ރިޕޯޓް

ސަސްޕެންޝަންގައި މުސާރަ ލިބޭ ގޮތަށް ތިބުން: ޤާނޫނު އަސާސީ ނުދަންނަ އިސްތިލާހެއް!

  • މިއީ ޤާނޫނު އަސާސީން ތަންދޭ ކަމެއްތަ؟
  • މިކަމުގައި ސަރުކާރުން ބުނަނީ ކީކޭ؟
  • މިކަމުގެ ޙައްލަކީ ކޮބާ؟
މަރިޔަމް އިސްމާޢިލް ، ދެން އޮންލައިން

މީގެ ކުރީގެ ވެރިކަންތަކުގައި ފެނިގެން ގޮސްފައިވާ މަންޒަރަކީ ދައުލަތުގެ މަތި މަގާމެއްގައި ހުންނަވާ ބޭފުޅެއް ނަމަވެސް ބޮޑު ތުހުމަތެއް ކުރެވިއްޖެ ނަމަ މަގާމުން ވަކިކުރުމެވެ.

Ads by STELCO

އެހެންނަމަވެސް މި ސަރުކާރު އައިސް މިކަމުގައި ޢަމަލުކުރި ގޮތް ވަރަށް ވެސް ތަފާތެވެ. މީހެއްގެ މައްޗަށް ކުރެވޭ ތުހުމަތަކީ އަދި އެއީ އެމީހަކު ކުށްވެރިއެއް ކަމަށް ކަނޑައެޅޭނެ ޢަޞާސެއް ނޫނެވެ. ތެދެކެވެ. ނަމަވެސް އޭގެ ސަބަބުން އެހެން ބައެއްގެ ހައްގުތަކަކަށް އަރައިގަނެވި އިންސާފުން ގެއްލިގެން ދާނަމަ އެކަމެއް އަވަހަށް ބަލާ ފިޔަވަޅު އެޅުމަކީ އެތަނެއްގައި އޮންނަ ދައުލަތެއްގެ ޒިންމާއެކެވެ.

މި ސަރުކާރުގައި ވަނި މިފަދަ ހާދިސާތައް ހިނގާފައެވެ. އަދި މިހާރުވެސް ދަނީ ހިނގަމުންނެވެ. އެގޮތުން މި ސަރުކާރުގެ ސިޔާސީ އެކި ފެންވަރުގެ މަޤާމުތަކުގައި ތިބި ހަ މީހަކާ މެދު ކުރެވުނު ޚިޔާނާތުގެ ސީރިއަސް ތުހުމަތުތަކަކާ ގުޅިގެން އެކި ފަހަރު މަތިން 920 ދުވަހު އެ މީހުން ސަސްޕެންޝަންގައި ބޭތިއްބިއެވެ. މީގެ އިތުރުން މިހާރުވެސް މި ސަރުކާރުގެ ކުޅިވަރާ ބެހޭ މިނިސްޓަރު ހުންނެވީ ކުރެވޭ ތުހުމަތުތަކަކާއި ގުޅިގެން ސަސްޕެންޝަންގައެވެ. ދައުލަތުގެ ޚާއްޞަ އިނާޔަތެއްގެ ދަށުން މުސާރަ ވެސް ލިބޭ ގޮތަށެވެ.

މިއީ ޤާނޫނު އަސާސީން ތަންދޭ ކަމެއްތަ؟

ދައުލަތުގެ ވަޒީރެއް ވިޔަސް އަދި އެހެން މަޤާމެއްގައި ހުރި މީހަކު ނަމަވެސް މުސާރަ ލިބޭ ގޮތަށް ސަސްޕެންޑުކޮސްފައި ނުބެހެއްޓޭނެއެވެ. އެއީ ރާއްޖޭގެ އޮތް ވެރިކަމުގައި ނިޒާމު ދަންނަ ކަމެއް ނޫން ވީމައެވެ.

