ޚަބަރު

ނަންބަރު ބޯޑު ތައްޔާރުކުރުމުގެ މަސައްކަތް ހަވާލު ކުރުމުގައި ކޮރަޕްޝަން ހިންގައިފައިވާކަމުގެ މައްސަލައެއް

މަރްޔަމް ވަޙީދާ ، ދެން އޮންލައިން
އޭސީސީގެ ރައީސް މަރިޔަމް ޝިއުނާ/ ދެން އިމޭޖްސް

ދިވެހިރާއްޖޭގައި މެޝިން ރީޑަބަލް ނަންބަރު ބޯޑު ބޭނުންކުރުމަށް ޓަކައި، އެ ނަންބަރު ބޯޑުތައް ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދުމަށް މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީން 31 ޑިސެންބަރު 2019ގައި ކޮށްފައިވާ އިޢުލާނާ ގުޅިގެން ބިޑު ހުށަހެޅި ފަރާތްތަކުގެ ތެރެއިން ބައެއް ބިޑުތައް ބާޠިލްކުރުމަށް ފަހު ވަކި ފަރާތަކަށް ބިޑު އެވޯޑްކުރުމުގެ މަސައްކަތް ކުރަމުންދާކަމަށް ބުނެ ހުށަހެޅުނު މައްސަލަ ތަޙްޤީޤުކޮށް ނިންމައި، އެ މައްސަލާގައި ދަޢުވާކޮށްދިނުމަށް އެދި މިއަދު ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން ފޮނުވައިފިއެވެ.

Ads by Hajj Corporation

މި މައްސަލައިގައި، ދަޢުވާ ކުރުމަށްޓަކައި ފޮނުވައިފައި ވަނީ، މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަންގެ ބިޑު ކޮމިޓީގެ މެންބަރުން ކަމުގައިވާ ޝިމާޛު ޢަލީ (ބްލޫބެލް/ ސ.ހުޅުދޫ) އާއި، ޙަމަދު ޢަބްދުލްޣަނީ (ގ.ސައިމާ/ މާލެ) އާއި، ޢަލީ އިކްރާމް (ވައިލެޓްވިލާ/ ވ.ކެޔޮދޫ) އާއި، މުޙައްމަދު ނިޒާރު އާދަމް (ގުލްބަކާގެ/ ނ.މަނަދޫ) އާއި، މަރްޔަމް ސަމާޙަތު (ފަތިސްހަނދުވަރުގެ/ ހއ.ހޯރަފުށި) އަދި މަރްޔަމް ތަސްލީމާ (ނަންބަރު ރސ 9538 / ކ.މާލެ) ގެ މައްޗަށެވެ. އެފަރާތްތަކުގެ މައްޗަށް ދަޢުވާކުރުމަށް ފޮނުވައިފައި ވަނީ، ޤާނޫނު ނަންބަރު 2014/9 (ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު) ގެ 513 ވަނަ މާއްދާގެ (ށ) ގެ ދަށުން ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށުގެ ދަޢުވާއެވެ.

މި މައްސަލައިގެ ތަޙުޤީޤުން ފާހަގަކުރެވުނު ކަންތައްތަކަށް ބަލާއިރު، ދިވެހިރާއްޖޭގައި ދުއްވާ އެއްގަމު އުޅަނދުތަކުގައި ބޭނުންކުރުމަށް މެޝިން ރީޑަބަލް ނަންބަރު ބޯޑު ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދުމަށް މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީން ކޮށްފައިވާ އިޢުލާނަށް ބިޑް ހުށަހަޅާފައި ވަނީ 03 ކުންފުންޏަކުންނެވެ. އަދި މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަންގެ ބިޑު ކޮމިޓީން އެ ޕްރޮޖެކްޓް ހަވާލުކުރުމަށް ނިންމައިފައި ވަނީ ބިޑު އިވެލުއޭޝަން ކްރައިޓީރިއާއާ އެއްގޮތަށް ޕޮއިންޓް ދިނުމުން އިވެލުއޭޝަނުން ދެވަނައަށް ދިޔަ ވަސާޖިއޯ ޕްރައިވެޓް ލިމިޓެޑަށެވެ.

ވަސާޖިއޯ ޕްރައިވެޓް ލިމިޓެޑަށް ބިޑު އެވޯޑު ކުރުމަށް ބިޑު ކޮމިޓީން ނިންމައިފައި ވަނީ، އިވެލުއޭޝަނުން އެންމެ މަތިން ޕޮއިންޓް ލިބުނު ކުންފުނިން ހުށަހެޅި އަގުތައް ކުޑަ ނަމަވެސް، އެ ކުންފުނިން އެސް.އެމް.އީ ރަޖިސްޓްރޭޝަން ސެޓްފިކެޓް ހުށަހަޅާފައި ނުވާތީ އެކުންފުނީގެ ބިޑު ބާޠިލުކުރުމަށްފަހުގައެވެ.

