ޚަބަރު ރައްޔިތުންގެ މަޖިލިސް

ސިންގަޕޫރު ،ސިންގަޕޫރަށްވީ ބަނދަރެއް އަޅައިގެން، ރާއްޖެއަށް ވެސް މިކަން މުހިންމު: އިކްރާމް

އަޒްހާން އިބްރާޙީމް ، ދެން އޮންލައިން
މެމްބަރު އިކްރާމް ހަސަން

ސިންގަޕޫރަކީ އޭޝިއާގެ ކެޕިޓަލްގެ ގޮތުގައި މިހާރު ބަލައިގެންފައިވާ ކަމަށާއި އެފަދަ ތަރައްގީއެއް އެ ގައުމަށް ގެނެވުނީ ބަނދަރެއް އަޅައިގެންކަމަށް ވިދާޅުވެ ރާއްޖެއަށް ވެސް މެރިޓައިމް އިންޑަސްޓްރީއެއްގެ މުހިންމުކަން ދިއްގަރު ދާއިރާގެ މެމްބަރު އިކްރާމް ހަސަން ފާހަގަކުރައްވައިފިއެވެ.

Ads by MWSC

މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި، އިހަވަންދިއްޕޮޅުގައި ބޮޑެތި އާގުބޯޓުފަހަރަށް ހިދުމަތްދެވޭނެ މަގު ތަނަވަސްކޮށްދިނުމަށް ގޮވައިލައި ހޯރަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް ވަނީ ގަރާރެއް ހުށަހަޅުއްވައިފައެވެ. އެ ގަރާރުގެ އިބްތިދާއީ ބަހުސްގައި ވާހަކަދައްކަވަމުން މެމްބަރު އިކްރާމް ވިދާޅުވީ ފަތުރުވެރިކަމާއި މަސްވެރިކަން ފިޔަވައި އިތުރު އިގްތިސޯދީ މަސައްކަތެއް ފުޅާކުރުން މިއަދު މުހިންމުވެފައިވާ ކަމަށެވެ.

ރާއްޖޭ އުފެދިފައިވާ ގޮތުން އިހަވަންދިއްޕޮޅު ހުރަސްކޮށް އެހެން ގައުމުތަކުގެ ވަރަށްގިނަ ބޯޓު ފަހަރު ދަތުރު ކުރާކަމަށް އިކްރާމް ވިދާޅުވިއެވެ. މިގޮތަށް ދަތުރުކުރާ ބޯޓުތަކަށް މަޑުކުރެވި އެއަށް ބޭނުންވާ ހިދުމަތްތައް ހަމަޖެހިގެން ދިޔުމަކީ ރާއްޖެއަށް އޭގެ ސަބަބުން ގިނަ ފައިދާތަކެއް ކުރާނެ ކަމެއް ކަމަށް އިކްރާމް ވިދާޅުވިއެވެ.

މިފަދަ ގަރާރަކަށް ވާހަކަ ދައްކަވަމުން ގެންދަވާއިރު ސިންގަޕޫރާއި ދޭތެރޭ ވިސްނާލަންޖެހޭކަމަށް އިކްރާމް ވިދާޅުވިއެވެ. އެގޮތުން ސިންގަޕޫރަކީ ވަރަށް ކުޑަ ގައުމެއް ކަމަށާއި އެގައުމުގައި މާ ގިނަ ގުދުރަތީ ވަސީލަތްތަކެއް ވެސް ނެތްކަމަށް އިކްރާމް ވިދާޅުވިއެވެ.

"އެހެން ނަމަވެސް އެގައުމު ތަރައްގީވެ މިއަދު އެންމެ ކުރިއަރައިފައިވާ އެއް ގައުމަށް ވެގެން އައީ ބަނދަރެއް ހަދައިގެން. އެ ބަނދަރު ސިންގަޕޫރުން ބޭނުންކުރީ މި ދެންނެވިގޮތަށް ސިންގަޕޫރާއި ކައިރިން ނުވަތަ އިރުން ހުޅަނގަށް ދަތުރުކުރާ ބޯޓުފަހަރަށް ހިދުމަތް ދިނުމަށް" އިކްރާމް ވިދާޅުވިއެވެ.

