ރިޕޯޓް

ބަދަލުދިނުން – ނިމުމެއްނެތް ބަލިމަޑުކަމެއް

އަބްދުﷲ ރަޝީދު (ކްރިސްޓަލް) ، ދެން އޮންލައިން
ފޮޓޯ: މިހާރު

ސަރުކާރުގެ ނިންމުންތަކުގެ ސަބަބުން އެކިކަހަލަ އަނިޔާތައް ލިބިފައިވާ ފަރާތްތަކަށް ބަދަލު ދިނުމަކީ އަބަދުވެސް އެކި ގޮތްގޮތުން ހިނގަމުން އަންނަ ކަމެކެވެ. 2018ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި އެންމެ މަޤްބޫލު ވަޢުދަކަށް ވެގެން ދިޔައީ "އިންސާފު ޤާއިމްކޮށް" ޢަދުލުވެރި ބަދަލު އެކި ގޮތްގޮތުން އަނިޔާ ލިބިފައިވާ ފަރާތްތަކަށް ހޯދައިދިނުމަށް ވެފައިވާ ވަޢުދެވެ.

ސަރުކާރު ބަދަލުވެގެން ދިއުމާއެކު "ޢަދުލުވެރި ބަދަލު" ދިނުމުގެ ތެރެއިން ތިރީހުން،ސާޅީހުން މިލިއަން ރުފިޔާ އެކި ފަރާތްތަކަށް ލިބިގެން ދިޔައެވެ. ޝަރީޢަތުގައި ހިނގަމުންދިޔަ ބައެއް މައްސަލަތަކުގައި ބަދަލުދޭން ނުޖެހޭނެކަމަށް ބުނެ ދައުލަތުން ދިފާޢު ކުރަމުން ދިޔަ ޕޮޒިޝަން ކުއްލިއަކަށް ބަދަލުވެ ގިނަ މައްސަލަތަކެއްގައި އިދިކޮޅަށް ދައުލަތުގެ ވަކީލުންގެ ބަސްމަގު ބަދަލުވިއެވެ. ބައެއް ފަނޑިޔާރުން ދައުލަތުގެ ވަކީލުންނާ ކުރިމަތިކުރި ހޫނު ސުވާލު ތަކާއެކު ވެސް ބަދަލުކުރި ޕޮޒިޝަންގައި ކޮންމެވެސް ސަބަބަކާހުރެ ތިބުން ނޫން އިތުރު ގޮތެއް އެބޭފުޅުންނަށް ނެތް ކަހަލައެވެ. ނޫސްތަކުގެ ސުރުޚީތަކުން އެފަދަ ޚަބަރުތައް ޖާގަ ހޯދިއެވެ. އަދި ޤާނޫނާ ޚިލާފަށް ވަޒީފާއިން ވަކިކޮށްގެން ބަދަލު ލިބެން ޖެހޭނެ ކަމަށް ބުނެ ދަޢުވާކުރި މައްސަލަތަކުގައި އެފަރާތްތައް ވަޒީފާއިން ވަކިކުރީ ޤާނޫނާ އެއްގޮތަށް ކަމަށް ބުނެ ދިފާޢު ކުރަމުން ދިޔަ ދައުލަތުގެ ސްޓޭންޑް ބައެއް މައްސަލަތަކުގައި އިދިފުށަށް ބަދަލުވެ، ވަޒީފާއިން ވަކިކުރި ބައެއް މީހުންނަށް މިލިއަނުން ގުނާލެވޭނެ ބަދަލު ލިބިގެން ދިޔައެވެ.

ބަދަލު ދިނުމުގައި އެންމެ ފާހަގަކޮށްލެވުނު ކަމަކީ ބައެއް ފަރާތްތަކަށް ވަޒީފާއިން ވަކިކުރި ދުވަހުގެ ފެށިގެން އަލުން ވަޒީފާ ލިބުނު ދުވަހާ ހަމައަށް ބަދަލު ލިބުނު އިރު، އަނެއް ބައިމީހުންނަށް ލިބުނު ބަދަލުގެ މިންވަރު އެއް އަހަރަށްވުރެ އިތުރު ނުކުރުމަށް ކޯޓުތަކުން ނިންމުމެވެ. ހަމައެއާއެކު ފާހަގަ ވެގެންދިޔަ އަނެއްކަމަކީ ބައެއް ފަރާތަކަށް ބަދަލު ހޯދުމަށް އަލުން ވަކި ދަޢުވާއެއް ކުރުން ނޫން އިތުރު މަގެއް ފެނިގެން ނުދިއުމެވެ. އެއްބަޔަކަށް އަނބުރާ ވަޒީފާ އިއާދަވެގެން ދާއިރު ދެންތިބި ފަރާތްތަކަށް ޝަރީޢަތުގައި މައްސަލަ އޮތް މުއްދަތު ދިގުލުމުގެ ސަބަބުން ވަޒީފާވެސް އަދި ބަދަލެއް ވެސް ނުލިބި ހުސްއަތާ ގެއަށް ދާން ޖެހޭ ހާލަތު ވެސް މެދުވެރިވަމުން ދިއުމެވެ. ސަރުކާރުގެ ނިންމުންތަކުގެ ސަބަބުން އެއްބަޔަކަށް ބޮޑެތި ބަދަލުތައް ދެވި، ހޭވެރިކަންވިއިރު އަނެއްބަޔަކަށް ބަދަލެއް ލިބޭނެކަމުގެ ކޮޅުމައްޗެއް ވެސް އަދި އުންމީދެއްވެސް ނެތި ހޭރިއާކުރަން ޖެހިފައިވުމެވެ.