އޭގެއިތުރުން، ވަސާޖިއޯ ޕްރައިވެޓް ލިމިޓެޑުން ބިޑާއެކު ހުށަހެޅި ސާމްޕަލް ނަންބަރު ބޯޑުތަކަށް ވުރެ އަނެއް ދެ ކުންފުނިން ހުށަހަޅައިފައިވާ ސާމްޕަލް ބޯޑުތަކުގެ ކޮލިޓީ ދަށް ކަމަށާއި، މައުލޫމާތު ކަރުދާހުގެ އެނެކްސް 1 ގައި ބަޔާންކުރާ، ސާމްޕަލް ނަންބަރު ބޯޑުތަކުގައި ހުންނަންޖެހޭ ޝަރުޠުތަކާ އެއްގޮތަށް ސާމްޕަލް ނަންބަރު ބޯޑު ހުށަހެޅީ ހަމައެކަނި ވަސާޖިއޯ ޕްރައިވެޓް ލިމިޓެޑުން ކަމަށްވާތީ ކަމަށް ބުނެއެވެ. އެހެން ނަމަވެސް، އެސް.އެމް.އީ ރަޖިސްޓްރޭޝަން ސެޓްފިކެޓް ހުށަހަޅަންޖެހޭ ކަމަށާއި، ބިޑާއެކު ހުށަހަޅަންޖެހޭ ސާމްޕަލް ނަންބަރު ބޯޑުތަކުގެ ވަރުގަދަ މިނާއި ކޮލިޓީއަށް ބެލޭނެކަމަކަށް ވެސް މައުލޫމާތު ކަރުދާހުގައި ބަޔާންކޮށްފައެއް ނުވެއެވެ.

ހަމައެހެންމެ، ތަހުޤީޤުން ބެލިބެލުމުން، ބިޑު ހުށަހެޅި ތިން ކުންފުނިން ވެސް ހުށަހެޅި ސާމްޕަލް ނަންބަރު ބޯޑުތަކުގައި މައުލޫމާތު ކަރުދާހުގެ އެނެކްސް 1 ގައި ބަޔާންކޮށްފައިވާ ޝަރުޠުތައް ފުރިހަމަވެއެވެ. ހަމައެހެންމެ، އިއުލާނާ ގުޅޭ އެންމެހާ ލިޔުންތައް ބިޑުތަކާއެކު ބިޑު ކޮމިޓީއަށް ހުށަހެޅިފައިވާކަމާއި، ބިޑު އެވޯޑު ކުރުމުގައި، އެ ލިޔުންތަކާ މައުލޫމާތު ކަރުދާހަށް ބިޑު ކޮމެޓީން ބަލާފައި ނުވާކަން ތަޙްޤީޤުން އެނގެއެވެ. ވުމާއެކު، އިޢުލާނާއެކު އާންމުކޮށްފައިވާ މަޢުލޫމާތު ކަރުދާހުގައި ބަޔާންކޮށްފައި ނުވާ ކަންތައްތަކަކަށް ބަލައި، އިވެލުއޭޝަނުން ދެވަނައަށް ދިޔަ ވަސާޖިއޯ ޕްރައިވެޓް ލިމިޓެޑަށް އެ ބިޑު އެވޯޑުކޮށްފައި ވަނީ އެފަރާތަށް ލިބެން ނުޖެހޭ ނާޖާއިޒު މަންފާއެއް ހޯދައިދިނުގެ މަޤުސަދުގައިކަން ތަޙްޤީޤަށް ސާބިތުވެއެވެ.

އަދި މި މައްސަލައަކީ 05 މާރިޗު 2020ގައި މި ކޮމިޝަނުން މައްސަލައާ ގުޅޭ މަޢުލޫމާތު މިނިސްޓްރީ އޮފް ފިނޭންސްއާ ޙިއްޞާކޮށް މި މައްސަލައާ ގުޅިގެން ފިޔަވަޅު އަޅައިދިނުމަށް އެދިފައިވާ މައްސަލައެކެވެ. އަދި މިނިސްޓްރީ އޮފް ފިނޭންސްއިން ވަނީ މި މައްސަލަ ބަލައި، މި ޕްރޮޖެކްޓް ކުރިއަށް ގެންދަންވާނީ ނޭޝަނަލް ޓެންޑަރ ބޯޑުންކަމަށް މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަނަށް އަންގައިފައެވެ. އަދި ވަސާޖިއޯ ޕްރައިވެޓް ލިމިޓެޑްއާއެކު ޤާއިމްކޮށްފައިވާ އެ އެއްބަސްވުން 15 އެޕްރީލް 2021ގައި މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީން ވަނީ ބާޠިލްކޮށްފައެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!