ލަފާކޮށްފައިވާ އަދަދަށް ވުރެ ބޮޑަށް ދަރަނިވެރިވާނެ، ތަކުލީފު އުފުލަންޖެހޭނީ ރައްޔިތުން: ސަލީމް
2022ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓުގައި އެ އަހަރު ދަރަނިވެރިވާނެކަމަށް ލަފާކޮށްފައިވާ އަދަދަށް ވުރެ ބޮޑު އަދަދަކުން ރާއްޖެ ދަރަނިވެރިވާނެ ކަމަށާއި އެކަމުގެ ތަކުލީފު އުފުލަންޖެހޭނީ އާންމު ރައްޔިތުންނަށްކަމަށް ރައްޔިތުންގެ މަޖިލީހުގެ އޭދަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް ވިދާޅުވެއްޖެއެވެ.
އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓަށް ބަހުސް ކުރައްވަމުން މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގައި ސަލީމް ވިދާޅުވީ ދަރަނިވެރިވާނެކަމަށް ބަޖެޓުގައި ލަފާކޮށްފައިވާ 9.4 ބިލިއަން ރުފިޔާއަކީ ރަނގަޅު އަދަދުކަމަށް ދެކެވަޑައިނުގަންނަވާ ކަމަށެވެ. އޭނާ ވިދާޅުވީ އަންނަ އަހަރު 14 ނުވަތަ 15 ބިލިއަން ރުފިޔާގެ ދަރަނި އިތުރުވާނެ ކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ.
ސަލީމް ވިދާޅުވީ ކޮވިޑް-19ގެ ތެރޭގައި އެކި ބޭނުންތަކަށް ދަރަނި ނަގައި، ދަރަނި އިތުރުވެގެން ދިޔަ ނަމަވެސް މިހާރު އާންމު ހާލަތަށް އައުމުން ދެން ޖެހޭނީ ދަރަނި ކުޑަކުރެވޭތޯ މަސައްކަތް ކުރަން ކަމަށެވެ. އޭގެ ބަދަލުގައި ކޮވިޑުގެ ހާލަތުގައި ދަރަނި އިތުރުވި މިންވަރުގައި ބަހައްޓައިގެން ކުރިއަށް ގެންދިޔުމަކީ ސަރުކާރަށާއި ރައްޔިތުންނަށް ވެސް އުފުލޭނެ ބުރައެއް ނޫންކަމަށް ސަލީމް ވިދާޅުވިއެވެ.
"އަޅުގަނޑުމެން ވިސްނާލަން ޖެހޭނެ އެވަރެޖުކޮށް ބަޖެޓު މި އަންނަނީ 13 މިލިއަން ނުވަތަ 14 ބިލިއަން ކޮންމެ އަހަރަކު ވެސް ދަރަނިވަމުން. މިއީ ނުރައްކާތެރި މައްސަލައެއް. މިނުރައްކާ މި އިހުސާސް ކުރަނީ އެންމެ ބޮޑަށް އާންމު ރައްޔިތުން. ދައުލަތުގެ މަތީ ފަންތީގައި ތިބޭ މީހުންނަށް މީގެ އަސަރު މާބޮޑަށް ނުކޮށްފާނެ." ސަލީމް ވިދާޅުވިއެވެ.
ސަލީމް ވިދާޅުވީ ދަރަނި މި މިންވަރުގައި ހިފެހެއްޓިފައިވާ ނަމަ ކުރިއަށް އޮތް ރަމަޟާން މަހު ތަކެތީގެ އަގު މައްޗަށް ދިޔުމުގެ ބިރު އެބައޮތް ކަމަށެވެ. ދުނިޔޭގެ ބާޒާރުން މިސާލު ނަންގަވަމުން ސަލީމް ވިދާޅުވީ އިގްތިޞާދަށް އޭގެ ނޭދެވޭ އަސަރު ކުރުމުގެ ސަބަބުން މުޅި ދުނިޔެއިން ތަކެތީގެ އަގު މައްޗަށް ގޮސްފައިވާ ކަމަށެވެ. އެހެންކަމުން ބަޖެޓުގައި ދަރަނި އިތުރުވާނެކަމަށް އޮންނަ އަދަދު މައްޗަށް ދާ ވަރަކަށް ޑޮލަރުގެ އަގު މައްޗަށް ދާނެ ކަމަށާއި ނަތީޖާއެއްގެ ގޮތުން ރާއްޖެ އެތެރެކުރާ ތަކެތީގެ އަގު ވެސް މައްޗަށް ދާނެކަމަށް ސަލީމް ވިދާޅުވިއެވެ.
