ބޮލީވުޑް މުނިފޫހިފިލުވުން

އާރްޔާން ހައްޔަރުކުރުމުން ޝާހުގެ ޕަތާންގެ ޝޫޓިން ލަސްކޮށްފި

އަޒްހާން އިބްރާޙީމް ، ދެން އޮންލައިން
އޮކްޓޯބަރު 10 އަށް ތާވަލުކޮށްފައި އޮތް ޝާހުގެ ޝޫޓިން ވަނީ ފަސްކޮށްފައި

ދޮށީ ދަރިފުޅު އާރްޔާން ހާން ހައްޔަރު ކުރުމާ ގުޅިގެން ޝާހުރުކް ހާން ޝޫޓު ކުރަމުންދިޔަ ފިލްމު "ޕަތާން"ގެ ޝޫޓިން ލަސްކޮށްފިއެވެ.

Ads by Sosun Fihaara

"ޕަތާން"ގެ ޝޫޓިންގެ ތާވަލުތަކެއް ހަދާފައި ވަނީ އެކި ބައިތަކަށް ބަހާލައިގެންނެވެ. އެގޮތުން އިންޑިއާގައި ޝޫޓުކުރަން ހަމަަޖެހިފައިވާ ފުރަތަމަ ތާވަލު މިހާރު ވަނީ ނިންމައިލައިފައެވެ. ކުރިއަށް ރާވައިފައި އޮތީ ދުނިޔޭގެ އެހެން ބައެއް ގައުމުތަކުގައި ކުރަން ނިންމައިފައި އޮތް ޝޫޓިންތަކެވެ.

ރިޕޯޓުތައް ބުނާ ގޮތުން މިމަހުގެ 10 ވަނަ ދުވަހު ޝޫޓިން ފަށަން ހަމަޖެހިފައި އޮތީ ސްޕެއިންގައެވެ. ނާކޮޓިކްސް ކޮންޓްރޯލް ބިއުރޯ (އެންސީބީ)އިން އާރްޔާން ހައްޔަރުކުރުމަށް ފަހު ކޯޓުން ވަނީ އޭނާގެ ބަންދުގެ މުއްދަތު މިމަހުގެ 7 ވަނަ ދުވަހުގެ ނިޔަލަށް އިތުރުކޮށްފައެވެ. މިއާ ގުޅިގެން ޝާހުގެ ޝޫޓިންތައް މިވަގުތަށް މަޑުޖައްސައިލަން ވަނީ ނިންމައިފައެވެ.

މަސްތުވާތަކެތީގެ މައްސަލައެއްގައި އާރްޔާން ހައްޔަރުކުރީ މިމަހުގެ 3 ވަނަ ދުވަހުއެވެ. އޭރު ޝާހު ދިޔައީ ޑައިރެކްޓަރު އަތުލީގެ ފިލްމެއްގައި މަސައްކަތް ކުރަމުންނެވެ. ރިޕޯޓުތައް ބުނާގޮތުން އެފިލްމުގެ މަސައްކަތް ވެސް ޝާހު ހުއްޓައިލިއެވެ. އަދި ޝާހުގެ ބަދަލުގައި އޭނާގެ ބޮޑީ ޑަބަލް ބޭނުންކޮށްގެން ޝޫޓިންތައް ކުރިއަށް ގެންދާކަމަށް މީޑިއާތަކުން ރިޕޯޓު ކުރެއެވެ.

"ޕަތާން"އަކީ ތިން އަހަރު ދުވަސް ފަހުން ޝާހުގެ ފުރަތަމަ ނިކުންނާނެ ބޮޑު ފިލްމުކަމަށް އޮތީ ބެލެވިފައެވެ. ޔަޝް ރާޖް ފިލްމްސްއިން ޕްރޮޑިއުސްކުރާ މި ފިލްމު ޑައިރެކްޓު ކުރަނީ ސިދާރްތު އާނަންދުއެވެ. ފިލްމުގައި އަންހެން ލީޑް ރޯލު ކުޅޭނީ ދިޕިކާ ޕަދުކޯންއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!