ސިންގަޕޫރުގައި ޓްރާންސްޝިޕް ބަނދަރެއް ތަރައްގީކޮށް މިއަދު އެގައުމަކީ އޭޝިޔާގެ ކެޕިޓަލްގެ ގޮތުގައި ބަލައިގެންފައިވާ ތަނެއްކަން އިކްރާމް ފާހަގަކުރެއްވިއެވެ. އަދި ރާއްޖެއަށް ފައިސާ ވަންނާނެ ވަސީލަތްތައް މިހާ މަދުން އޮތް އިރު މިފަދަ ގިނަ މަސައްކަތްތައް ކުރަން ޖެހޭކަމަށް އިކްރާމް ވިދާޅުވިއެވެ. އަދި މިކަމުގެ ސަބަބުން ގިނަ ފައިދާތަކެއް ރާއްޖޭގެ އިގްތިޞާދަށް ކުރާނެ ކަމަށާއި ގިނަ ވަޒީފާތަކެއް އުފެދި ވަރަށް ރަނގަޅު އާމްދަނީއެއް ރާއްޖެއަށް ލިބިގެންދާނެ ކަމަށް އިކްރާމް ވިދާޅުވިއެވެ.

މެރިޓައިމް ސިނާއަތް ފުޅާކުރަން މި ސަރުކާރުން އިސް ނަގައިގެން ކަންތައްތަކެއް ކުރާއިރު ފަހަރުގައި ގޮންޖެހުންތަކެއް ހުރެދާނެކަމަށް އިކްރާމް ވިދާޅުވިއެވެ. އެހެން ނަމަވެސް ރާއްޖެ ވަރަށް ބޮޑެތި އަދަދުތަކުން ދަރައިފައި އޮތްއިރު މިހާލަތުގައި އައު ސިނާއަތެއް ފުޅާކުރުން މުހިންމުކަމަށް އިކްރާމް ވިދާޅުވިއެވެ.

"އަޅުގަނޑުމެންނަށް ޓޫރިޒަމުން އެކަނި ލިބޭ އާމްދަނީން މިއުޅެނީ ދެކޮޅު ނުޖެއްސިގެން. މުސާރަތައް ސިވިލް ސާވަންޓުން ވެސް ބޭނުންވޭ ބޮޑުކުރަން. އަދި އަމިއްލަ ވަޒީފާތައް ވެސް ބޭނުންވޭ އުފައްދަން" ރާއްޖޭގެ އިގްތިޞާދީ ހާލަތު ބަޔާންކޮށްދެއްވަމުން އިކްރާމް ވިދާޅުވިއެވެ.

މިކަންކަން ކުރެވޭނީ ރާއްޖޭގެ އިގްތިޞާދު އިތުރަށް ފުޅާކުރެވިގެންކަމަށް އިކްރާމް ވިދާޅުވިއެވެ. ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ވަނީ އިހަވަންދިއްޕޮޅުގައި އިގްތިޞާދީ ގިނަ މަޝްރޫއުތަކެއް ތަރައްގީކުރުމަށް މެގަ ޕްރޮޖެކްޓެއް އިއުލާން ކޮށްފައެވެ. މީގެ އިތުރުން ސްޕެޝަލް އިކޮނޮމިކް ޒޯން (އެސްއީޒެޑް)ގެ ގާނޫނެއް މަޖިލީހުން ފާސްކޮށް މެރިޓައިމް މަސައްކަތްތަކެއް ކުރިއެވެ. "އައި ހެވެން"ގެ ނަމުގައި އިއުލާންކުރި ޕްރޮޖެކްޓާއި އެސްއީޒެޑް މަޝްރޫއާ ގުޅޭގޮތުން އިކްރާމް ވިދާޅުވީ މިދިޔަ ސަރުކާރުން ވެސް މެރިޓައިމް ސިނާއަތް ފުޅާކުރަން މަސައްކަތް ކުރިކަމަށާއި އެހެން ނަމަވެސް އޭގެ މާބޮޑު ފައިދާއެއް ކޮށްފައި ނުވާކަމަށެވެ.

އިކްރާމް ވިދާޅުވީ މިސަރުކާރުން އުއްމީދީ މަސައްކަތްތަކެއް ކުރާނެކަމަށް އުއްމީދު ކުރައްވާ ކަމަށާއި އެކަމަށްޓަކައި މަޖިލީހުން ވެސް މަސައްކަތް ކުރާނެކަމަށެވެ.

Ads by Ooredoo
  1. ކޯޑިނޭޓަރ

    ސިންގަޕޫރު ސިންޕޫރަކަށް ވީ އަމިއްލަ އެދުމެއް ނެތް ސިޔާސީ ވެރިންގެ ސަބަބުން..