ސްކޫލުގެ ތެރެއިން ދަރިވަރުންނާ ބައްދަލުވާ އެންމެންނަށް ލައިސަންސް ދެނީ
ރާއްޖޭގެ ސްކޫލުތަކުގެ ތެރެއިން ދަރިވަރުންނާ ބައްދަލުވާ މުދައްރިސުން ނޫން އެހެން މީހުންނަށް ވެސް ހާއްސަ ލައިސަންސެއް ދިނުމުގެ މަސައްކަތް ސަރުކާރުން ފަށައިފިއެވެ.
މިކަން އިއުލާން ކުރެއްވީ މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީއެވެ. އެގޮތުން މިނިސްޓަރު ވިދާޅުވީ ތައުލީމީ ގާނޫނުގެ ތެރެއިން ސްކޫލުތަކުގައި ކިޔަވައިދޭ މުދައްރިސެއް ނަމަ ހާއްސަ ލައިސަންސެއް އޮންނަން މިހާރު މަޖުބޫރުވެފައިވާ ކަމަށެވެ. އަދި ޓީޗަރުންނާއި އެކީގައި ދަރިވަރުންނާ ދިމާވާނެ އެހެނިހެން ފަރާތްތަކަށް ވެސް ލައިސަންސް ދިނުމުގެ ނިޒާމެއް ގާއިމްކުރުމުގެ މަސައްކަތް މިނިސްޓްރީން ކުރަމުންދާކަމަށް މިނިސްޓަރު އައިޝަތު ވިދާޅުވިއެވެ.
މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ހިންނަވަރު ދާއިރާގެ މެމްބަރު ޖީހާން މަހުމޫދު ވަނީ ގަލޮޅު މަދަރުސާގައި މަސައްކަތްކުރާ މުވައްޒަފަކު އެސްކޫލުގެ ދަރިވަރަކަށް ޖިންސީ ގޯނާ ކުރި މައްސަލައާ ގުޅިގެން މިނިސްޓަރާ ސުވާލު ކުރެއްވިއެވެ. އޭނާ ވަނީ ސްކޫލުތަކުގައި ދިމާވާ ޖިންސީ ގޯނާގެ މިފަދަ މައްސަލަތައް ތަކުރާރުވިޔަ ނުދިނުމަށް މިނިސްޓްރީން އަޅަމުންދާ ފިޔަވަޅުތަކާ ގުޅޭގޮތުން ވެސް ސުވާލު ކުރައްވައިފައެވެ.
އެ ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު އައިޝަތު ވިދާޅުވީ ޖިންސީ ގޯނާގެ މައްސަލަތަކަކީ މިނިސްޓްރީން ހާއްސަ ސަމާލުކަމެއް ދީގެން، ވަރަށް ސީރިއަސް މައްސަލަތަކެއްގެ ގޮތުގައި ބަލާ ކަމެއްކަމަށެވެ. އެގޮތުން ގަލޮޅު މަދަރުސާގެ ހާދިސާ ދިމާވިކަން ބެލެނިވެރިޔާ ސްކޫލަށް އެންގުމާ އެކު އެމައްސަލަ ވަގުތުން ފުލުހުންނަށާއި ޖެންޑާ މިނިސްޓްރީއަށް އެންގިކަމަށް ވިދާޅުވިއެވެ.
"އަދި އެކަމާ (ޖިންސީ ގޯނާގެ މައްސަލައާ) ގުޅޭ ބޭބޭފުޅުން ވަނީ ސަސްޕެންޑު ކޮށްފަ. މިފިޔަވަޅު އަސްލު ނަގަނީ ދަރިވަރުން އުޅޭ މާހައުލަކުން އެފަދަ ފަރާތްތައް އެކަހެރިކުރުމަށް ޓަކައި. އެހެންވީމަ އެ ފްލޯގަ މަސައްކަތް ކުރަމުންދިޔަ ދެ މަސައްކަތު މީހުން އަޅުގަނޑުމެންނަށް މިމައްސަލަ ރިޕޯޓުވި އިރަށް ވަނީ ސަސްޕެންޑު ކުރެވިފަ" މިނިސްޓަރު ވިދާޅުވިއެވެ.
