ނުގުޅޭ ޖަވާބު ދެއްވަމުން އިމްރާން ވިދާޅުވީ އަދާލަތުގައި ޓެރަރިސްޓުން ނުތިބޭނެކަމަށް
ރައްޔިތުންގެ މަޖިލީހުގައި މެމްބަރަކު ކުރެއްވި ސުވާލަށް ނުގުޅޭ ޖަވާބު ދެއްވަމުން، އަދާލަތު ޕާޓީގައި ޓެރަރިސްޓަކު އަދި ހަރުކަށި ފިކުރުގެ މީހަކު ނުހުންނާނެކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ވަނީ އަދާލަތު ޕާޓީގައި ޓެރަރިސްޓުން ތިބިކަމުގެ މައުލޫމާތު މިނިސްޓްރީއަށް ނުވަތަ ހޯމް މިނިސްޓަރަށް ލިބިފައިވޭތޯ ސުވާލު ކުރައްވައިފައެވެ. ޖަވާބުގައި މިނިސްޓަރު ވިދާޅުވީ ޓެރަރިޒަމް މަނާކުރާ ގާނޫނުގެ ދަށުން ފިޔަވަޅު އަޅަން ޖެހޭ އެއްވެސް މީހަކު އަދާލަތު ޕާޓީގައި ނުބަހައްޓާނެ ކަމަށާއި އެފަދަ މީހަކު ހުރިކަން އެނގިއްޖެ ނަމަ ވަކިކުރާނެ ކަމަށެވެ.
އަދާލަތު ޕާޓީގެ ލީޑަރުކަން ވެސް ކުރައްވާ އިމްރާން ވިދާޅުވީ ޓެރަރިސްޓެއް ނުވަތަ ހަރުކަށި ފިކުރުގެ މީހަކު އަދާލަތު ޕާޓީގައި ހުރިކަން އެނގޭ ނަމަ "ބަލަހައްޓައިގެން ނުތިބޭނެ" ކަމަށެވެ.
އިމްރާން މިފަދައިން ޖަވާބު ދެއްވުމުން ރިޔާސަތުގައި އިންނެވި މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ވިދާޅުވީ މަޖިލީހަށް ހާޒިރުވެވަޑައިގެން ހުންނެވީ ހޯމް މިނިސްޓަރުގެ ހައިސިއްޔަތުން ކަމަށާއި މެމްބަރުން ސުވާލު ކުރައްވަނީ ވެސް މިނިސްޓަރާ ކަމަށެވެ. ޖާބިރުގެ ސުވާލަށް އިޝާރާތް ކުރައްވައި އީވާ ވިދާޅުވީ މެމްބަރު އެއްސެވީ އަދާލަތުގައި ޓެރަރިސްޓަކު ހުރިކަމުގެ މައުލޫމާތު މިނިސްޓްރީއަށް ލިބިފައިވޭތޯ ކަމަށެވެ.
މިސުވާލަށް ޖަވާބު ދެއްވުމުގެ އިތުރު ފުރުސަތެއް ދެއްވަމުން އީވާ ވިދާޅުވީ މިނިސްޓަރު ބޭނުންވެލައްވާ ނަމަ އެސުވާލަށް ޖަވާބު އެރުވިދާނެ ކަމަށެވެ. ޖަވާބު ނުދެއްވުމުން އީވާ ވިދާޅުވީ އަދާލަތު ޕާޓީގެ ލީޑަރުގެ ހައިސިއްޔަތުން މަޖިލީހުގެ މެމްބަރުންގެ ސުވާލުތަކަށް ޖަވާބު ނުދެއްވޭނެ ކަމަށާއި ޕާޓީތަކުގެ ލީޑަރުންނާ ސުވާލު ކުރުމުގެ އުސޫލެއް މަޖިލީހުގައި ނޯންނަ ކަމަށެވެ.