މިކަމާއި ގުޅިގެން "ދެން" އަށް މައުލޫމާތު ދެމުން ރާއްޖޭގެ ކުރީގެ ނައިބު ރައީސް އަދި ރާއްޖޭގެ ކޯޓުތަކުގައި ފަނޑިޔާރުކަންވެސް ކުރައްވާފައިވާ ޑރ. މުހައްމަދު ޖަމީލް އަޙްމަދު ވިދާޅުވީ، އެގޮތަށް ވަޒީރުންވިޔަސް އަދި އެހެން ބަޔަކުވިޔަސް ދައުލަތުގެ މަޤާމުތަކުގައި ސަސްޕެންޝަންގައި ނުބޭތިއްބޭނެ ކަމަށެވެ. އަދި ވިދާޅުވީ އެއީ ރާއްޖޭގެ ޤާނޫނީ ދުސްތޫރާ ބީރައްޓެހި އަމަލެއް ކަމަށާއި އެ ބާރު ރައީސުލްޖުމްހުރިއްޔާވެސް ލިބިގެން ނުވާ ކަމަށެވެ.

މިއީ ރާއްޖޭގައި އޮތް ޗެކް އެންޑް ބެލެންސް ސިސްޓަމަށް ބަލާއިރު ޕްރެޒިޑެންޝަލް ނިޒާމުގައި އެގޮތަށް ޕްރެކްޓިސްކުރާ ކަމެއް ނޫން. އަދި ދުނިޔޭގެ އެއްވެސް ތަނެއްގައި ރިޔާސީ ނިޒާމެއްގެ ތެރެއިން އެކަން އެ ގޮތަށް ނުކުރާނެ. އެއީ ބަރުލަމާނީގެ ސިފައެއް. ޕާލިމަންޓްރީ ވެރިކަމެއް އޮންނަ ނަމަ އެ ބާރު ޕާލިމަންޓަށް ލިބޭނެ. މިއީ އެކައުންޓެވިލިޓީ އިޝޫއެއް. މުސާރަ ނަގަން ޖެހޭނީ އެމީހެއްގެ ޒިންމާވެސް އަދާކުރުމަށް ފަހު. ނަމަވެސް އެހެން ސަސްޕެންޝަންގައި ތިބުމުން ނަގަން ޖެހޭ ޒިންމާއެއް ނެތި މުސާރަ ނެގުމަކީ ކުރެވޭނެ ކަމެއް ނޫން

ޑރ. ޖަމީލް އިތުރަށް ވިދާޅުވީ، ކޮންމެ ކަމަކީ އެކަމުގައި ޤާނޫނީ ފަރުވާ އޮންނަ ކަންކަން ނޫން ކަމަށާއި ނަމަވެސް މަޖިލީހުން އެކަން ބަލަން ޖެހޭނެ ކަމަށެވެ. އަދި މަޖިލީހުން ނުބަލައިފިއްޔާ އެކަން ޝަރުއީ ނިޒާމުގެ ތެރެއިން ކޯޓަށް ހުށަހަޅައިގެން ބެލޭނެ ކަމަށްވެސް ޑރ. ޖަމީލް ވިދާޅުވިއެވެ.

މިކަމުގައި ސަރުކާރުން ބުނަނީ ކީކޭ؟

މިކަމާއި ގުޅޭ ގޮތުން ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު މަބްރޫކު އަޒީޒާ "ދެން" އިން ސުވާލު އަމާޒުކުރެއްވުމުން ވިދާޅުވީ، ކުރީގައި ތުހުމަތެއް ކުރެވޭ އިރަށް ވަޒީފާއިން ކަނޑާލާ އެމީހަކު އެއްލާލަނީ ކަމަށާއި ނަމަވެސް ރައީސް އިބްރާޙިމު މުހައްމަދު ޞާލިޙުގެ ވިސްނުންފުޅު މިކަމުގައި ތަފާތު ކަމަށެވެ.

އެހެންކަމުން ތުހުމަތެއް ކުރެވުނަސް އަދި އެމީހަކާއި މެދު އެފަދަ ބޮޑު ނިންމުމުގެ ބަދަލުގައި އެކަމުގެ ޙަޤީގަތް ހޯދަން ޖެހޭ ކަމަށް އެމަނިކުފާނު ދެކެވަޑާއިގަންނަވާ ކަމަށާއި އެހެންކަމުން ރައީސް އެފަދަ ކަންކަމުގައި އެ ސްޓޭންޑް ނަންގަވަނީ ކަމަށެވެ. ނަމަވެސް ސަސްޕެންޑުކުރި ނަމަވެސް މުސާރަ ހިފެހެއްޓުމުގެ ބާރު ނޯންނަ ކަމަށް މަބްރޫކު ވިދާޅުވިއެވެ.

