ކުޑަކުދިންނަށް ރޯގާ ޖެހޭ މިންވަރު މަދެއް ނުވޭ، 6 ކުދިން އައިސީޔޫގައި!
ކުޑަކުދިންނަށް ރޯގާ ޖެހޭވަރު މިންވަރު މަދު ނުވާ ކަމަށާއި މިހާރު ވެސް 6 ކުދިންނަށް އައިސީޔޫގައި ފަރުވާދެމުންދާ ކަމަށް އައިޖީއެމްއެޗްގެ ކުޑަކުދިންގެ ހާއްސަ ޑޮކްޓަރު އަދި މޯލްޑިވްސް ޓެކްނިކަލް އެޑްވައިސަރީ ގްރޫޕް އޮން އިމިއުނައިޒޭޝަންގެ ޗެއާޕާސަން ޑރ. އަހުމަދު ފައިސަލް ވިދާޅުވެއްޖެއެވެ.
ޑރ. ފައިސަލް ވިދާޅުވީ ރޯގާ ޖެހޭ މިންވަރު އިތުރުވަމުންދާ ކަމަށާއި ތުއްތު ކުދިން އެހެނިހެން ބަލިތައް ހުންނަ ނަމަ ބޮޑުވަރުވާ ކަމަށެވެ. އަދި ރައްކާތެރިވެވެން ހުރި ކަންތައްތަކަށް ސަމާލުވެލެއްވުމަށާއި ގެއަށް ރޯގާ ގެނައުން މަދުކުރަމަށް ޓަކައި ގިނައިން އަތް ދޮވުން، ކުޑަކުއްޖަކު އުރައިލަން ބައިހަދާފައި ނުދިއުން، މީހުން އެއްވާ ތަންތަނަށް ނުދިއުމަށް ވެސް އޭނާ ވަނީ އާންމުންނަށް އިލްތިމާސްކޮށްފައެވެ.
މިހާރު ރާއްޖޭގައި ފެތުރެމުންދަނީ އިންފުލުއެންޒާގެ ޓައިޕް އޭއެވެ. އިންފުލުއެންޒާއަކީ ވެސް ކޮވިޑް-19 ފަދައިން ނޭވާލާ ނިޒާމަށް ޖެހޭ ނުރައްކާތެރި ބައްޔެކެއެވެ. އަދި މިބަލީގެ ނުރައްކާ ކުޑަކުދިންނަށް ބޮޑުކަމަށް ވެސް ޑޮކްޓަރުން ބުނެއެވެ. އެހެންކަމުން ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށާއި އިންފުލުއެންޒާ ވެކްސިން ޖެހުމަށް ސިއްހީ މާހިރުން ދަނީ އެދެމުންނެވެ. އަދި އާއްމު ސާފުތާހިރުކަން އިތުރު ކުރުމާއި އަތް ދޮވުމާއި ގައި ދުރުކަން ބެހެއްޓުމަށް ޑޮކްޓަރުން ދަނީ އިލްތިމާސް ކުރައްވައިފައެވެ.
މި ރޯގާގައި ކެއްސާ ނޭވާލާން އުނދަގޫވާނެ ކަމަށާއި ހުން އަންނާނެ ކަމަށާއި އަދި ކޮވިޑް-19އާއި އިންފުލުއެންޒާ އެކުގައި ޖެހުމަކީ ވެސް އެކަށީގެންވާ ކަމެއްކަމަށް ސިއްހީ މާހިރުން ދަނީ ބުނަމުންނެވެ.
އިންފުލުއެންޒާ ވެކްސިން ޖެހޭނެ އެންމެ ޅަ އުމުރަކީ 6 މަހުގެ ކުދިންނެވެ. މިހާރުގެ ވެކްސިންގައި، ހުރިހާ އުމުރަކަށްވެސް ދޭ ޑޯޒްއަކީ ml 0.5 އެވެ. 9 އަހަރުން ދަށުގެ ކުދިން މި ވެކްސިން ޖަހަނީ ފުރަތަމަ ފަހަރު ނަމަ 4 ހަފްތާގެ ދުރުމިނެއްގައި 2 ޑޯޒް ޖަހަންވާނެއެވެ. އަދި އޭގެ ފަހުން އަހަރަކު 1 ޑޯޒް ޖަހަންވާނެއެވެ.