ޚަބަރު

އާންމުވި ޔޫޓީއެފް އެއްބަސްވުމާއި ކޮމިޓީގައި ހާމަކުރި އެއްބަސްވުމުގެ މަޢުލޫމާތާ މާބޮޑު ތަފާތެއްނެތް!

މަރިޔަމް އިސްމާޢިލް ، ދެން އޮންލައިން

މީގެ ކުރިން އާންމުވި އުތުރުތިލަފަޅުގެ އެއްބަސްވުމުގެ ޑްރާފްޓާއި، މިއަދު މަޖިލީހުގެ ގައުމީ ސަލާމަތާ ބެހޭ ކޮމިޓީގައި ޑިފެންސުން ހާމަކުރި މަޢުލޫމާތާ މާބޮޑު ތަފާތެއް ނެތްކަން ހާމަވެއްޖެއެވެ.

Ads by Hajj Corporation

މަޖިލީހުގެ 241 ކޮމިޓީއަށް މިއަދު ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީއާއި ސިފައިންގެ އިސްވެރިން ހާޒިރުކޮށް ކުރިއަށް ގެންދިޔަ ބައްދަލުވުމުގައި ޑިފެންސް މިނިސްޓަރު އަލްއުސްތާޛާ މާރިޔާ އަޙުމަދު ދީދީ ވަނީ އެ އެއްބަސްވުމަކީ ދެ ފަރާތުގެ ވެސް މަޞްލަޙަތު ހިމެނޭ އެއްބަސްވުމަކަށް ވުމުން ދެ ފަރާތުން ވެސް ސިއްރު ހިފަހައްޓަން ޖެހޭނެ ކަމަށް ވިދާޅުވެފައެވެ. އެހެންކަމުން މިއަދުގެ ކޮމިޓީ ބައްދަލުވުމުގައި ހަތަރު އެއްބަސްވުމުގެ ތަފްޞީލު ދޭން ނިންމައިފައި ވަނީ ޕްރެޒެންޓޭޝަންގެ ސިފައިގައި ކަމަށް މިނިސްޓަރު ވިދާޅުވުމާ އެކު ބައްދަލުވުމުގެ އަޑު ވަނީ މަޖިލީހުގެ ޔޫޓިއުބު ޗެނަލްއިން ކަނޑައިލައިފައެވެ. ނަމަވެސް މިއަދުގެ ބައްދަލުވުން ކުރިއަށް ދިޔަ ވަގުތު އެމްއެންޑީއެފްގެ އޮފިޝަލަކު ޙިއްސާކުރެއްވި މަޢުލޫމާތަށް ބަލާއިރު، އުތުރުތިލަފަޅު އެއްބަސްވުމުގައި ވާގޮތުން، އެތަން ތަރައްޤީ ކުރަން 3 އަހަރު ލިބޭނެއެވެ. އެއަށް ފަހު 15 އަހަރަށް އެއްބަސްވުން ދެމިގެންދާއިރު، އެއްބަސްވުމުގެ މުއްދަތު ހަމަވުމަށް ފަހު 12 މަސް ތެރޭގައި ލިޔުމުން ނާންގާ ނަމަ އިތުރު 10 އަހަރަށް އެއްބަސްވުން ދެމިގެން ދާނެ ކަމަށެވެ. އެހެން ކަމުން ސޮއި ކުރި ތާރީޚުން ފެށިގެން މި އެއްބަސްވުން ޖުމްލަ 28 އަހަރަށް ދެމިގެން ދިޔުމުގެ ފުރުޞަތު އޮތްއިރު، މީގެ ކުރިން ޢާންމުވެފައިވާ އުތުރުތިލަފަޅު އެއްބަސްވުމުގެ ޑްރާފްޓުގައި ވާގޮތުން އެއްބަސްވުން ދެމި އޮންނާނީ 30 އަހަރަށެވެ. އެހެން ނަމަވެސް ބެލެވޭގޮތުގައި ސޮއި ކުރިއިރު އެއްބަސްވުމުގެ މުއްދަތަށް ވަނީ ބަދަލު ގެނެސްފައެވެ.

