ބޮލީވުޑް މުނިފޫހިފިލުވުން

ގްލޯބަލް އެޗީވާޒް އެވޯޑު ލިބުނު ބޮލީވުޑް ފުރަތަމަ ތަރިއަކަށް ދިޕިކާ

އަޒްހާން އިބްރާޙީމް ، ދެން އޮންލައިން
ބޮލީވުޑް ބަތަލާ ދިޕިކާ ޕަދުކޯން

ގްލޯބަލް އެޗީވާޒް އެވޯޑު 2021ގައި އެންމެ މޮޅު ބަތަލާގެ އެވޯޑު ހާސިލްކޮށް، އެ ފްރެޓާނިޓީގެ އެވޯޑެއް ލިބުނު ފުރަތަމަ އަދި ހަމައެކަނި ބޮލީވުޑް ތަރިއަކަށް ދިޕިކާ ޕަދުކޯން ވެއްޖެއެވެ.

Ads by MWSC

ގްލޯބަލް އެވޯޑަކީ ބައިނަލްއަގުވާމީ ގޮތުން ފާހަގަކޮށްލެވޭ އެކި ދާއިރާތަކުގެ މީހުންނަށް ހާއްސަކޮށް ދެމުން އަންނަ އެވޯޑެކެވެ. މި އެވޯޑުގެ މިއަހަރުގެ އެޑިޝަނަށް 3،000އަށް ވުރެ ގިނަ މީހުން ނޮމިނޭޓުވިއެވެ. ޖޫރީން އެ ނަންތައް ޝޯޓްލިސްޓުކޮށް ދިޕިކާއަށް ދީފައި ވަނީ އެންމެ މޮޅު ބަތަލާގެ އެވޯޑެވެ.

ގްލޯބަލް އެވޯޑު ލިބުނު އެހެން ބައެއް މަޝްހޫރު ޝަހުސިއްޔަތުތަކުގެ ތެރޭގައި އެމެރިކާގެ ކުރީގެ ރައީސް ބަރަކް އޮބާމާ، ޖެފް ބެޒޮސް، ފުޓުބޯޅަ އައިކަން ކްރިސްޓިއާނޯ ރޮނާލްޑޯ ވެސް ހިމެނެއެވެ.

ދިޕިކާއަކީ ބޮލީވުޑްގެ އިތުރުން ހޮލީވުޑްގައި ވެސް މަސައްކަތް ކޮށްފައިވާ ތަރިއެކެވެ. އިންޑިއާގެ ތަރިންގެ ތެރެއިން ދިޕިކާއަކީ އެހެން ވެސް ބައެއް ކާމިޔާބީތައް ހޯދައިފައިވާ ފަންނާނެކެވެ. އެގޮތުން ޓައިމްސް މެގަޒިންގެ އެންމެ ނުފޫޒު ގަދަ 100 ޝަހުސިއްޔަތުގެ ތެރޭގައި އެންމެ ފުރަތަމަ ހިމެނުނު ބޮލީވުޑް ފަންނާނަކީ ދިޕިކާއެވެ. އޭނާ އެލިސްޓުގައި ހިމެނުނީ 2018ވަނަ އަހަރެވެ.

މީގެ އިތުރުން ޖެހިގެން އައި 2019ވަނަ އަހަރު 26 ވަނަ ކްރިސްޓަލް އެވޯޑުގައި ނަފްސާނީ ދުޅަހެޔޮކަމަށް މަސައްކަތްކުރާ ފަންނާނުގެ އެވޯޑު އޭނާއަށް ލިބުނުއިރު ވެރައިޓީގައި އެންމެ ފުރަތަމަ ފީޗާ ކުރެވުނު ބޮލީވުޑް ފަންނާނަކަށް ވެސް އޭނާ ވެގެން ދިޔައެވެ.

ދިޕިކާ ދެން އެންމެ އަވަހަށް ސްކްރީނުން ފެންނާނީ އޭނާގެ ފިރިމީހާ ރަންވީރް ސިންގްއާ އެކު ފިލްމު "83" އިންނެވެ. އޭނާ މިހާތަނަށް ކުރާ އެންމެ ބޮޑު މަސައްކަތް "ޕަތާން" ގެ މަސައްކަތް ވެސް މިހާރު ދަނީ ކުރިއަށެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!