އަސްލު ރައީސްގެ ހަރުދަނާކަން މީގެން އެނގިގެންދަނީ ދެއްތޯ؟ އެމަނިކުފާނު ކަންކަމުގައި ގެންގުޅުއްވާ ހަރުދަނާ ސިޔާސަތުފުޅު. އެމަނިކުފާނު ވިސްނަވާ ވަޑައިގަންނަވަނީ އެއްވެސް ބޭފުޅެއްގެ ޙައްޤަކަށް އުނިކަމެއް ނުގެނެސް ވެރިކަން ކުރައްވަން. އެ އުސޫލުގެ މަތިން އެގޮތަށް ފިޔަވަޅުތައް އެ ބައްޓަން ކުރައްވަނީ، ދެން ޕީޖީއިން މައްސަލަތައް ނިމުމުން ދައުވާކުރުމުގައި އަވަސްކުރުމަކީ މުހިއްމުކަމެއް، ޕީޖީއިންކުރި އަވަހެއް މިކަމުގައި އޮންނާނީ. ޤަބޫލުކުރަން ތަޙްޤީޤް ދިގުލާކަން.

މިކަމުގެ ސަބަބުން ޤައުމަށް ކުރާނެ އަސަރަކީ ކޮބާ؟

މިނިސްޓަރަކަށް މުސާރައާއި އެލަވަންސްތަކުގެ ގޮތުގައި މަހަކު 66،000 ރުފިޔާ ޚަރަދުވެއެވެ.

މި ސަރުކާރުގެ ސިޔާސީ އެކި ފެންވަރުގެ މަގާމުތަކުގައި ތިބި ހަ މީހަކާ މެދު ކުރެވޭ ހިޔާނާތުގެ ސީރިއަސް ތުހުމަތުތަކަކާ ގުޅިގެން އެކި ފަހަރު މަތިން ސަސްޕެންޝަންގައި ވަނީ ބައިތިއްބައިފިއެވެ.

އޭގެ ތެރޭގައި އެމްޕީއާރުސީގެ ފައިސާ ހޯއްދަވައި ބޭނުންކުރެއްވި ކަމުގެ ތުހުމަތު ކުރެވޭ ޔޫތު މިނިސްޓަރު އަޙްމަދު މަހުލޫފް ދެ ފަހަރެއްގެ މަތިން ސަސްޕެންޑްކުރި އިރު އެ މައްސަލައިގައި ދައުވާ ކުރަން ފޮނުވުމުން ޖޫން 9 ވަނަ ދުވަހުން ފެށިގެން އޭނާ ވަނީ އަނެއްކާވެސް ސަސްޕެންޑުކޮށްފައެވެ. އަދި ހިޔާނާތުގެ ތުހުމަތު ކުރެވިގެން ސަސްޕެންޑުކުރި މޯލްޑިވް ގޭހުގެ އެމްޑީ ޝަޒައިލް ޝިޔާމުގެ ސަސްޕެންޝަން ދޮޅު އަހަރަށް ދިގު ދެމިގެން ދިޔައެވެ. ހިޔާނާތުގެ ލިސްޓުގައި ހިމެނޭ ހައުސިންގެ ސްޓޭޓް މިނިސްޓަރު އަކުރަމް ކަމާލުއްދީނާއި އައިލެންޑް އޭވިއޭޝަންގެ ކުރީގެ ބޯޑު މެންބަރު އަބްދުﷲ އާޒިމާއި ފެން ކުންފުނީގެ ޗެއާމަން އަހުމަދު މައުސޫމް ވެސް ދެ މަސް ދުވަހަށް މަގާމުން އެއްފަރާތްކުރިއެވެ. މީގެ އިތުރުން ވެންޓިލޭޓާރުތަކުގެ މައްސަލަައިގައި ކުރީގެ ހެލްތް މިނިސްޓަރު އަބްދުﷲ އަމީންއާއި އަދި އެ މިނިސްޓްރީގެ އިސްމަޤާމުތަކުގައި ތިއްބެވި އިތުރު ދެ ބޭފުޅަކުވެސް ސަސްޕެންޑުގައި އެއް އަހަރަށް ވުރެ ގިނަ ދުވަހު ތިއްބެވިއެވެ.

