އިންޑިއާ-ނޭޕާލްގައި ފެންބޮޑުވުން: 100އަށް ވުރެ ގިނަ މީހުން މަރުވެއްޖެ
އަވަށްޓެރި އިންޑިއާގެ އުތުރުފަރާތާއި ނޭޕާލްގެ ވެސް ބަޔަކަށް ބޯކޮށް ވާރޭ ވެހި ފެންބޮޑުވުމުގެ ސަބަބުން މިހާތަަނަށް 100އަށްވުރެ ގިނަ މީހުން މަރުވެއްޖެކަމަށް ރިޕޯޓުތަކުން ބުނެފިއެވެ.
ވިއްސާރައިގެ ސަބަބުން މި ދެ ޤައުމުގެ ވެސް ބައެއް ސަރަޙައްދުތަކުން ބިންގަނޑު ކަނޑައިގެން ގޮސް، ބައެއް ގެތައް ވެސް ވަނީ ހަލާކު ވެގެން ގޮސްފައެވެ.
އިންޑިއާގެ އުއްތަރްކަންޑުން 50އަށް ވުރެ ގިނަ މީހުން މިހާތަނަށް މި ކާރިސާގައި މަރުވެފައިވާ އިރު، އޭގެ ތެރޭގައި އެއް އާއިލާއަކަށް ނިސްބަތްވާ ފަސް މީހަކު ވެސް ހިމެނެއެވެ. ނޭޕާލުން ވެސް ވަނީ 50އާ ގާތް ކުރާ އަދަދަކަށް މީހުން މަރުވެފައި ކަމަށް ރިޕޯޓުތަކުން ބުނެއެވެ.
އިންޑިއާގެ އުއްތަރްކަންޑްގެ އިތުރުން ކެރަލާގައި ވެސް ވަނީ ފެންބޮޑުވެފައެވެ. މި ކާރިސާގައި އެތަނުން މިހާތަނަށް 39 މީހުން މަރުވެފައިވާ ކަމަށް ރިޕޯޓުތަކުން ބުނެއެވެ.
ވިއްސާރައިގެ ސަބަބުން ފެންބޮޑުވުމާއި މިފަދަ ގެއްލުންތަކުގެ ސަބަބުން، އެ ސަރަޙައްދުތަކުގެ ސްކޫލުތައް ވެސް މިދުވަސްކޮޅު ވަނީ ބަންދުކޮށްފައެވެ. އަދި އެމީހުން ޤަބޫލު ކުރާ ދީނުގެ އެކި ޙަފްލާތައް ބޭއްވުމާއި ފަތުރުވެރިކަމުގެ އެކި ހަރަކާތްތައް ވެސް މިދުވަސްކޮޅު އެ ސްޓޭޓްތަކުގައި ބޭއްވުން ވަނީ މަނާ ކޮށްފައެވެ.
ފެންބޮޑުވުމުން ނޭޕާލްގައި އެންމެ ބޮޑަށް އަސަރު ކޮށްފައި ވަނީ ޕަންޗްތަރްއާއި އިލާމް އަދި ދޯޓީއަށެވެ.
ނޭޕާލުގައި ބޮޑުވެފައިވާ ފެންގަނޑު ފަސޭހައިން ހިންދައި ނުލެވިދާނެ ކަމަށް އެޤައުމުގެ މޫސުމާ ބެހޭ އިދާރާތަކުން ވަނީ ބުނެފައެވެ.
ވިއްސާރައިގެ ސަބަބުން ބައެއް އާއިލާތައް އެމީހުން ދިރިއުޅޭ އިމާރާތްތަކުގައި ތާށިވި ކަމަށާއި އޭގެ ތެރެއިން މިހާރު ވެސް ނޭޕާލުގެ 60 ރައްޔިތުން ސަލާމަތްކޮށްފައިވާ ކަމަށް ރޮއިޓާސްގައި ރިޕޯޓު ކޮށްފައިވެއެވެ.