ތައިލެންޑަށް ގޮސް ކަރަންޓީނުވާން ނުޖެހޭ ލިސްޓުގައި ރާއްޖެ ހިމަނައިފިއެވެ.
ތައިލޭންޑުން އެންމެ ފުރަތަމަ ކޮވިޑް-19ގެ ވޭދަނައެއް ރިޕޯޓް ކޮށްފައި ވަނީ މިދިޔަ އަހަރުގެ ޖެނުއަރީ މަހުގައެވެ. އެގައުމަކީ ޗައިނާއަށް ފަހު ކޮވިޑް ވޭދަނައެއް ރިޕޯޓް ކުރި ފުރަތަމަ ގައުމެވެ.
މިދިޔަ ޖުލައި މަހުން ފެށިގެން ތައިލެންޑުން ކޮވިޑް-19 ޖެހޭ މީހުންގެ އަދަދު ވަނީ އިތުރުވާން ފަށައިފައެެވެ. ބައްޔަށް ފައްސިވާ އަދަދު 10 ހާހުން މައްޗަށް އެރި ނަމަވެސް ދުވަހެއް ދުވަހަކަށް ބަލި ޖެހޭ މިންވަރު ދަށްވަމުން ދާ ކަމަށް އެ ގައުމުން ރިޕޯޓްކުރެއެވެ. މިއާއެކު ނޮވެމްބަރު މަހުގެ 1ވަނަ ދުވަހުން ފެށިގެން 63 ގައުމަކަށް ތައިލޭންޑް ހުޅުވައިލާނެކަމަށް އެ ގައުމުން ވަނީ ބުނެފައެވެ.
މީގެ ހަފްތާއެއް ކުރިން ތައިލެންޑް ސަރުކާރުން ބުނެފައި ވަނީ ޖުމްލަ 46 ގައުމަކަށް ތައިލެންޑް ހުޅުވައިލާނެ ކަމަށެވެ. އެހެން ނަމަވެސް މިހާރު އާންމުކޮށްފައިވާ ލިސްޓުގައި 46 ގައުމުގެ އިތުރުން އިތުރު 17 ގައުމެއް ވަނީ އިތުރުކޮށްފައެެވެ.
ކަރަންޓީން ވާން ނުޖެހޭ ގޮތަށް ތައިލެންޑް ހުޅުވައިލި ނަމަވެސް އެ ގައުމަށް ދަތުރުކުރެވޭނީ 72ގަޑިއިރު ނުވާ ޕީސީއާރް ޓެސްޓެއް އޮވެގެންނެވެ. އަދި އެ ގައުމަށް ދަތުރުކުރެވޭނީ ވެކްސިން ފުރިހަމަ ކޮށްފައިވާ ފަރާތްތަކަށެވެ.