މާބަނޑު ދުވަސްވަރު ކަންކަމާ މާބޮޑަށް މާޔޫސްވާ ނަމަ މިކަންތައްތައް ކޮށްލާ!
ދަރިއަކު ލިބުމަކީ ވަރަށް ވެސް އުފާވެރި ކަމެކެވެ. ނަމަވެސް މާބަނޑުވުމާ އެކު ނުވަ މަސް ދުވަސް ވަންދެން އެކިކަންތައްތަކާ ކުރިމަތިލާން ޖެހެއެވެ. ދުވަހަކު ވެސް ހަށިގަނޑަށް ނާންނަ އެތައް ބަދަލެއް ފެނިގެންދެއެވެ.
މާބަނޑު ދުވަސްވަރު ހަށިގަނޑަށް އަންނަ ބޮޑެތި ބަދަލުތަކުގެ ސަބަބުން ވެސް މީހާ މާޔޫސްވާ ހާލަތްތައް އާދެއެވެ. ބުރަކަށީގައި ރިހުން، ހެލިފެލިވެ އުޅެން އުނދަގޫވުން, މާބޮޑަށް ހަށިގަނޑު ބުރަހެލިވެ ފަލަވުމަކީ ވެސް އާންމުކޮށް ދިމާވާ ކަމަކެވެ. މިފަދަ ކަންތައްތަކުގެ ސަބަބުން މާބޮޑަށް އެ ކަންތައްތަކާ ވިސްނި މީހާ ބަލިކަށި ކުރެއެވެ. ނަމަވެސް މިކަންތައްތަކަކީ ކުރިމަތިލާން ޖެހޭ ކަންތައްތަކެވެ. މި ހާލަތްތަކުގައި ކެތްތެރިވުމަކީ ވަރަށް މުހިންމު ކަމެކެވެ.
ދިރާސާތަކުން ދައްކާ ގޮތުގައި މާބަނޑު ދުވަސްވަރު ގާތްގަނޑަކަށް 12 ކިލޯވަރު ބަރުދަނުން އިތުރުވާނެއެވެ. އަދި ބަލިވެ އިންނަ %70-50 އަންހެނުންނަށް ބަލިވެއިނުމާ ގުޅިގެން ބުރަކަށީގައި ރިހުމުގެ އުދަގުލާ ކުރިމަތިލާން ޖެހެއެވެ. މާބަނޑު ދުވަސްވަރު ފިކުރުބޮޑުވުން އިތުރުވާ ހާލަތްތަކުގައި ބުރަކަށީގައި ރިހުން އިތުރުވާކަމަށް ވެސް ސިއްޙީ މާހިރުން ބުނެއެވެ.
މާބަނޑު ދުވަސްވަރު ވީހާ ވެސް ކަންކަމާ ނުވިސްނާ ވޭތޯ ބަލަންވާނެއެވެ. އަބަދުވެސް ދިމާވާ ކަންތައްތައް މީހަކާ ހިއްސާކޮށްލާށެވެ. މާޔޫސްވުމުގެ ބަދަލުގައި އެ ކަންތައްތަކާ ބެހޭގޮތުން ޑޮކްޓަރާ ވާހަކަ ދައްކައިލާށެވެ. ގަވާއިދުން ކަސްރަތުކުރުމަކީ ވެސް މާބަނޑު ދުވަސްވަރު ހަށިގަނޑަށް ފަސޭހަކޮށްދޭނެ ކަމެކެވެ. މާބަނޑު އަންހެނުން ގިނަ ގިނައިން އަރާމު ކުރުމަކީ ވަރަށް މުހިންމު ކަމެކެވެ.
މި ދުވަސްވަރު ނުބައި ވިސްނުންތަކާ ދުރުވެ ރަނގަޅަށް ވިސްނުމަކީ ވަރަށް މުހިންމުކަމެކެވެ. ދުވަހުގެ ކޮންމެވެސް ވަގުތެއް އާއިލާ ނުވަތަ ރައްޓެހިން ކައިރީގައި ހޭދަކޮށްލާށެވެ. އަދި ހަށިގަނޑަށް ފައިދާހުރި ކާނާ ކެއުމަށް ސަމާލުކަމެއް ދޭށެވެ. ކޮންމެ ދުވަހަކު ވެސް ބްރީތިން އެކްސާސައިޒް ކޮށްލަން އާދަކުރާށެވެ.