މިއަދު އިތުރަށް ޑިފެންސުން ހާމަކުރި މަޢުލޫމާތުތަކަށް ބަލާއިރު މީގެ ކުރިން ޢާންމުވެފައި ވަނީ ޞައްޙަ ޑްރާފްޓެއްކަން ޔަޤީން ކުރެވެއެވެ. މިގޮތުން އެއްބަސްވުމުގެ 5ވަނަ މާއްދާގެ ގޮތުގައި ޑިފެންސުން ދެއްކި މާއްދާތަކާއި ލީކުވި ޑްރާފްޓުގައި ހިމެނޭ މާއްދާތަކަކީ އެކައްޗެއްކަން ވަނީ ހާމަވެފައެވެ.

އެއްބަސްވުމުގެ 5 ވަނަ މާއްދާގެ ދަށުން އެކަން ކުރާނެ ގޮތް ޑިފެންސް މިނިސްޓްރީގެ އޮފިޝަލް ވަނީ ހާމަކޮށްދެއްވައިފައެވެ. މިގޮތުން ރާއްޖޭގެ ފަރާތުން އެ ކޮމިޓީގައި އެންމެ އިސްކޮށް އިންނަވާނީ ޗީފް އޮފް ޑިފެންސް ފޯސް، އަދި ރާއްޖޭގެ ސަރުކާރުން ނޮމިނޭޓު ކުރާ ދެ ފަރާތް ކަމަށް އޮފިޝަލް ވިދާޅުވިއެވެ. އަދި މިހާރު އެ ދެ ފަރާތުގެ ގޮތުގައި ކަނޑައަޅައިފައި ވަނީ ބްރިގޭޑިއާ ޖެނެރަލް ހާމިދު ޝަފީޤު އަދި ކާނަލް މުޙައްމަދު ސަލީމް ކަމަށް ބުނެފައި ވެއެވެ. ފާހަގަކޮށްލެވޭ ގޮތުގައި ލީކުވި ޑްރާފްޓުގެ 5 ވަނަ މާއްދާގައި ވެސް ހަމަ މިގޮތަށް މި ކޮމިޓީ އޮންނަ ވާހަކަ ހިމަނައިފައިވެއެވެ. އަދި އެ ކޮމިޓީގައި އިންޑިއާ ހައިކޮމިޝަނަރާއި އިންޑިއާއިން ކަނޑައަޅާ ދެ ފަރާތެއް ތިބޭނެ ކަމަށް ވެސް ބުނެފައިވެއެވެ.

ކޮމިޓީ ބައްދަލުވުން ކުރިއަށް ގެންދިޔައީ ސިއްރުކޮށްގެން ނަމަވެސް، ދިމާވި ޓެކްނިކަލް މައްސަލައެއްގެ ސަބަބުން ކޮމިޓީގެ ބޮޑުބައި ވަނީ މަޖިލީހުގެ ޔޫޓިއުބު ޗެނަލް މެދުވެރިކޮށް ލައިވް ކުރެވިފައެވެ. ނަމަވެސް މަޖިލީހުން ފަހުން ވަނީ އެ އޯޑިއޯ ޔޫޓިއުބް ޗެނަލުން ނަގައިފައެވެ.

Ads by Ooredoo
  1. ބުލްބުލް

    ތި އެއްބަސް ވުމުގެ 40 ކޮޕީ އޮތީ 40 ގޮތައް އެގްރިމެންޓް ކޮއްފަ. އަސްލު އޮތީ ގެރި މޯދީ އަތުގަ އާއި ވާނުވާ ގަ ހުންނަ ސޮރު އަތުގަ. ޢޭގަ އޮތީ ކީކޭކަން ބުނެދޭން މިނިސްޓަރަކަށް ނޭންގޭ.