ޚަބަރު

މިހާރު އޮތް ޖޭއެސްސީ އޮވެގެން ފެންނަމުންދާނީ އާޓީފިޝަލް އިންޑިޕެންޑެންޓު ޖުޑިޝިއަރީއެއް: ޑރ. ޖަމީލު

މަރިޔަމް އިސްމާޢިލް ، ދެން އޮންލައިން
ޑރ. މުހައްމަދު ޖަމީލް އަހުމަދު.. ދެން އިމޭޖްސް

ރައީސް އަބްދުﷲ ޔާމީންއަށް ގިނަ ޙުކުމްތަކެއް ކޮށްފައި މެނުވީ އެމްޑީޕީ ކޯލިޝަން ސަރުކާރުން، ޖުޑީޝަލް ސާވިސް ކޮމިޝަންގެ ކޮމްޕޮޒިޝަން ބަދަލުނުކުރާނެ ކަމަށް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވެއްޖެއެވެ.

Ads by STELCO

ޖޭއެސްސީގެ ކޮމްޕޮޒިޝަން ބަދަލުކުރަން ވެފައިވާ ވަޢުދު ނުފުއްދާ ގިނަ ދުވަސްތަކެއް ވަނީ ވެފައެވެ. އެކަމާ ގުޅިގެން "ދެން"އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ޑރ. ޖަމީލު ވިދާޅުވީ، ކޮމްޕޮޒިޝަން ބަދަލުނުކޮށް ލަސް ކުރަމުންދަނީ ސީދާ ރައީސް ޔާމީންގެ ޝަރީޢަތްތަކަށް ނުފޫޒު ފޯރުވަން ކަމަށާއި ކޮމްޕޮޒިޝަން ބަދަލުކުރި ނަމަވެސް ސަރުކާރުން ބަދަލު ކުރާނީ ރައީސް ޔާމީންއަށް އެ ބޭފުޅުން ބޭނުންވާ ޙުކުމްތަކެއް ކޮށްފައި ކަމަށް ޑރ. ޖަމީލު ތުހުމަތު ކުރެއްވިއެވެ.

"ޖޭއެސްސީގެ ކޮމްޕޮޒިޝަން ބަދަލުނުކޮށް ލަސްކުރަނީ ސީދާ ރައީސް ޔާމީންގެ ޝަރީޢަތަށް ނުފޫޒު ފޯރުވަން. އެކަމުގެ ފަހަތުގައި އޮތީ ޖުޑިޝިއަރީއަށް އަތް ބާނައި ރައީސް ޔާމީންއަށް ޓާގެޓުކޮށްފައިވާ މައްސަލަތަކަށް ނުފޫޒު ފޯރުވުން. އެއީ ޝައްކެތް ނެތް މިންވަރަށް ފެންނަން އޮތް ޙަޤީގަތެއް. ރާއްޖޭގެ ޖުޑީޝިއަރީގެ މިނިވަންކަމަށް މިހާރު އޮތް އެންމެ ބޮޑު ހުރަހަކީ ޖޭއެސްސީގެ މިހާރުގެ ކޮމްޕޮޒިޝަން. ނަމަވެސް އެކަން މިސަރުކާރުން ބަދަލު ކުރާނީ ރައީސް ޔާމީންއަށް އެ ބޭފުޅުން ބޭނުންވާ ޙުކުމްތަކެއް ކޮށްފައި. އެކަން މިދަނީ ފެންނަމުން. މިހާރު އޮތް ޖޭއެސްސީ އޮވެގެން ފެންނަމުންދާނީ އާޓީފިޝަލް އިންޑިޕެންޑެންޓު ޖުޑިޝިއަރީއެއް" ރައީސް ޔާމީންގެ އިސް ޤާނޫނީ ވަކީލު އަދި ރާއްޖޭގެ ކޯޓުތަކުގައި މީގެ ކުރިން ފަނޑިޔާރުންކަން ވެސް ކުރައްވައިފައިވާ ރާއްޖޭގެ ކުރީގެ ނައިބު ރައީސް ޑރ. މުޙައްމަދު ޖަމީލު އަޙުމަދު ވިދާޅުވިއެވެ.

މިކަމާ ގުޅިގެން ޖޭއެސްސީގެ ބަހެއް ހޯދަން "ދެން"އިން އެ ކޮމިޝަންގެ ރައީސާ ހިސާން ހުސެއިންއަށް ގުޅާލުމުން ޖަވާބު ދެއްވާފައިނުވާތީ އެކަން ކާމިޔާބުވާ ގޮތް ވަނީ ނުވެފައެވެ.

ޖޭއެސްސީގެ ކޮމްޕޮޒިޝަން ބަދަލުނުކޮށް ލަސްކުރަމުންދާ ދިއުމާ ގުޅިގެން ޑރ. ޖަމީލުގެ ތުހުމަތުތަކެއް ސަރުކާރަށް އަމާޒުވެފައިވާއިރު އެ ކޮމިޝަންގައި ސިޔާސީ މީހުން ތިބޭތީ ފާޑުކީ އެމްޑީޕީއިން ވެސް އެކަންކަން ބަދަލުނުކުރުމުން ގިނަ ބައެއްގެ ފާޑުކިޔުން ވަނީ މި ސަރުކާރަށް އަމާޒުވެފައެވެ.

ޖޭއެސްސީގައި ހިމެނިވަޑައިގަންނަވާ ބައެއް ބޭފުޅުންނަކީ ރައީސް ނަޝީދުގެ ޤާނޫނީ ވަކީލުކަން ކުރައްވައިފައިވާ ބޭފުޅުންނެވެ. އޭގެ އިތުރުން އެ ބޭފުޅުން ވަނީ 2018ގެ ރިޔާސީ އިންތިހާބު ބާތިލު ކުރަން ހުށަހެޅި މައްސަލައިގައި ވެސް ވަކާލާތުކޮށްފައެވެ.

ޖޭއެސްސީގެ ރައީސްއަކީ ތުޅާދޫ ދާއިރާގެ އެމްޑީޕީ މެންބަރު ހިސާން ޙުސައިނެވެ. މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން ރައީސް ނަޝީދު ވެސް ޖޭއެސްސީގައި އިންނަވައެވެ. އަދި ބަންޑާރަ ނައިބު އިބްރާޙީމް ރިފްޢަތާ އެކު، ރައީސްގެ މަންދޫބެއްގެ ގޮތުން މަޞްތޫރު ހުސްނީ ވެސް އެ ކޮމިޝަންގައި އިންނަވައެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!