ބަޖެޓް ކޮމިޓީގެ މުގައްރިރަކަށް މި ފަހަރު ވެސް ނާޝިޒް

އަންނަ އަހަރަށް ދައުލަތުން ލަފާކުރާ ބަޖެޓް ދިރާސާ ކުރެއްވުމަށް ރައްޔިތުންގެ މަޖިލީހުގެ ބަޖެޓް ދިރާސާކުރައްވާ ކޮމިޓީގެ މުޤައްރިރަކަށް ކިނބިދޫ ދާއިރާގެ މެންބަރު މުޙައްމަދު ނާޝިޒު މި ފަހަރު ވެސް ހަމަޖައްސައިފިއެވެ.
އެ ކޮމިޓީގެ މުޤައްރިރަކަށް މެންބަރު ނާޝިޒް ކަނޑައެޅުމަށް ފާސްކޮށްފައި ވަނީ ކޮމިޓީގައި މިއަދު ބައިވެރިވެ ވަޑައިގެންނެވި މެންބަރުންގެ އިއްތިފާގުންނެވެ.
ބަޖެޓު ކޮމިޓީގެ ނައިބު މުޤައްރިރަކަށް ކަނޑައަޅައިފައި ވަނީ އަލިފުށި ދާއިރާގެ މެންބަރު މުޙައްމަދު ރަޝީދު ހުސެއިން (ބިގޭ)އެވެ.
އަންނަ އަހަރަށް ދައުލަތުން ލަފާކުރާ ބަޖެޓު ދިރާސާ ކުރުމުގެ މަސައްކަތް މިހާރު ފަށައިފައިވާ އިރު ގަވަރުނަރާއި، އޮޑިޓަރ ޖެނެރަލް ދެކޭ ގޮތް ލިޔުމުން ހޯދަން ވެސް ވަނީ މިހާރު ފާސްކޮށްފައެވެ. އަދި މިލިޔުންތައް ލިބުމަ ށްފަހު ގަވަރުނަރާއި، އޮޑިޓަރ ޖެނެރަލްއާ ބައްދަލު ކުރުމަށް ކޮމެޓީން ވަނީ ފާސްކޮށްފައެވެ.
މީގެ އިތުރުން ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރުއާ ވެސް ބައްދަލު ކުރުމަށް ވަނީ ހަމަޖެހިފައެވެ. އަދި މިނިވަން މުވައްސަސާތަކުން ބަޖެޓާ ގުޅޭ ގޮތުން ހުރި ކަންބޮޑުވުންތައް 5 ދުވަސް ތެރޭގައި ހިއްސާ ކުރުމަށް ދަންނަވަން ވަނީ ފާސްކޮށްފައެވެ.