ޚަބަރު

ވެމްކޯގެ ކުރީގެ އެމްޑީގެ މައްޗަށް ދައުވާ ކުރަނީ

މަރްޔަމް ވަޙީދާ ، ދެން އޮންލައިން
ވެމްކޯ މުޒަފުންތަކެއް ކުނި ނަގަނީ

ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ)ގައި ބޭނުންކުރަމުންދާ "ވެށިފާރަ" ސޮފްޓްވެއާ ޑިވެލޮޕްކުރަން ހަވާލުކުރީ އިއުލާނު ކުރުމެއް ނެތި ކަމަށް ބުނާ މައްސަލއިގައި، އެކުންފުނީގެ ކުރީގެ އެމްޑީ މުޙައްމަދު ޝިފާއުގެ މައްޗަށް ދައުވާކޮށް ދިނުމަށް އެދި އޭސީސީން ޕީޖީ އޮފީހަށް މައްސަލަ ފޮނުވައިފިއެވެ.

Ads by STELCO

އެނގިފައިވާ ގޮތުގައި މި މައްސަލައިގަައި ޝިފާއުގެ މައްޗަށް އެދި ފޮނުވައިފައި ވަނީ ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށުގެ ދައުވާއެވެ.

އޭސީސީން ބުނީ މި މައްސަލައިގެ ތަހުގީގުން ފާހަގަކުރެވުނު ކަންތައްތަކަށް ބަލާއިރު ވެމްކޯއަށް ކަސްޓަމާ ރިލޭޝަންޝިޕް މެނޭޖްމަންޓް ސިސްޓަމެއް ހޯދުމުގެ މަސައްކަތް އެ ކުންފުނިން ހަވާލުކޮށްފައި ވަނީ އިއުލާން ނުކޮށް އިމަޖެންސީ މަސައްކަތެއްގެ ގޮތުގައި ނޮނި ސޮލިއުޝަން ޕްރައިވެޓް ލިމިޓެޑު ކިޔާ ކުންފުންޏަކަށް ކަމަށެވެ.

ވެށިފާރަ ސޮފްޓްވެއާ ޑިވެލޮޕް ކުރުމަށް ނޮނި ސޮލިއުޝަންއާ ހަވާލުކުރިއިރު ވެމްކޯ ހިންގުމާ ހަވާލުވެހުރީ އެއިރުގެ އެމްޑީ ޝިފާއު ކަމަށާއި ވެށިފާރަ ސޮފްޓްވެއާ ޑިވެލޮޕްކުރުމަށް ހަވާލުކުރުމުގެ ހުރިހާ ކަމެއް ދިޔައީ އޭނާގެ ބެލުމުގެ ދަށުންކަން ތަހުގީގަށް ލިބިފައިވާ މަޢުލޫމާތުން އެނގޭ ކަމަށް ވެސް އޭސީސީން ބުނެފައިވެއެވެ. މީގެ އިތުރުން ނޮނި ސޮލިއުޝަންގެ އޯނާއާއި މުހައްމަދު ޝިފާއުއާ ގާތް ގުޅުން އޮންނަކަން ކޮމިޝަންގެ ތަހުގީގަށް އެނގިފައިވާ ކަމަށް ވެސް އެ ކޮމިޝަނުން ބުނެފައިވެއެވެ.

އޭސީސީން އިތުރަށް ބުނެފައި ވަނީ ވެމްކޯގެ އިމަޖެންސީ ރިކުއެސްޓްތަކަށް ކޯޓޭޝަން ހޯދަނީ ޕްރޮކިއުމަންޓް ޑިޕާޓްމަންޓަށް އެ ރިކުއެސްޓެއް ހުށަހެޅުމުން އެ ޑިޕާޓްމަންޓުން ކަމަށް ވީނަމަވެސް ވެށިފާރަ ސޮފްޓްވެއަރ ޑިވެލޮޕްކުރުމަށް ނޮނި ސޮލިއުޝަންއާ ހަވާލުކުރީ މި އުސޫލާ ހިލާފަށް އަދި ވެމްކޯގެ ޕްރޮކިއުމަންޓް ޕޮލިސީއާ ހިލާފަށް ކަމަށެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!