މިނިސްޓަރު މަޙްލޫފް މިހާތަނަށް 135 ދުވަހަށް ވުރެ ގިނަ ދުވަހު ގޭގައި ބަހައްޓާފައި ހުރި އިރު އެ މުއްދަތުގައި މުސާރަ އާއި އިނާޔަތްތަކަށް 8،910،000 ރުފިޔާ އޭނާއަށް ވަނީ ހަރަދުކޮށްފައެވެ. އަދި ހައުސިންގެ ސްޓޭޓް މިނިސްޓަރު އަކުރަމް 61 ދުވަސް ސަސްޕެންޝަނެއްގައި ހޭދަކުރެއްވި އިރު އޭނާގެ ހިދުމަތް ނުލިބި ރައްޔިތުންގެ ޓެކްސް ފައިސާއިން 87،000 ރުފިޔާ ވާނީ އޭނާއަށް ހަރަދުވެފައެވެ. އަދި މީގެ ކުރިން ވެންޓިލޭޓަރުގެ ހިޔާނާތުގެ ތުުހުމަތުގައި ހެލްތް މިނިސްޓަރު އަބްދުﷲ އަމީންއާ އެކު އެ މިނިސްޓްރީގެ އެތައް މުވައްޒަފުންނެއް މަހެއްހާ ދުވަހަށް ސަސްޕެންޝަންގައި ބޭތިއްބިއެވެ. މި ހުރިހާ މުއްދަތެއްގައި ވެސް ސިޔާސީ ބޭފުޅުންނަށް ބަރާބަރަށް މުސާރަ ދޭން ޖެހެއެވެ. ހިސާބެއް ހަދާ ނަމަ ސިޔާސީ ސަސްޕެންޝަންގައި ބައިތިއްބާފައިވާ ބޭފުޅުންނަށް ކުރަން ޖެހުނު ހަރަދު މިލިއަނެއްހާ ރުފިޔާއާ ގާތްކުރާނެއެވެ.

އެހެންކަމުން މިކަމުގެ ސަބަބުން ގައުމުގެ ބައިތުލްމާލުން ކުރަން ޖެހުނީ ބޮޑު އިސްރާފެކެވެ. އެ ފައިސާ ހުރިނަމަ ރައްޔިތުންގެ އެހެން ފައިދާއަކަށް ޤައިމު ޚަރަދު ކޮށްލެވުނީހެވެ.

މިކަމުގެ ޙައްލަކީ ކޮބާ؟

ސިޔާސީ މަގާމުތަކުގައި ތިއްބަވާ ބޭފުޅުން, ޚާއްސަކޮށް ވަޒީރުންނަކީ ސަރުކާރުން ރައްޔިތުންނަށް ޚިދުމަތް ދިނުމުގެ ހުރިހާ ކަންކަން ނިންމާ ޕޮލިސީ މޭކަރުންނަށް ވާއިރު އެބޭފުޅުންނާއި މެދު އޮންނަ ރައްޔިތުންގެ އިތުބާރަކީ ވަރަށް މުހިއްމު އެއްޗެކެވެ.

އެހެންކަމުން ވަޒީރަކު ސަސްޕެންޑު ކުރާ ހިސާބަށް ދަނީ އޭނާގެ ނަޒާހަތްތެރިކަމާ މެދު ވަރަށް ބޮޑަށް ސުވާލު އުފެދިގެންނެވެ. އަދި ސިޔާސީ މަގާމެއްގައި ހުންނަވާ ބޭފުޅަކީ ރައްޔިތުން އިތުބާރު ކުރާ އަދި ބަލައިގަންނަ މީހަކަށް ވާން ޖެހޭ އިރު ސަސްޕެންޝަނާ ހިސާބުން އެ ހުރިހާ ސިފައެއް ސިޔާސީ މީހެއްގެ ކިބައިން އުނިވާނެއެވެ.

