ސާފްގެ ފެއަރޕްލޭ ޓީމަކަށް ރާއްޖެ، މަރުޙަބާ!

އުރީދޫ ސާފް ޗެންޕިއަންޝިޕްގެ ފެއަރޕްލޭ ޓީމަކަށް ރާއްޖޭގެ ޤައުމީ ޓީމް ހޮވިއްޖެއެވެ.
ސާފް ޗެންޕިއަންޝިޕް ފައިނަލަށް މެޗަށް ފަހު އޮތް ނިންމުމުގެ ރަސްމިއްުޔާތުގައި، ރާއްޖޭގެ ފަރާތުން މި އެވޯޑާ ހަވާލުވީ ޤައުމީ ކެޕްޓަން އަކްރަމް އަބްދުލްޣަނީއެވެ.
މިއަހަރުގެ ސާފް ޗެންޕިއަންޝިޕްގައި ރާއްޖޭގެ ޤައުމީ ޓީމުން ވަނީ މޮޅު ކުޅުމެއް ދައްކައިފައެވެ. ލީގު އުސޫލުން ކުރިޔަށް ގެންދިޔަ މިއަހަރުގެ މުބާރާތުން ރާއްޖެ ފައިނަލަށް ދަތުރު ނުކުރީ، އެންމެ ފަހު މެޗުން އިންޑިއާ އަތުން ބަލިވެގެންނެވެ.
މިއަހަރުގެ ސާފް ޗެންޕިއަންޝިޕްގެ ތަށި ކާމިޔާބުކޮށްފައި ވަނީ އިންޑިއާއިންނެވެ. އިންޑިއާއިން ސާފް ޗެންޕިއަންޝިޕް ކާމިޔާބުކޮށްފައި ވަނީ މިރޭ ކުޅުނު ފައިނަލް މެޗްގައި ނޭޕާލްއާ ބައްދަލުކޮށް، 3-0ގެ ނަތީޖާއަކުން މެޗް ކާމިޔާބުކޮށްގެންނެވެ.
މިފަަހަރުގެ މުބާރާތުގައި ރާއްޖެއިން މުބާރާތުގެ ފެށުން ގޯސްކޮށް ދިޔަ ނަމަވެސް ދެން ކުޅުނު ދެ މެޗުން ރަނގަޅު ނަތީޖާއެއް ވަނީ ނެރެފައެވެ. މިގޮތުން ބަނގްލަދޭޝް އަތުން 2-0 އިން އަދި ލަންކާ އަތުން 1-0އިން ރާއްޖެ ވަނީ މޮޅު ހޯދައިފައެވެ. ފުރަތަމަ މެޗުން ނޭޕާލް އަތުން 1-0 ގެ ނަތީޖާއަކުން ބަލިއިރު، ފަހު މެޗުން އިންޑިއާއާ ބައްދަލުކޮށް ބަލިވީ 3-1ގެ ނަތީޖާއަކުންނެވެ.