ދައުލަތުގެ އެކި މަޤާމުތައް ހަވާލުވެފައިވާ ފަރާތްތަކުގެ އިހުމާލުން ނުވަތަ އެފަރާތްތަކުން "ސިޔާސީ ބޭނުމަށް" ހަމައެއް ލަމައެއްނެތި ނިންމި ނިންމުންތަކުގެ ބަދަލު ރައްޔިތުންގެ ފައިސާއިން ދެމުން ދިއުމަކީ އިންސާފުވެރި ހަމައަކުން ވެގެންވާނެ ގޮތެއް ނޫނެވެ. އަދި އެއީ ޤާނޫނީ އުސޫލެއް ވެސް ނޫނެވެ.

ޤާނޫނު ނަންބަރު 68/01 ޖ (އޮފިޝަލް ކަންތައް) ޗެޕްޓަރ 1 ގެ 09 ވަނަ މާއްދާގައި ބަޔާން ކޮށްފައި ވަނީ، ކޮންމެ މިނިސްޓަރަކުވެސް އެމިނިސްޓަރެއްގެ ދަށުގައިވާ ތަންތާނގެ ކަންތައްތަކާއި އެތަންތަނުން ހިންގާ ކަންތައްތައް ރަނގަޅަށް ބަލަހައްޓަންވާނެއެވެ. އަދި ސަރުކާރުގެ ކޮންމެތަނެއް ނުވަތަ ކަމެއް ހަވާލުވެފައިވާ މީހަކުވެސް އެމީހަކާ ހަވާލުވެފައިވާ ތަނެއް ނުވަތަ ކަމެއް ރަނގަޅަށް ބަލަހައްޓަންވާނެއެވެ. އަދި ކޮންމެ މިނިސްޓަރަކުވެސް އަދި އެނޫން ކޮންމެ ވެރިޔަކުވެސް އަދި ސަރުކާރުގެ ކޮންމެ މުވައްޒަފަކުވެސް އެމީހެއްގެ އިހުމާލުން ގެއްލުމެއް ވެއްޖެނަމަ އެކަމެއްގެ ޒިންމާ އުފުލަން ވާނެއެވެ. ޤާނޫނުގެ ދެންނެވުނު މާއްދާއަކީ ތަންފީޒު ނުކުރެވޭ އަދި ލިއުމުގައި އޮތް ޢަމަލު ކުރުމުގައި ނެތް މާއްދާއެއް ފަދައެވެ. ދައުލަތުގެ ވެރިންގެ އިހުމާލުން ރައްޔިތުން އުފުލަންޖެހޭ ބުރައަށް ނިމުމެއް އަންނާނީ ޤާނޫނުތައް ފުރިހަމަ މާނައިގައި ތަންފީޒު ކުރެވި، އެފަރާތެއްގެ އިހުމާލުން ދައުލަތަށް ލިބޭ ގެއްލުންތަކުގައި އެފަރާތްތައް ޒިންމާ ކުރުވާ ޖަވާބުދާރީ ކުރުވިގެންނެވެ. އެކަންކުރުމުގެ ޤާނޫނީ ޒިންމާ އުފުލާންޖެހޭ ބަޔަކުވެސް ތިބޭނެއެވެ.

 

ނޯޓް: މި ކޮލަމް ލިއުއްވާފައިވާ އަލްއުސްތާޛް ޢަބްދުﷲ ރަޝީދަކީ ބެޗްލަރ އޮފް ޝަރީޢާ އެންޑް ލޯ އަދި މާސްޓަރ އޮފް ކޮމްޕެރެޓިވް ލޯ ފުރިހަމަ ކުރައްވާ، ރާއްޖޭގެ ކޯޓުތަކުގައި ވަކާލާތު ކުރައްވަމުން ގެންދަވާ ޤާނޫނީ ވަކީލެކެވެ. އަދި ކްރިސްޓަލް ޗެމްބަރސް އެލްއެލްޕީ ގެ މެނޭޖިންގ ޕާޓްނަރ ވެސް މެއެވެ. ޤާނޫނީ އެއްވެސް ކަމެއް ސާފުކުރައްވަން ބޭނުންފުޅު ވާނަމަ މި ކޮލަމް މެދުވެރިކޮށް އެކަމެއް ސާފުކޮށްދެވޭނެ އިންތިޒާމު ވަނީ ހަމަޖެހިފައެވެ. ތިޔަ ބޭފުޅުންގެ ސުވާލު ފޮނުއްވާނީ [email protected]އަށެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!