އެލެކްސްއަކީ އަޅުގަނޑު، އެއީ ނުރަސްމީ އެކައުންޓެއް: ރައީސް ނަޝީދު

ޓްވިޓަރގައި އަނެއް ދިވެހިރާއްޖެ ނަމުގައި ހަދާފައިވާ ހޭންޑަލްގެ ވެރިފަރާތަކީ މަޖިލީހުގެ ރައީސް، ރައީސް ނަޝީދު ކަމަށް އެމަނިކުފާނު ވިދާޅުވެއްޖެއެވެ.
މިއަދު ރައީސް ނަޝީދު ކުރިޔަށް ގެންދެވި ނޫސްވެރިންގެ ބައްދަލުވުމުގައި "ދެން"އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް ނަޝީދު ވިދާޅުވީ، ކުރިން އެލެކްސްގެ ނަމުގައި ހިންގަމުން އައި އެކައުންޓަކީ އެމަނިކުފާނުގެ ނުރަސްމީ އެކައުންޓެއް ކަމަށެވެ. އަދި އެ އެކައުންޓުން ވިދާޅުވާ ބަސްފުޅަކީ ރައީސް ނަޝީދުގެ ރަސްމީ ބަހެއް ނޫން ކަމަށް ވެސް ވިދާޅުވިއެވެ.
"އަޅުގަނޑަކަށް ނުފެނޭ ރަސްމީ ގޮތެއްގައި އަޅުގަނޑު ބުނާ އެއްޗެހީގެ ގޮތުގައި ތިބޭފުޅުން ބޭނުން ކުރައްވާކަށް" ރައީސް ނަޝީދު ވިދާޅުވިއެވެ.
ރައީސް ނަޝީދު ވިދާޅުވީ، އެލެކްސް އައިޑީ އެމަނިކުފާނު ގިނައިން ބޭނުންފުޅު ކުރައްވަނީ ތާރީޚީ އަދި ޘަޤާފީ މައުލޫމާތު ހިއްސާ ކުރެއްވުމަށް ކަމަށާއި ބައެއް ފަހަރު ސިޔާސީ ކަންކަމުގައި އަދި ބަހުސްގެ ތެރޭގައި ވެސް އެ އައިޑީން ބައިވެރިވެފައިވާނެ ކަމަށް ވިދާޅުވިއެވެ.
ރައީސް ނަޝީދު ވިދާޅުވީ އަނެއް ދިވެހިރާއްޖެ ނަމުގައި އިތުރު އެކައުންޓްތަކެއް ވެސް ދައުރުވާ ކަމަށާއި އެކަމަށް ސަމާލުވުމަށް އެދޭ ކަމަށެވެ. ރައީސް ނަޝީދު ވަނީ އެލެކްސް އަޙްމަދު ޖަހައިގެން އިތުރު އައިޑީތަކެއް ޓްވިޓަރގައި އުޅޭތީ، އަނެއްދިވެހިރާއްޖެ ހޭންޑަލްގެ ނަން އެމް.އެން އަންއޮފިޝަލްއަށް ބަދަލު ކުރައްވައިފައެވެ.
ރައީސް ނަޝީދު އިތުރަށް ވިދާޅުވީ، ޓްވިޓަރގައި އެއްވެސް މީހަކު ލިޔާ ވާހަކައެއް ނޫސްތަކުގައި ލިޔަން ފެނިވަޑައިނުގަންނަވާ ކަމަށާއި ބްރޭކިންގް ނިއުސްގެ ގޮތުގައި ޓްވީޓެއް އައުމަކީ ނުސްވެރިކަމަށް އޮތް ރަނގަޅު މަގެއް ނޫން ކަމަށެވެ.
ރައީސް ނަޝީދު ވަނީ މީގެ ކުރިން އެލެކްސް އައިޑީ ބޭނުންކޮށް ސިޔާސީ ބައެއް ބޭފުޅުންގެ ޓްވީޓްތަކަށް ރިޕްލައިކޮށް ހައްދަވައިފައެވެ. މިއީ އެލެކްސް އައިޑީއަކީ ރައީސް ނަޝީދު ކަމަށް އެމަނިކުފާނު ވިދާޅުވި ފުރަތަމަ ފަހަރެވެ.





.webp)
ކޮމެންޓް