ދުނިޔެ

ދުނިޔެ ހޫނުވުމުގެ 1.5° އާއި 2° އާ ހުރި ތަފާތަކީ ކޮބާ؟

ޢާއިޝަތު އަރީނާ ، ދެން އޮންލައިން
ގްލޯބަލް ވާމިންއަށް ހޭލުން ތެރިކުރުމަށް ވީއެލްއޭ އިން ހިންގި ކެންޕެއިނެއް.. ފޮޓޯ: ވިޓިޒް ލާމު އެޓޯލް

ގްލާސްގޯގައި މިހާރު ކުރިއަށްދާ އ.ދ.ގެ މޫސުމާ ބެހޭ ސަމިޓްގައި ދުނިޔޭގެ ލީޑަރުން ވަނީ ދުނިޔެ ހޫނުވާ މިންވަރު 1.5 ޑިގްރީ ސެލްސިއަސްއަށް ދަށްކުރުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވައިފައެވެ. ރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވެސް އެކަމުގެ މުހިންމު ކަމުގެ މައްޗަށް އަލިއަޅުއްވައި ލައްވައި ވާހަކަފުޅު ދެއްކެވިއެވެ. މިއާ އެކު އެންމެން ކުރާ އެއް ސުވާލަކީ މިއީއެވެ. ދުނިޔެ ހޫނުވުމުގައި 1.5 ޑިގްރީ ސެލްސިއަސްއަކީ ކޮބައި ހެއްޔެވެ؟ އަދި ފިނިހޫނުމިން މިން ކުރާއިރު 1.5 ޑިގްރީ ސެލްސިއަސްއާއި 2 ޑިގްރީ ސެލްސިއަސްގެ ތަފާތަކީ ކޮބައި ހެއްޔެވެ؟

Ads by Sosun Fihaara

2015 ވަނަ އަހަރު އެކުލަވައިލި ޕެރިސް އެގްރީމަންޓުގައި ދުނިޔޭގެ އެވްރެޖް ފިނިހޫނުމިން ޕްރީ-އިންޑަސްޓްރިއަލް ލެވެލްތަކަށް ވުރެ 2 ޑިގްރީ ސެލްސިއަސް އަށް ވުރެ ދަށުގައި ހިފެހެއްޓުމަށާއި، 1.5 ޑިގްރީ ސެލްސިއަސްއަށް އަމާޒު ކުރުމަށް ޤައުމުތަކުން ވަނީ އެއްބަސްވެ، ސޮއިކޮށްފައެވެ.

ސައިންސްވެރިން ބުނާ ގޮތުގައި 1.5° ސެލްސިއަސް ތްރެޝްހޯލްޑް ހުރަސްކުރުމުގެ ސަބަބުން މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން އިންސާނުންނާއި، ދިރުންތަކާއި، އިކޯސިސްޓަމްތަކަށް ކުރާ ނޭދެވޭ އަސަރުތައް އެތައް ގުނައެއް އިތުރުވެގެން ދެއެވެ. މީގެ ކުރިން ލަފާކުރި ވަރަށް ވުރެ، މިކަމުގެ ސަބަބުން ލިބޭ ގެއްލުން އެތައް ގުނައެއް އިތުރެވެ.

މި ލެވެލްގައި ހިފަހައްޓަން ބޭނުންނަމަ، ޖައްވަށް ބޭރުކުރާ ވިހަ ގޭހުގެ މިންވަރު 2030 ވަނަ އަހަރު އަންނަންވާއިރަށް ދެބައިކުޅަ އެއްބަޔަށް ދަށްކޮށް، 2050 ވަނަ އަހަރު އަންނަންވާއިރަށް ނެޓް ޒީރޯއަށް ތިރިކުރަން ޖެހެއެވެ.

ނަމަވެސް އެންމެން އުފައްދާ އެއް ސުވާލަކީ، 0.5 ޑިގްރީ ސެލްސިއަސްއަކީ އެހާ ބޮޑު އަދަދެއް ހެއްޔެވެ. މި ސުވާލުގެ ޖަވާބު ދިނުމުގެ ކުރިން މިހާރު ދުނިޔޭގެ ފިނިހޫނުމިން ހުރި ވަރަށް ބަލައިލަމާ ހިނގާށެވެ.

