ކުޑަހުވަދޫން 200އެއްހާ ރުއް ބޭރުކުރަން އުޅެނިކޮށް ރައްޔިތުން ނިކުމެ ހުއްޓުވައިފި
ދ. ކުޑަހުވަދޫން 200 އެއްހާ ރުއް، ކަނޑައި އެ ރަށުން ވަގަށް ބޭރުކުރަން އުޅުނު މައްސަލައެއް ފަޅައި އަރައި، ރަށު ކައުންސިލާއި ރައްޔިތުން ނިކުމެ އެކަން ހުއްޓުވައިފިއެވެ.
ކުޑަހުވަދޫގައި ޖުވެނައިލް ރެސިޑެންސް ސެންޓަރެއް އެޅުމަށް ހޯމް މިނިސްޓްރީއަށް ދޫކޮށްފައިވާ ބިމުގައި ހުރި 195 ރުއް ނެގުމުގެ ހުއްދަ އެ ރަށު ކައުންސިލަށް ތިމާވެށި ރައްކާތެރި ކުރުމާ ބެހޭ އެޖެންސީން އޮތީ ދީފައެވެ. ނަމަވެސް އެ އެޖެންސީން އަންގައިފައި އޮތީ ރުއްތައް ރަށުގެ އެހެން ސަރަހައްދެއްގައި އަލުން އިންދުމަށެވެ.
އީޕީއޭގެ އެ އެންގުމާ ހިލާފަށް އަދި ރަށުގެ ރައްޔިތުންނަށް ވެސް ސިއްރުން ރުއްތައް ކުޑަހުވަދޫއިން ބާލަން އުޅުނީ އެންމެ ކައުންސިލަރެއްގެ ނިންމުމެއްގެ މައްޗަށް ބިނާކޮށް ކަމަށް އެނގިފައިވެއެވެ. އަދި ރުއްތައް ބާލަން އުޅުނުކަން ކައުންސިލްގެ އެހެން މެމްބަރުންނަށް އެނގުނީ ލޮރީތަކަކަށް އަރުވައިގެން ރުއްތައް ބާލަން އުޅުނު މަންޒަރު ފެނުމުންކަން ވެސް ވަނީ ހާމަވެފައެވެ.
"195 ރުއް ބަދަލު ކުރާ ގޮތަށް ނިންމިއިރު، މީހަކު ގަބޫލެއް ނުކުރާނެ ކުޑަހުވަދޫގަ ބިން ނެތް ކަމަކަށް. ސެޓްލައިޓް ފޮޓޯއަށް ބަލާލީމަ ވެސް އެނގޭނެ އެކަން. އަލަށް ހިއްކާފަ އެބަ އޮތް 40 ހެކްޓަރުގެ ބިން. އަދިވެސް ބޭނުން ނުކޮށް އެބައޮތް 20 ހެކްޓަރުގެ ބިން،" އޮންލައިން ނޫސް މިހާރުއަށް މައުލޫމާތު ދެމުން އެ ރަށުން މީހަކު ބުނެފައިވެއެވެ.
މިކަމާ ގުޅިގެން ގުޅިގެން އީޕީގެ ޑިރެކްޓަރު ޖެނެރަލް އިބްރާހިމް ނައީމް ވިދާޅުވީ އެ އިދާރާގެ އެންގުމާ ހިލާފަށް ރުއްތައް ނެގުމުގެ އިތުރުން އެ މަސައްކަތް ކުރަމުންދިޔައީ އެކަމަށް ހުއްދަ ދިން ފަރާތުން ނޫން ކަމަށާއި އެހެންކަމުން އެ މަސައްކަތް މިހާރު ހުއްޓުވައިފައިވާނެ ކަމަށެވެ.