ޔަހޫދީންނާ އެކު ޢަރަބި ޤައުމުތަކުން ގުޅުން ގާއިމް ކުރުމަކީ ބޮޑު ގޯހެއް: އީރާންގެ ލީޑަރު
ޔަހޫދީންނާ އެކު ޢަރަބި ޤައުމުތަކުން ގުޅުން ގާއިމް ކުރުމަކީ ބޮޑު ގޯހެއް ކަމަށް އީރާނުގެ ލީޑަރު ޢަލީ ޚާމަނާއީ ވިދާޅުވެއްޖެއެވެ.
ރިޕޯޓުތަކުން ބުނާ ގޮތުގައި ޔަހޫދީންނާ އެކު ޢަރަބި ޤައުމުތަކުން ގުޅުން ބަދަހި ކުރަން ނިންމި ނިންމުން ބަދަލު ކުރަން ވެސް ޚާމަނާއީ ވަނީ ގޮވައިލައްވައިފައެވެ.
މިދިޔަ އަހަރުގެ ތެރޭގައި އެމެރިކާގެ ކުރީގެ ސަރުކާރުގެ މޭސްތިރިކަމުގެ ދަށުން ޔޫއޭއީއާއި ބަޙްރައިންނާއި ސޫދާނާއި މަޣްރިބުން ވަނީ އިސްރާއީލުގެ ޔަހޫދީ ދަޢުލަތާ ގުޅުން ޤާއިމުކޮށްފައެވެ. އޭގެ ކުރިން ޔަހޫދީންނާ ގުޅުން ޤާއިމުކޮށްފައިވާ ހަމައެކަނި ޢަރަބި ޤައުމުތަކަކީ މިޞްރާއި އުރުދުންނެވެ. ނަމަވެސް އިތުރު ޢަރަބި ޤައުމުތަކުން ޔަހޫދީންނާ ގުޅުން ޤާއިމުކުރުމަށް މަސައްކަތްކުރަމުންދާކަމަށް އިސްރާއީލުން ދާދި ފަހުން ވަނީ ބުނެފައެވެ.
ޔަހޫދީންނާ އެކު ޢަރަބި ޤައުމުތަކުން މިފަދައިން ގުޅުން ބަދަހި ކުރުމަށް ނިންމައިފައިވުމާ އެކު އީރާނުގެ ލީޑަރު ވިދާޅުވީ ބައެއް ޤައުމުތަކުގެ ސަރުކާރުތަކުން ގޯސްތަކެއް ހަދައިފައިވާކަމަށާއި އެ ނިންމުންތަކަކީ އިސްލާމީ ޤައުމުތަކުގެ އެއްބައިވަންތަކަމާ ދެކޮޅަށް ކުރަމުންދާ ކަންތަކެއް ކަމަށެވެ. އެގޮތުން އިސްރާއީލަކީ ޤައުމަކަށް ވުރެ ބޮޑަށް ނުރައްކާތެރި ހަނގުރާމަވެރި ޖަމާޢަތެއްކަމަށް ސިފަކުރައްވަމުން ޚާމަނާއީ ވިދާޅުވީ ފަލަސްތީނުގެ މައްސަލަ ޙައްލުކުރެވޭނީ އިސްލާމީ ހުރިހާ ޤައުމުތަކެއް އެއްބައިވަންތަވެގެން ކަމަށެވެ.