އެހެންކަމުން ދައުލަތުން އެ ބޭފުޅަކު މަގާމުން ވަކިނުކޮށްފިނަމަ، މިކަމުގައި އޮތީ އެންމެ ހައްލެކެވެ. އިޚްލާސްތެރިކަމެއް ހުރި ނަމަ އިސްތިއުފާ ދޭންވީއެވެ. ނަމަވެސް އެކަން ކުރާނެ ބާއެވެ؟

ރައީސުލްޖުމްހޫރިއްޔާ އައްޔަން ކުރައްވާ ސިޔާސީ ބޭފުޅުންނާއި އަދި މިނިސްޓަރުން ވެސް އަމަލު ކުރަން ޖެހޭ ސުލޫކީ މިންގަނޑެއް ރައީސް އޮފީހުން އެކުލަވައިލައިފައި އޮތް ނަމަވެސް އޭގައި ވެސް ވަޒީރުން ސަސްޕެންޑު ކުރެވޭނެ އިޖުރާޢަތެއް ނެތުމުން ރައްޔިތުންގެ ފައިސާއިން ނުޙައްގު މުސާރަތަކެއް ނެންގެވުމުގެ ބަދަލުގައި ޑިމޮކްރެޓިކު ޢުސޫލުތަކަށް ބޯލެނބުމަކީ ރީތި ގޮތެކެވެ.

ޑިމޮކްރެޓިކް ގައުމުތަކުގައި އަމަލު ކުރާ އުސޫލަކީ ސިޔާސީ މަގާމުތަކުގައި ތިބޭ މީހުންގެ މައްޗަށް ތުހުމަތެއް ކުރެވުމުން މަގާމުން އަމިއްލައަށް ފެޔަށް ޖެހުމެވެ. ކުށް ސާބިތުވުމާއި ނުވުން އެއީ ވަކި ކަމެކެވެ. ތުހުމަތާ އެކު އާއްމުންގެ އިތުބާރު ގެއްލޭ ހިސާބުން މަގާމުގައި ހުރުން ވެފައި އޮންނަނީ ހުތުރު ކަމަކަށެވެ.

އެކަމުގެ މިސާލު ރާއްޖެއިން ވެސް ފެނިފައި އެބަހުއްޓެވެ. އެ ގޮތުން ދައުލަތުގެ މަގާމެއްގައި ހުރި ބޭފުޅެއްގެ ތެރެއިން އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާ ލިބުނު ކަމަށް ތުހުމަތުވުމާ އެކު އަމިއްލަ އިސްނެގުމަށް އިސްތިއުފާ ދެއްވި ހަމައެކަނި ބޭފުޅަކީ ކުރީގެ އޮޑިޓާ ޖެނެރަލް ހަސަން ޒިޔަތެވެ. އޭނާ އޮޑިޓާ ޖެނެރަލް ކަމުން އިސްތިއުފާ ދެއްވަމުން ވިދާޅުވެފައި ވަނީ އޭނާ އެ ނިންމުން ނިންމެވީ ތަހުޒީބު ގައުމުތަކުގައި އަމަލު ކުރާ އުސޫލުން އޭނާ މަޤާމުން އެއްފަރާތްވުމަކީ އޮޑިޓް އޮފީހުގެ ގަދަރާއި ހައިބަތު ހިފެހެއްޓުމަށް މުހިންމު ކަމެއް ކަމަށް ދެކެވަޑައިގެން ކަމަށެވެ. އޭނާގެ އެ ނަމޫނާއަށް އެތައް ބައެއްގެ ތައުރީފް އޮހުނު ވެސް މެއެވެ.

ކަންމިހެން ހުރި އިރު މިއަދުގެ ސަރުކާރުން މި ގެންގުޅޭ ވަޒީރުންނާއި މަތި މަޤާމުތަކުގައި ތިއްބަވާ ވެރިން، މުސާރަ ލިބޭ ގޮތަށް ސަސްޕެންޑު ކުރުމަކީ ރާއްޖޭގެ ޤާނޫނީ އިސްތިލާޙު ދަންނަ ކަމެއް ނޫނެވެ. ރައީސް ސޯލިހު އެ ކުރައްވަނީ މަޤާމުގެ ހައިޞިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރައްވައިގެން ޤާނޫނީ ކުށެކެވެ.  ފަހަރުގައި ދެން ވެރިކަމަށް އަންނަ ސަރުކާރަކުން އެ ކަންކަން ބަލައި ފިޔަވަޅު އެޅުން ވެސް ދުރެއް ނޫނެވެ. ރައީސް ސޯލިހު އަމިއްލަފުޅަށް ކަރަށް މަޅިއެއް މައްސަވަނީއެވެ.

  1. ދިވެހި ރައްޔިތުން

    ސިޓީ އެޑްރެސް ކުރަން ބުނާނީ ވެސް ސަސްޕެންޝަންގައި ހުރި މަހްލޫފަށް