ކިއުބާގައި އުމުރުން 2 އަހަރުން މަތީގެ ކުދިންނަށް ކޮވިޑް ވެކްސިންް ޖަހަންފަށައިފި

ކިއުބާގައި އުމުރުން 2 އަހަރާއި 10 އަހަރާ ދެމެދުގެ ކުދިންނަށް ކޮވިޑް-19 ވެކްސިން ޖަހަން ފަށައިފިއެވެ.
އެގައުމުގެ ސިއްހީ މާހިރުން ބުނާ ގޮތުގައި އިއްޔެ އެގައުމުގައި ކުޑަކުދިންގެ ގަޔަށް ޖަހަންފަށައިފައި ވަނީ އެގައުމުގައި އުފައްދައިފައިވާ އަމިއްލަ ވެކްސިނެކެވެ. މިވެކްސިނަކީ ކުޑަކުދިންނަށް ވެސް ރައްކާތެރިކަން ކަށަވަރުވެފައިވާ ވެކްސިނެއްކަމަށް އެގައުމުގެ ސިއްހީ މާހިރުން ބުނެފައިވެއެވެ.
"މިގައުމުގައި ތުއްތު ކުދިންގެ ފުރާނަ ކުޑަ ވެސް ނުރައްކަލަކަށް ނުލާނެ. (ވެކްސިންގެ ސަބަބުން) ކިރިޔާ ވެސް ނުރައްކާތެރިކަމެއް ފެންނަ ނަމަ ކުޑަކުދިންގެ ގަޔަށް މިވެކްސިން ނުޖަހާނެ" ކިއުބާގެ ވެޑާޑޯ ޕޮލިކްލިނިކް ޔުނިވާރސިޓީގެ ޑިރެކްޓަރ އައުރޯލިސް އޮޓާނޯ ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ނުރައްކާތެރި ޑެލްޓާ ވޭރިއެންޓް އެގައުމުގެ ގިނަ އަދަދެއްގެ ކުޑަކުދިންނަށް ޖެހިފައިވުމުގެ ސަބަބުން ކިއުބާގެ ސައިންޓިފިކް ކޮމިއުނިޓީން މި ވެކްސިން ޓެސްޓްކޮށްފައިވާ ކަމަށާއި ކުޑަކުދިންނަށް ރައްކާތެރިކަން ކަށަވަރުވެފައިވާ ކަމަށެވެ. މިގޮތުން އެގައުމުގެ އުމުރުން 2 އަހަރާއި 5އަހަރުގެ 300 ކުދިންނަށް މިވެކްސިން ޖެހުމަށް ނިންމައިފައިވާ ކަމަށާއި 5 އަހަރާއި 10 އަހަރާ ދެމެދުގެ ކުދިންނަށް މިވެކްސިން ޖަހާނީ ސުކޫލުތަކުންކަމަށް ކިއުބާގެ ސިއްހީ މާހިރުން ބުނެއެވެ.
ކިއުބާގެ 776،125 މީހުނަށް ކޮވިޑް-19 ޖެހިފައިވާއިރު މީގެ ތެރެއިން 6،601 މީހުން ވަނީ މި ބަލީގައި މަރުވެފައެވެ.
ކިޔުބާ ވެގެން ގޮސްފައި މިވަނީ މިހާ ކުޑަކުދިންނަށް ކޮވިޑް-19 ވެކްސިން ޖެހި ފުރަތަމަ ގައުމުގެ ގޮތުގައެވެ. ނަމަވެސް މިހާ ހަގު އުމުރުގެ ކުދިންނަށް ކޮވިޑް ވެކްސިން ޖެހުމުގެ ހުއްދަ ދީފައި ދުނިޔޭގެ ޞިއްހަތު ޖަމްޢިއްޔާ ، ޑަބްލިޔުއެޗްއޯއިން ދީފައެއް ނުވެއެވެ.