ގަލޮޅު މަދަރުސާގެ ދަރިވަރަކަށް ޖިންސީ ގޯނާ ކުރި މައްސަލައިގެ ތަހުގީގު ވަރަށް ބާރު ސްޕީޑެއްގައި ފުލުހުން ކުރިއަށް ގެންދާކަމަށް ވެސް މިނިސްޓަރު މިއަދު ވިދާޅުވިއެވެ. އެގޮތުން ރޭގެ ވަގުތެއްގައި މިމައްސަލައިގެ ތުހުމަތު ކުރެވޭ އެކަކު ހައްޔަރުކޮށްފައިވާކަމަށް ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ ކުޑަކުދިންގެ މައްސަލައަކަށް ވުމާ އެކު ސީދާ މައުލޫމާތުތައް ސިއްރު ކޮމިޓީއެއްގައި މެމްބަރުންނާއި ހިއްސާކުރައްވާނެ ކަމަށެވެ.
މީގެ އިތުރުން މިނިސްޓަރު ވިދާޅުވީ އެކި ގާނޫނުތަކާއި ގަވާއިދުތަކުގެ ތެރެއިން ޖިންސީ ގޯނާގެ މައްސަލަތަކުން ރައްކާތެރިވުމުގެ ގޮތުން ފިޔަވަޅުތަކެއް އަޅާފައިވާނެ ކަމަށެވެ. އެގޮތުން ކޮންމެ ސްކޫލެއްގައި ވެސް އޮފިސަރެއް މިފަދަ މައްސަލަތަކަށް ހާއްސަކުރެވިފައި ހުންނާނެ ކަމަށާއި އެ އޮފިސަރު މެދުވެރިކޮށް ތުހުމަތު ކުރެވޭ ފަރާތްތަކަށް ވަގުތުން ފިޔަވަޅު އެޅިގެންދާނެކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
"ދެން ގަލޮޅު މަދަރުސާގައި ހިނގައިދިޔަ ހާދިސާއާ ގުޅިގެން ވެސް އަޅުގަނޑުމެން އިތުރަށް މެޝާޒްތައް ވަރުގަދަކުރަން ކަންތައްތަކެއް ކޮށްފި. ގަލޮޅު މަދަރުސާގައި ވެސް އިތުރު ސީސީޓީވީ ކެމެރާ ބެހެއްޓުމާ އަދި މުދައްރިސުން އިތުރަށް ވިޖިލެންޓުވުން ވެސް މީގެ ތެރޭގަ ހިމެނޭ" މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު އައިޝަތު ވިދާޅުވީ ދަރިވަރުންނަށް ކުރިމަތިވެދާނެ މިފަދަ މައްސަލަތަކަށް ސަމާލުވުމަށް މިނިސްޓްރީން ހުރިހާ ސްކޫލުތަކަށް އަންގާފައިވާނެ ކަމަށެވެ.
ޖިންސީ ގޯނާއާއި ފުރައްސާރައިގެ މައްސަލަތަކާ ގުޅިގެން އިދާރީ ތަހުގީގުތައް ކުރިއަށް ގެންގޮސް ތުހުމަތުކުރެވޭ މުވައްޒަފުން ވަޒީފާއިން ވަކިކުރުމުގެ މަސައްކަތް ކުރިއަށްގެންދާކަމަށް މިނިސްޓަރު ވިދާޅުވިއެވެ. މިސަރުކާރުގައި ދަރިވަރުންނަށް ޖިންސީ ގޯނާ ކޮށްގެން 40 މައްސަލައެއް މިހައި ތަނަށް ހުށަހެޅިފައިވާއިރު އެފަދަ މައްސަލަތަކުގައި 30 މުވައްޒަފަކު ވަޒީފާއިން ވަކިކޮށްފައިވާކަމަށް މިނިސްޓަރު އައިޝަތު ވަނީ ވިދާޅުވެފައެވެ. މިހާރު ތަހުގީގު މުޅިން ނުނިމިހުރި މައްސަލަތަކުގައި ވެސް އެއްވެސް ހެއްކެއް ލިބިއްޖެ ނަމަ ފިޔަވަޅު އަޅާނެކަމަށް މިނިސްޓަރު ވިދާޅުވިއެވެ.