ޚަބަރު

މީސް މީޑިއާއަށް ބަރަހަނާ ވީޑިއޯ އާންމުކުރި މައްސަލައިގައި "ޔާޔާ" ހައްޔަރުކޮށްފި

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

މީސް މީޑިއާއަށް ބަރަހަނާ ވީޑިއޯ އާންމުކުރި މައްސަލައިގައި "ޔާޔާ" ނަބީލު ހައްޔަރު ކޮށްފިއެވެ.

Ads by Sosun Fihaara

"ޔާޔާ"އަކީ ފިރިހެނަކަށް ވެގެން ހުރެ، އަންހެން ހެދުން އަޅައިގެން ވަރަށް ގިނައިން ފޮޓޯއާއި ވީޑިއޯ އާންމު ކޮށްފައިވާ ފަރާތެކެވެ. އަދި އޭނާގެ އެ ޢަމަލުތަކުގެ ސަބަބުން އެތައް ބަޔަކު ވަނީ މީގެ ކުރިން ވެސް ނުރުހުން ފާޅުކޮށްފައެވެ.

ރޭގެ ވަގުތެއްގައި ޔާޔާ ހައްޔަރު ކޮށްފައި މި ވަނީ، މިދިޔަ ހަފްތާގައި ޓިކްޓޮކްގައި އޭނާ އާންމު ކުރި ވީޑިއޯއަކާ ގުޅިގެންނެވެ. އޭގައި ވެސް އޭނާ ވަނީ އަންހެނެއްހެން ހެދުން އަޅައިގެން ހުރެ، ފަހުން ބަރަހަނާ ވެފައެވެ.

އެ ވީޑިއޯ މީސް މީޑިއާގައި އާންމުވުމާ ގުޅިގެން އެތައް ބަޔަކު ވަނީ އެކަމާ ކަންބޮޑުވުން ފާޅުކޮށް، ޔާޔާ ހައްޔަރު ކުރަން ގޮވައިލައިފައެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު މިއަދު ވިދާޅުވީ، މީސް މީޑިއާގައި ބަރަހަނާ ވީޑިއޯ އާންމުކުރި އުމުރުން 36އަހަރުގެ ދިވެހި ފިރިހެނަކު ރޭގެ ވަގުތެއްގައި ހައްޔަރު ކޮށްފައިވާ ކަމަށެވެ. އެއީ ކާކު ކަމެއް ފުލުހުން ހާމަ ނުކުރި ކަމުގައި ވިޔަސް، ހައްޔަރު ކޮށްފައިވަނީ "ޔާޔާ"ކަން އިތުބާރު ހުރި ފަރާތަކުން ވަނީ "ދެން"އަށް ޔަގީންކޮށްދީފައެވެ.

މި މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.

އަންހެނުން ފިރިހެން ހެދުން އެޅުމާއި ފިރިހެނުން އަންހެން ހެދުން އެޅުމާ ގުޅޭ ގޮތުން ރަސޫލާ صلى الله عليه وسلم ހަދީޘްކުރައްވާފައިވާ ބަސްފުޅެއްގެ މާނައިގައިވެއެވެ.
"ފިރިހެނުންގެ ތެރެއިން އަންހެނުންނާ ވައްތަރުވެގަންނަ މީހުންނާއި، އަންހެނުންގެ ތެރެއިން ފިރިހެނުންނާ ވައްތަރުވެގަންނަ މީހުންނަށް މާތްﷲ ލަޢުނަތް ލެއްވިއެވެ."

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!