ޚަބަރު ރައްޔިތުންގެ މަޖިލިސް

މުދައްރިސުންގެ ހައްގުގައި ބަޖެޓު ފާސްކޮށްދެއްވުމަށް އެޑިއުކޭޝަން މިނިސްޓަރު އެދިވަޑައިގެންފި

އަޒްހާން އިބްރާޙީމް ، ދެން އޮންލައިން
އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ރައްޔިތުންގެ މަޖިލީހުގައި

އަންނަ 2022ވަނަ އަހަރަށް ލަފާކޮށް ހުށަހަޅައިފައިވާ ދައުލަތުގެ ބަޖެޓު، މުދައްރިސުންގެ ހައްގުގައި ފާސްކޮށްދެއްވުމަށް ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ފަރާތުން އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ އެދިވަޑައިގެންފިއެވެ.

Ads by MWSC

މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް މިނިސްޓަރު އައިޝަތު ހާޒިރުވެވަޑައިގެންނެވުމުން ކަނޑިތީމު ދާއިރާގެ މެމްބަރު އަބްދުﷲ ޝަހީމް އަބްދުލް ހަކީމް ވަނީ މުދައްރިސުންގެ މުސާރަ ބޮޑުކުރުމަށް މި ސަރުކާރުން ކުރަމުންދާ މަސައްކަތް ފާހަގަކުރައްވައި އަންނަ އަހަރު ޖެނުއަރީގައި ކިޔެވުން ފެށޭއިރު މުދައްރިސުންގެ މުސާރައަށް ހެޔޮ ބަދަލެއް އަންނާނެތޯ ސުވާލު ކުރައްވައިފައެވެ. އެސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވީ މުދައްރިސުންގެ މުސާރަ އަންނަ އަހަރު ބޮޑުކުރާނެކަން ރައީސް އިބްރާހިމް މުހައްމަދު ޞާލިހު މީގެ ކުރިން އިއުލާން ކުރައްވައިފައިވާ ކަމަށެވެ.

އަންނަ އަހަރުގެ ޖެނުއަރީ މަސް ފެށޭއިރު މުދައްރިސުންގެ މުސާރަ ބޮޑުކުރާނެކަމަށް މިނިސްޓަރު ވިދާޅެއް ނުވެއެވެ. އެހެން ނަމަވެސް ވިދާޅުވީ އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓުގައި މުސާރަތައް ބޮޑުކުރުމަށް ފައިސާ ހިމަނާފައި ވާނެކަމަށާއި އެހެންކަމުން އެ ބަޖެޓު ފާސްކޮށްދެއްވުމަށް މެމްބަރުންގެ ފަރާތުން އެދިވަޑައިގަންނަވާކަމަށެވެ.

"އެހެންވީމަ އަޅުގަނޑު ހަމަ ތިޔަ އިއްޒަތްތެރި މެމްބަރުންގެ ކިބައިން އެދެން މި ގޮތަށް ބަޖެޓު ފާސްކޮށްދެއްވުމަށް. އޭރުން އަޅުގަނޑުމެންގެ މުދައްރިސުންނަށް ރަނގަޅު އެދެވޭ މުސާރައެއް ލިބިގެންދާނެ" މިނިސްޓަރު ވިދާޅުވިއެވެ.

މުދައްރިސުންގެ މުސާރަ ބޮޑުކުރުމަކީ ރައީސް އިބްރާހިމް މުހައްމަދު ޞާލިހުގެ ރިޔާސީ ވައުދެކެވެ. މިނިސްޓަރު އައިޝަތު ވިދާޅުވީ ސަރުކާރުން އެކަމަށް މަސައްކަތް ކުރަމުން ދަނިކޮށް ކޮވިޑް-19ގެ ހާލަތާ ގުޅިގެން މުސާރަ ބޮޑުކުރުން ފަސްކުރަން ޖެހުނުކަމަށެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!