ޚަބަރު

ކޮވިޑުން އަރައިގަތުމަށް އެމެރިކާއިން ދެ މިލިޔަން ޑޮލަރު ރާއްޖެއަށް ދެނީ

މުޙައްމަދު ސަނީޙް ، ދެން އޮންލައިން

ޔުނައިޓެޑް ސްޓޭސް އޮފް އެމެރިކާއިން، ޔުނައިޓެޑް ސްޓޭޓްސް އޭޖެންސީ ފޯ އިންޓަނޭޝަނަލް ޑިވެލޮޕްމަންޓް (ޔޫ.އެސް.އޭ.އައި.ޑީ) މެދުވެރިކޮށް ކޮވިޑް-19އާ ގުޅިގެން އަވަސް އެހީގެ ގޮތުގައި ދެ މިލިޔަން ޑޮލަރުގެ އެހީ ރާއްޖެއަށް ފޯރުކޮށްދޭން ނިންމައިފިއެވެ.

Ads by Sosun Fihaara

މިކަން ހާމަކޮށްފައި ވަނީ މިނިސްޓްރީ އޮފް ހެލްތުގެ ސްޓޭޓް މިނިސްޓަރ ޑރ ޝާހް އަބްދުލް މާހިރާ އެކު ޔޫ.އެސް.އޭ.އައި.ޑީއިން ބޭއްވި ބައްދަލުވުމެއްގައެވެ.

ޔޫ.އެސް.އޭ.އައި.ޑީއިން ސްރީ ލަންކާއަށާއި ދިވެހިރާއްޖެއަށް ކަނޑައަޅުއްވައިފައި ހުންނަވާ ޑެޕިއުޓީ މިޝަން ޑައިރެކްޓަރ، ޑެބްރާ ސެލް ވިދާޅުވީ، އެމެރިކާއިން އަބަދުވެސް ތިބޭނީ ދިވެހިންނާ އެކުގައި ކަމަށާއި ކޮވިޑް-19އާ ދެކޮޅަށް ކުރަމުންދާ މަސައްކަތުގައި އެމެރިކާއިން އަބަދުވެސް އެހީތެރިވާނެ ކަމަށެވެ. އަދި މި އެހީގެ ސަބަބުން ރާއްޖޭގެ ސިއްހީ ދާއިރާ އިތުރަށް ހަރުދަނާވެ، ސިއްހީ ޚިދުމަތްދޭ ތަންތަނުގެ ފެންވަރު ރަނގަޅު ވެގެންދާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ވެސް ޑެބްރާ ވިދާޅުވިއެވެ.

މި ބައްދަލުވުމުގައި ހެލްތު މިނިސްޓްރީން ވިދާޅުވީ، އެމެރިކާއިން ދޭ އެހީ ބޭނުން ކުރާނީ، ކޮވިޑް-19 މެނޭޖްކުރުމަށް ބޭނުންވާ ޒަރޫރީ ތަކެތި ގަތުމަށާއި ކުދި ރަށްރަށުގެ ސިއްހީ މަރުކަޒުތަކުގެ ފެންވަރު ރަނގަޅު ކުރުމަށް ކަމަށެވެ. މީގެ އިތުރުން އޮކްސިޖަން އިކޯސިސްޓަމް ރަނގަޅުކުރުމަށާއި، ލެބޯރަޓަރީތަކުގެ ފެންވަރު ރަނގަޅު ކުރުމަށާއި، ސިއްހީ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކަށް ނަފްސާނީ ދުޅަހެޔޮކަމާ ގުޅޭ ގޮތުން ތަމްރީނު ދިނުމަށާއި، ޓެލެމެޑިސިން އިތުރަށް ތަރައްޤީ ކުރުމަށް ވެސް މި އެހީގެ ބޭނުން ކުރާނެއެވެ.

މިހައިތަނަށް ޔޫ.އެސް.އޭ.އައި.ޕީގެ ފަރާތުން ކޮވިޑް-19 މެނޭޖްކުރުމަށް ރާއްޖެއަށް 7 މިލިޔަން ޑޮލަރަށް ވުރެ ގިނަ ފައިސާގެ އެހީ ރާއްޖެއަށް ވަނީ ފޯރުކޮށްދީފައެވެ. އަދި 60 ވެންޓިލޭޓަރާއި ރެޕިޑް ޓެސްޓް ކިޓްތަކެއް ވެސް ވަނީ ހަދިޔާކޮށްފައެވެ.

Ads by PNC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!