަރުކާރު ހިންގުމުގެ ސްޕީޑް އިތުރުވާން ޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ރައްޔިތުންނަށް އަސާސީ ޚިދުމަތްތަކެއް ދެވޭނީ، ހިފެހެއްޓިފައި ހުރި ގޮށްތައް ދޫކޮށްލައިގެން ކަމަށް އޭނާ ވިދާޅުވިއެވެ.

"މިއުޅެނީ ސަރުކާރުގައި އުޅޭ އިޝޫއެކޭ ފެންމަތިވެގެން. ޕްރޮކިއުމެންޓްގައި އުޅޭ އިޝޫއެއް ފެންމަތިވެގެން މި އުޅެނީ" އަލީ ހުސެއިން ވިދާޅުވިއެވެ.

މިއަދު މަޖިލީހަށް ހުށަހެޅި މައްސަލައަކީ އެރަށުގައި އެމްބިއުލެންސެއް ނެތުމާއި ކޮވިޑް-19 ޖެހޭ ބަލިމީހުން އެމްބިއުލެންސްގެ ބަދަލުގައި ޕިކަޕެއްގައި އުފުލުމުގެ މައްސަލައެވެ.

މިކަމަށް އިޝާރާތް ކުރައްވާ އަލީ ހުސެއިން ވިދާޅުވީ، ސަރުކާރުން ވަކި ކަމަކަށް ޚާއްސަކޮށް އުފައްދައިފައިވާ ކުންފުނިތަކުން އެ ފަރާތްތަކުގެ ޒިންމާ ފުރިހަމަ ގޮތުގައި އަދާ ކުރަމުން ނާންނަ ކަމަށެވެ.

"ވަކި ކަމަކަށް ޚާއްސަކޮށް އުފައްދާފައިވާ ކުންފުނިތަކުން، އެ ކުންފުނިތަކުން ކުރަން ނުޖެހޭ އެތައް ކަންތައްތަކެއްގެ ތެރެއަށް ވަދެގެން މިއުޅެނީ. ފާހަގަކޮށްލަން ބޭނުން އެސްޓީއޯގެ ވާހަކަ. އެސްޓީއޯއަކީ ދިވެހި ރައްޔިތުންނަށް ބޭނުންވާ ޒަރޫރީ ކަންކަން ފުއްދައިދިނުމަށް ޓަކައި. ކާބޯތަކެއްޗާއި ބޭހާއި ތެލާ، މި ބާވަތުގެ ތަކެތި ފޯރިކޮށްދިނުމަށް އުފެއްދުނު ކުންފުންޏެއް. އެހެން ނަމަވެސް ދައުލަތުގެ ފަރާތުން ވަކި ކަންތައްތަކެއް ކުރުމަށް އެސްޓީއޯއާ ހަވާލު ކުރިޔަސް، ސަބް ކޮންޓްރެކްޓަށް ދޫކޮށްލާ ، އަޅުގަނޑު ފާހަގަކޮށްލަން ބޭނުން، މި ޕެންޑަމިކްގެ ތެރޭގައި މާސްކް ގަންނަން ހަވާލު ކުރީމަ، ސަބް ކޮންޓްރެކްޓަކަށް އެހެން ކުންފުންޏަކަށް. ހަމަ އެގޮތަށް ބޭހުގެ ބާވަތްތައް ގަންނަން އެސްޓީއޯއާ ހަވާލު ކުރިޔަސް ކޮންމެވެސް އެހެން ކުންފުންޏަކަށް ސަބް ކޮންޓްރެކްޓަކަށް." އަލީ ހުސެއިން ވިދާޅުވިއެވެ.

ސަރުކާރުގެ ކުންފުނިތަކުގެ ހިންގުން ދޯހަޅި ކަމަށް ވިދާޅުވި ނަމަވެސް، އަލީ ޞާލިޙް ވިދާޅުވީ، ސަރުކާރުން ކޮވިޑް-19 މެނޭޖް ކުރުމަށް ކުރަމުންދާ މަސައްކަތް ރަނގަޅު ކަމަށެވެ.

"ވެންޓިލޭޓަރުގެ ވާހަކަ ނުދައްކާ ނަމަ، ކޮވިޑް-19 ހާލަތު ދުނިޔޭގައި. އެންމެ ރަނގަޅަށް މެނޭޖް ކުރި ޤައުމުތަކުގެ ތެރޭގައި ދިވެހި ރާއްޖެ ހިމެނޭނެ. މި ފެންނަނީ ދުނިޔޭގެ އެހެން ޤައުމުތަކުގައި ވެކްސިން ނުލިބިގެން އެތަކެއް ބަޔަކު ތެޅި ފޮޅޭއިރުގައި، ދިވެހި ރާއްޖޭއިން ސަރުކާރުގެ ފަރާތުން މީހުންނަށް އާދޭސް ކުރަން މި ޖެހެނީ ވެކްސިން ޖަހަން އަންނަން." އަލީ ޞާލިޙް ވިދާޅުވިއެވެ.

އަލީ ޞާލިޙް ވިދާޅުވީ، އިޤްތިޞާދީ ގޮތުން ބޮޑެތި ލޮޅުންތައް އައި ނަމަވެސް ސަރުކާރުން ދިވެހިން ބަނޑަށް ނުޖައްސާ ދިވެހިންނަށް ޚިދުމަތްތައް ފޯރުކޮށްދިން ކަމަށެވެ. މިގޮތުން ފައިސާ ހުރި ތާކުން ލޯނު ނަގައިގެން، ފައިސާ ނެތިއްޔާ ފައިސާ ޕްރިންޓްކޮށްގެން ނަމަވެސް ރައްޔިތުން ކާބޯތަކެއްޗަށް ނުޖެހި އުޅެވޭނެ ގޮތް ސަރުކާރުކޮށްދިން ކަމަށާއި މިކަމަށް ޝުކުރު އަދާ ކުރާ ކަމަށް ވެސް އަލީ ޞާލިޙް ވިދާޅުވިއެވެ.

އަލީ ޞާލިޙްގެ ވާހަކަފުޅުގައި ސަރުކާރުގެ އިތުރުން ރައްޔިތުން ވެސް ކޮވިޑް-19 މެނޭޖް ކުރުމަށް ސަރުކާރުގެ އިރުޝާދުތަކަށް އަޑު އަހާތީ އެކަމަށް ވަނީ ޝުކުރު އަދާކޮށްފައެވެ.

"ސަރުކާރުން ބުނިހާ ގޮތެއް ހަދައިގެން. ގޭގައި ތިބޭށޭ ބުނީމަ ގޭގައި، ރަށުން ނުފައިބާށޭ ބުނީމަ ރަށުން ނުފައިބާ ތިބެގެން، ރައްޔިތުން ބަސް އަހައިގެން ތިބީމަ، ހަޤީޤަތުގައި އަޅުގަނޑުމެންނަށް މިކަން ރަނގަޅަށް މެނޭޖް ކުރެވުމުން މިދަނީ." އަލީ ޞާލިޙް ވިދާޅުވިއެވެ.

  1. محمد

    ،ކޮން އަލީސޯލިހެއްގެ ވާހަކައެއްް