މިހާރު ވެސް ދުނިޔެ ވަނީ ޕްރީ-އިންޑަސްޓްރިއަލް ލެވެލްތަކަށް ވުރެ ގާތްގަނޑަކަށް 1.1 ޑިގްރީ ސެލްސިއަސްއަށް ހޫނުވެފައެވެ.

ޖަރުމަނުވިލާތުގެ ކްލައިމެޓް ސަރވިސް ސެންޓަރގެ ކްލައިމެޓް ސައިންޓިސްޓް ޑެނިއެލާ ޖޭކޮބް ވިދާޅުވީ، "ހާފް ޑިގްރީގެ މާނައަކީ ވަރަށް ބޮޑަށް ހުޅަނގު މޫސުމުގެ ވިއްސާރަ ވަރުގަދަވުން، މާ ބޮޑަށް ދިގުލައިގެން ދިއުން، ނުވަތަ ވިއްސާރަ އެއްކޮށް ނައުމެވެ."

މި އަހަރުގެ ތެރޭގައި ވެސް ޗައިނާއާއި ހުޅަނގު ޔޫރަޕަށް ބޯކޮށް ވާރޭވެހި ފެންބޮޑުވެ، އެތައް ސަތޭކަ ބަޔަކު ވަނީ މަރުވެފައެވެ. ޕެސިފިކް ހުޅަނގު އުތުރުގެ ސަރަހައްދުތަކުގެ ފިނިހޫނުމިން ރެކޯޑް މިންވަރަކަށް މައްޗަށް ގޮސް، އިތުރު އެތައް ސަތޭކަ ބަޔަކު މަރުވިއެވެ. ގްރީންލޭންޑުން ވަނީ ބޮޑެތި މެލްޓްކުރުމުގެ ހާދިސާތައް ހިނގައިފައެވެ. ޖަންގަލިތަކުގައި ރޯވެ އަނދަމުންދާ އަލިފާންގަނޑުތަކުގެ ސަބަބުން މެޑިޓެރޭނިއަންއާއި ސައިބީރިއާއި، ބްރެޒިލްގެ އެތައް ތަނެއް އަދާ ހުލިވިއިރު، ބައެއް ސަރަހައްދުތަކަށް ބޯކޮށް ވާރޭ ވެހި ގިނަ ގެއްލުންތަކެއް ވަނީ ލިބިފައެވެ.

ހޫނުމިން 1.5 ޑިގްރީ ސެލްސިއަސްއަށް އަދި އެއަށް ވުރެ މައްޗަށް ދިއުމަކީ މިފަދަ އަސަރުތައް އިތުރަށް ގޯސްވެގެންދާނެ ކަމެކެވެ. އީ.ޓީ.އެޗް ޒިއުރިކްގެ ކްލައިމެޓް ސައިންޓިސްޓް ސޯނިއާ ސެނެވިރަތުނެ ވިދާޅުވާ ގޮތުގައި، ދުނިޔެ ހޫނުވަމުންދާ ކޮންމެ އިތުރުވުމަށް، ބަދަލުތައް ބޮޑުވެގެންދެއެވެ.

ދުނިޔެ ހޫނުވެއްޖެ ނަމަ ތަފާތު އެކިއެކި ޤުދުރަތީ ކާރިސާތައް ހިނގައެވެ. އަލިފާނުގެ އިތުރުން، ދުނިޔެ ހޫނުވުމަކީ، ވާރޭ ވެހުމަށް ވެސް މެދުވެރިވާ ކަމެކެވެ.  ހޫނު ގަދަވުމުގެ ސަބަބުން އިތުރުވައިގައި މޮއިސްޗާ ހިފަހައްޓައެވެ. އަދި ވިއްސާރަވާ އިރަކު، ވަރަށް ބޯކޮށް ވާރެއެވެ. ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން ފެންބޮޑުވުމުގެ ނުރައްކާތައް ވެސް ބޮޑުވެއެވެ. މާގަދައަށް ހޫނުވެއްޖެ ނަމަ އޭގެ ސަބަބުން އެވަޕަރޭޝަން އިތުރުވެ، ފަސްގަނޑު މާ ބޮޑަށް ހިކި، ދަނޑުވެރިކަމާއި ފެން ލިބުމަށް އަސަރުކުރެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!