އަމާން އައްސޭރިއަކަށް ޤައުމު ގެންދިއުމަށް ހަރުދަނާ ޖީލެއް ބިނާކުރަންޖެހޭ: އިމްރާން
ބަވަނަވެފައިވާ ދުނިޔޭގައި މީސްމީޑިޔާގެ ކަޅުވިލާތަކުގެ ކޮޅިގަނޑުން ސަލާމަތްވެ އަމާން އައްސޭރިއަކަށް ޤައުމު ގެންދިއުމަށް ހަރުދަނާ ސާބިތު ޖީލެއް ބިނާކުރަން ޖެހޭކަމަށް ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.
ޤައުމީ ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ އިމްރާން ވިދާޅުވީ ދިވެހި ޤައުމިއްޔަތުގެ އެންމެ މުހިއްމު އަސާސީ ބަހާއަކީ މާތްވެގެންވާ އިސްލާމްދީން ކަމަށާއި ދީނަށް ހުރުމަތްތެރިކޮށް ހިތާ ދަރިންތަކެއް ތަރުބިއްޔަތުކުރަން ޖެހޭކަމަށެވެ.
ރޭ ޖުމްހޫރީ މައިދާނުގައި ބޭއްވި މި ޖަލްސާގައި އިމްރާން އިތުރަށް ވިދާޅުވީ އިންސާނުން ދިރިއުޅޭ ކޮންމެ ވަތަނެއްގައި އެބައެއްގެ ޤައުމު ހިމާޔަތްކޮށް, އިސްތިއުމާރާ އަޅުވެތިކަމުން ސަލާމަތްވެ މިނިވަންކަމާ އިސްތިޤުލާލް ރައްކާތެރި ކުރުމީ އިންސާނީ ކަރާމަތާއި އިއްޒަތުން ނަފުސުގެ އެންމެ މަތިވެރި އެއްސިފަކަމަށެވެ.
"އިންސާނުން ދިރިއުޅޭ ކޮންމެ ވަތަނެއްގައި އެބައެއްގެ ޤައުމު ހިމާޔަތްކޮށް, އިސްތިއުމާރާ އަޅުވެތިކަމުން ސަލާމަތްވެ މިނިވަންކަމާ އިސްތިޤުލާލް ރައްކާތެރި ކުރުމީ އިންސާނީ ކަރާމަތާއި އިއްޒަތުން ނަފުސުގެ އެންމެ މަތިވެރި އެއްސިފަ. އަޅުގަނޑުމެންގެ މިލޮބުވެތި ވަތަންގެ ފަޚުރުވެރި ކާބަފައިން މިސިފަ އެންމެ ފުރިހަމަގޮތުގައި ފޯރުކޮށްދެއްވައިފައި" އިމްރާން ވިދާޅުވިއެވެ.
ރޭ ބޭއްވި ގައުމީ ދުވަހުގެ ހާއްސަ ޖަލްސާގައި ސަރުކާރުން ދެއްވާ ޝަރަފުވެރިކަމުގެ ޤައުމީ އިނާމު 04 ބޭފުޅަކަށް އަދި ހިތްވަރު ދިނުމުގެ ޤައުމީ އިނާމު 14 ބޭފުޅަކަށްވަނީ ދެއްވާފައެވެ.
މީގެ އިތުރުން އދ.ގެ އާންމު މަޖިލީހުގެ މި ދައުރުގެ ރައީސް އަދި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދަށް ނިޝާން އިއްޒުއްދީނުގެ އިއްޒަތުގެ ވެރިޔާ (ނ.ޢ.ޢ.ވ.) ލަގަބު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ރޭ އަރުވައިފައެވެ.