ރާއްޖެއަށް އެކަށީގެންވާ މިންވަރަކަށް ޑޮލަރު ވަންނަ ކަމަށާއި އެހެން ނަމަވެސް ޑޮލަރުގެ ރޭޓު މައްޗަށް ދަނީ ދަރަނި އިތުރުވުމުގެ ސަބަބުންކަމަށް ސަލީމް ވިދާޅުވިއެވެ. އެހެން ނަމަވެސް ޑޮލަރު ލިބެނީ ހަމައެކަނި ބޮޑު އަގުގައި ޑޮލަރު ގަންނަނަމަ ކަމަށް ސަލީމް ވިދާޅުވިއެވެ.
ސަލީމް ގޮވައިލެއްވީ އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓު 36.4 ބިލިއަން ރުފިޔާއިން 25 ބިލިއަން ރުފިޔާއަށް ކުޑަކުރުމަށެވެ. ބަޖެޓު ބޮޑުކަން ފާހަގަކުރައްވައި ސަލީމް ވިދާޅުވީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގެ ފުރަތަމަ 4 އަހަރުގެ ބަޖެޓާއި މި ސަރުކާރުގެ ފުރަތަމަ 4 އަހަރުގެ ބަޖެޓާ އަޅާ ބަލާއިރު މިސަރުކާރުގެ ބަޖެޓުތަކަށް 30 ބިލިއަން ރުފިޔާ އިތުރުވާ ކަމަށެވެ.
"އަޅުގަނޑުމެންނަކަށް ނޭނގެ މަސައްކަތްތައް ހުރީ ކިހާ ހިސާބަކުކަމެއް. އެކަމަކު އަޅުގަނޑުމެންނަށް ވެރިކަމަށް އަންނަންވެގެން އަޑުއިވިގެން ދިޔައީ އޭރު އަޅާ ކޮންމެ ބަނދަރަކަށް ނިސްބަތުން 3 ބަނދަރު އެޅޭނެކަމަށް. ކޮންމެ ނަރުދަމާ ނިޒާމަކަށް 3 ނަރުދަމާ ނިޒާމު އެޅޭނެކަމަށް." ކުރީ ސަރުކާރާއި މިސަރުކާރު އަޅައި ކިޔަމުން ސަލީމް ވިދާޅުވިއެވެ.
ސަލީމް ވިދާޅުވީ ޕީއެސްއައިޕީއަށް ކަނޑައަޅާ އަދަދު މި ބީދައިން ބަލާ ނަމަ ވާންޖެހޭނީ ކުޑަކަމަށެވެ. އެހެން ނަމަވެސް އެ އަދަދު ވެސް ވަނީ ބޮޑުކަމަށާއި މިވެގެން އުޅެނީ ކިހިނެއްތޯ ބަލަން ޖެހޭކަމަށް އޭނާ ވިދާޅުވިއެވެ.
މީގެ އިތުރުން ސަލީމް ވަނީ ދައުލަތުގެ ވެރިންނަށް ބަޖެޓުން ކުރާ ހަރަދުތައް ބޮޑުވަމުން ދާކަން ފާހަގަ ކުރައްވައިފައެވެ. އެގޮތުން ދުވާލެއްގެ މައްޗަށް މުލިއާގެއަށް އެކަނި ވެސް 75،000 ރުފިޔާ ހިނގާކަމަށް ވިދާޅުވިއެވެ. ދިވެހި ރައްޔިތުން ތިބީ ނުކައި ކަމަށާއި އެންމެ މީހަކަށް މިހާ ބޮޑު މިންވަރެއް ހަރަދު ކުރުން ދެކޮޅު ނުޖެހޭކަމަށް ސަލީމް ވިދާޅުވިއެވެ.
ސަކަރާތް ޖަހަން ލާރިއެބަހުރިނުން ބަޖެޓުގަ