ސަރުކާރުން އެދިފައި ވަނީ ޖުމްހޫރީ ދުވަހު އެކަނި ދިދަޖަހަން: ޑރ. މުޢިއްޒު

މި ސަރުކާރުން މާލޭ ސިޓީ ކައުންސިލްގައި އެދިފައި ވަނީ މި މަހު ޖުމްހޫރީ ދުވަހު އެކަނި ، މާލެ ސިޓީގައި ދިދަ ޖަހަން ކަމަށް މާލެސިޓީގެ މޭޔަރު ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ޑރ. މުޢިއްޒު މިހެން ވިދާޅުވީ، މިއަދަކީ ރާއްޖޭގެ ނަސްރުގެ ދުވަސް ކަމަށްވުމާ ގުޅިގެން، މާލެ ސިޓީގެ އެކި ސަރަހައްދުތަކުގައި ކައުންސިލުގެ ފަރާތުން ދިދަ ޖަހައިފައިވާކަމަށާއި ނަމަވެސް އެއީ ސަރުކާރުގެ ފަރާތުން އެއްބާރުލުމެއް ލިބިގެން ހިނގިކަމެއް ނޫންކަން އަންގަމުންނެވެ.
ޑރ. މުޢިއްޒު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ސަރުކާރުން އެދިފައި ނުވި ނަމަވެސް، މާލެ ސިޓީ ކައުންސިލުން ނަސްރުގެ ދުވަހުގެ މުނާސަބަތުގައި މާލޭގެ މަގުމަތީގައި ދިދަ ޖަހައިފައިވާ ކަމަށެވެ.
"ސަރުކާރުން އެދިފައި ވަނީ ޖުމްހޫރީ ދުވަހު އެކަނި ދިދަ ޖަހަން. ނަސްރުގެ ދުވަހުގެ މުހިއްމުކަން ފަނޑުވިޔަ ނުދިނުމަށް އެންމެހައި ފަރާތްތަކަށް އިލްތިމާސްކުރަން." ޑރ. މުޢިއްޒު ވިދާޅުވިއެވެ.
3 ނޮވެމްބަރު 1988ގައި ރާއްޖެއަށް ދިން އުދުވާނީ ހަމަލާގައި ޝަހީދުވި ބޭފުޅުން ފަސްދާނު ލައިފައިވާ ތަން އެތައް އަހަރެއްވަންދެން ނުބަލަހައްޓާ ހުރުމުގެ ސަބަބުން ވަރަށްބޮޑަށް ހަޑިވެ ވީރާނާވެފައި ވާތީ،މާލެ ސިޓީ ކައުންސިލުން ވަނީ އެތަން ސާފުކޮށް ރީތިކުރުމުގެ މަސައްކަތް ވެސް މީގެ ދެ ދުވަސް ކުރިން ކޮށްފައެވެ. އަދި މިއަދާ ގުޅުވައި އެ ސަރަހައްދުގައި "ޝަހީދުންގެ މަގުބަރާ"ގެ ބޯޑް ވެސް ބަހައްޓައިފައިވެއެވެ.