ރޯލްޒް ރޮއިސްއިން މަލިކާއަށް ކާރު ނުވިއްކަން އުޅުނުކަމަށް ބުނެ ފެތުރުނު ވާހަކަތަކަށް ރައްދުދީފި!
ބޮލީވުޑްގެ ކާމިޔާބު ބަތަލާ މަލިކާ ޝަރާވަތުއަށް ރޯލްޒް ރޮއިސްއިން ކާރު ވިއްކުމަށް ދެކޮޅު ހެދި ކަމަށް ބުނެ މީގެ 10 އަހަރު ކުރިން ފެތުރުނު ވާހަކަތަކަށް އޭނާ ރައްދު ދީފިއެވެ.
2003ވަނަ އަހަރު ފިލްމް "ޚާއިޝް"އިން ބެލުންތެރިންގެ ހިތްތައް އަތުލި މަލިކާ ،އޭނާއަށް ރޯލްޒް ރޮއިސް ކާރު ވިއްކަން އެކުންފުނިން ދެކޮޅު ހެދި ކަމަށް ބުނެ ފެތުރު ވާހަކަތައް ރައްދު ދީފައި ވަނީ ޗެޓް ޝޯއެއްގައެވެ.
މަންދިރާ ބޭދީގެ "ލަވް ލާފް ލައިވް" ޝޯގައި ވާހަކަ ދައްކަމުން މަލިކާއާ މި ސުވާލު ކުރުމުން އޭނާ ވަނީ ހައިރާން ކަމާއެކު އެއީ ހަމައެކަނި ފެތުރު ވާހަކައެއް ކަމަށާއި އެފަދަ ވާހަކައެއް ފެތުރުނީ ކީއްވެކަން ބުނެދޭން ވެސް ނޭނގޭ ކަމަށް ބުނެފައެވެ.
"ކީކޭ؟ މިއީ ކޮންކަހަލަ ވާހަކަތަކެއް. އަހަންނަކަށް ހަމަ އަސްލު ވެސް ނޭނގޭ. ދެން ކާރު ކުންފުންޏަކުން ކަސްޓަމަރަކަށް ކާރެއް ނުވިއްކަންވީ ސަބަބެއް ނެތް" މަލިކާ ބުންޏެވެ.
މީގެ އިތުރުން ވެސް އިތުރު ބައެއްް އަމިއްލަ ވާހަކަ ހިއްސާ ކުރަމުން މަލިކާ ވަނީ އޭނާއާ ބެހޭގޮތުން ތަކުރާރުކޮށް ދޮގު ހަބަރު ލިޔެ އާއްމުކުރި ނޫސްވެރިއެއްގެ ވާހަކަ ވެސް ހިއްސާކޮށްފައެވެ.
"އާނ ، އޭގެ އެއް ނޫސްވެރިއަކު އުޅުނު ޕަޓްނާގައި އޭނަ އަބަދުވެސް އަހަންނާ ބެހޭ ގޮތުން ލިޔަނީ ބޭކާރު ދޮގު ވާހަކަ .އޭނަ އެހެން ހެދީ އަހަރެން އޭނައަށް ހަދިޔާދީ އެކަން ހުއްޓުމަށް ބުނޭތޯ. އެކަމަކު އަހަންނަކީ އެހެން އުޅޭ މީހެއް ނޫން" މަލިކާ ބުންޏެވެ
ކާމިޔާބު ގިނަ ފިލްމްތަކެއް ބެލުންތެރިންނާ ހަމައަށް ގެނެސްދީފައިވާ މަލިކާގެ އެންމެ ފާހަގަކޮށްލެވޭ ފިލްމުތަކަށް ބަލައިލާއިރު، "ހިސް"، "މާޑާރ"، "ޑާޓީ ޕޮލިޓިކްސް" ފަދަ އެތައް ފިލްމެއް ހިމެނެއެވެ.