ދުނިޔެ

ކޮޕް26: 2030 ވަނަ އަހަރު އަންނަންވާއިރަށް ގަސް ކެނޑުން ނިމުމަކަށް ގެންނަނީ

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

2030ވަނަ އަންނަން ވާއިރު ބިޔަ ޖަންގަލިތަކުން ގަސް ކެނޑުން ހުއްޓައިލާނެކަމުގެ ވައުދާ އެކު މޫސުމަށް އަންނަ ބަދަލުތަކާ ބެހޭ ކޮންފަރެންސް، ކޮޕް26ގެ ފުރަތަމަ ބޮޑު އެއްބަސްވުމުގައި މިއަދު ސޮއިކުރަން ނިންމައިފިއެވެ.

Ads by Sosun Fihaara

މި އެއްބަސްވުމުގައި، ދުނިޔޭގެ 100އަށް ވުރެ ގިނަ ޤައުމުން ސޮއި ކުރާނެއެވެ. މިއާ އެކު ދުނިޔޭގެ ޖަންގަލިތަކުގެ ގާތްގަނޑަކަށް 85 ޕަސެންޓް ކަވަރުވާނެއެވެ.

ގަސްތައް ކެނޑުމުގެ ސަބަބުން މޫސުމީ ބަދަލުތައް އާދެއެވެ. މިގޮތުން އެންމެ ބޮޑު އެއް ބަދަލަކީ، ގަސްތަކަކީ ޖައްވަށް ބޭރުވާ ކާބޮންޑައި އޮކްސައިޑް ބޭނުން ކުރާ އެއްޗަކަށްވުމެވެ. ގަސްތައް ކެނޑުމުން ކާބޮންޑައިއޮކްސައިޑް ޖައްވުގައި ހުންނަ މިންވަރު އިތުރުވެއެވެ. އަދި މިކަމުގެ ސަބަބުން ދުނިޔެ ހޫނުވުމަށް މަގުފަހިވެއެވެ. ގަސްތައް ކެނޑުމުގެ ސަބަބުން ބައެއް ދޫނި ސޫފާސޫފި އަދި ޖަނަވާރުގެ ގެތައް ގެއްލިގެންދެއެވެ. އަދި ޖަނަވާރުތައް އެހެން ސަރަހައްދަކަށް ހިޖުރަކުރަން މަޖުބޫރު ކުރުވައެވެ. މިކަމުގެ ސަބަބުން ފުޑްޗެއިނަށް ބަދަލު އައިސް، ބައެއް ޖަނަވާރުތައް ދުނިޔެއިން ނެތިދިއުމުގެ ބިރު އޮވެއެވެ.

ދުނިޔޭގެ ފެންވަރުގައި މި ބައްދަލުވުން ހޯސްޓް ކުރައްވަމުން ގެންދަވާ އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ބޮރިސް ޖޯންސަން ވިދާޅުވީ، މި އެއްބަސްވުމަކީ "ދުނިޔޭގެ ޖަންގަލިތައް ހިމާޔަތްކޮށް، އަލުން އާރާސްތުކުރުމަށް ވެވުނު ތާރީޚީ އެއްބަސްވުމެއް" ކަމަށެވެ.

"މި ބޮޑު ގުދުރަތީ އީކޯސިސްޓަމްތަކަކީ އަހަރެމެންގެ ޤުދުރަތީ ޕްލެނެޓްގެ ނޭފަތުން،" ގަސްތަކުން ކާބޮންޑައިއޮކްސައިޑް ބޭނުން ކުރާތީ އެކަމަށް އިޝާރާތް ކުރައްވައި ބޮރިސް ވިދާޅުވިއެވެ.

މި އެއްބަސްވުމުގެ އިތުރުން، ގަސް ކެނޑުން ހުއްޓުވައި، ގަސް ކެނޑުމާއި ދަނޑުވެރިކަމާ ދެމެދު އޮންނަ ގުޅުން ކެނޑުން ހުއްޓުވަން، ޕަބްލިކް އަދި ޕްރައިވެޓް ފަންޑިންގެ ގޮތުގައި ގާތްގަނޑަކަށް 19.2 ބިލިއަން ޑޮލަރު ދޭން މުއްސަދި ޤައުމުތަކުން ވަނީ އެއްބަސްވެފައެވެ.

މީގެ ތެރެއިން ބައެއް، ތަރައްޤީވަމުން އަންނަ ޤައުމުތަކަށް ބޭނުން ކުރާނެއެވެ. މިގޮތުން ހަލާކުވެފައިވާ ބިންތައް އަލުން އިޢާދަކުރުމަށާއި، ޖަންގަލީގައި ރޯވާ އަލިފާންގަނޑުތައް ނިއްވުމަށް އެހީތެރިވާނެއެވެ.

ދުނިޔޭގެ އެންމެ ބޮޑެތި 30 ކުންފުނިން ގަސް ކެނޑުމާ ގުޅިފައިވާ ހަރަކާތްތަކަށް ކުރާ އިންވެސްޓްމަންޓް ނިމުމަކަށް ގެނައުމަށް އަޒުމް ކަނޑައަޅާނެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!