ދުނިޔެ

ދޯހާ އެއާޕޯޓުގައި އަންހެނުންތަކެއް ބަރަހަނާކޮށް ޗެކް ކުރި މައްސަލަ ކޯޓަށް

މަރްޔަމް ވަޙީދާ ، ދެން އޮންލައިން
ފޮޓޯ: ރާއްޖެއެމްވީ

ދޯހާ އެއާޕޯޓުގައި އަންހެނުންތަކެއް ބަރަހަނާކޮށް ޗެކް ކުރި މައްސަލައެއް ކޯޓަށް ހުށަހަޅައިފިއެވެ.

Ads by Sosun Fihaara

ރިޕޯޓުތަކުން ބުނާގޮތުގައި، ޤަތަރުގެ ސަރުކާރާ ދެކޮޅަށް މައްސަލަ ހުށަހަޅައިފައި ވަނީ އޮސްޓްރޭލިއާގެ ހަތް އަންހެނެކެވެ.

އެ މީހުންގެ ވަކީލު ބުނި ގޮތުގައި، ދޯހާ އިންޓަނޭޝަނަލް އެއާޕޯޓު ތެރޭގައި އެ އަންހެނުންތައް ބަރަހަނާކޮށް، އެމީހުންގެ ޖިންސީ ގުނަވަން ޗެކް ކޮށްފައި ވަނީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގައެވެ.

ޑާމިއަން ސްޓާޒަކަރ ނަމަކަށް ކިޔާ ސިޑްނީގެ އެ ވަކީލު މިދިޔަ ހޯމަ ދުވަހު ބުނީ، އެފަދައިން އެ އަންހެނުންތައް ބަރަހަނާކޮށް، އެމީހުންގެ ޖިންސީ ގުނަވަން ޗެކް ކުރުމުގެ ސަބަބުން އެ އަންހެނުންތަކަށް މިހާރު ވެސް ނަފްސާނީ ގޮތުން އަސަރު ކޮށްފައިވާ ކަމަށެވެ.

ވަކީލު އިތުރަށް ބުނީ، އެ ހަތް އަންހެނުން އެ ގޮތަށް ޗެކް ކުރީ، އެއާޕޯޓު ޓާމިނަލްގެ ފާޚާނާއެއްގެ ކުނި ވަށިގަނޑު ތެރެއިން މަރުވެފައި އޮތް ތުއްތު ކުއްޖެއް ފެނިގެން ކަމަށް އެއިރު އެއާޕޯޓު ސެކިއުރިޓީން ބުނި ކަމަށެވެ. މަރުވެފައި އޮތީ އަލަށް އުފަންވި ކުއްޖެއް ކަމަށްވާތީ، ސެކިއުރިޓީން ޗެކް ކުރީ އެ އަންހެނުންގެ ތެރެއިން އެއިރު ދަރިއަކު ވިހާފައި ހުރީ ކާކުތޯ ކަމަށް ވެސް ބުނި ކަމަށެވެ.

މިކަމާ ގުޅިގެން އެ އަންހެނުންތައް ބަރަހަނާކޮށް ޗެކް ކޮށްފައި ވަނީ އެމްބިއުލޭންސެއްގެ ތެރޭގައި ކަމަށް ވެސް ވަކީލު ބުންޏެވެ.

ބައެއް މީޑިއާތަކަށް މައުލޫމާތު ދެމުން އޭގެ ތެރެއިން އެއް އަންހެނަކު ބުނެފައި ވަނީ، އެއީ އޭނާއަށް އަދި މިހާތަނަށް ކުރިމަތިވި އެންމެ ބިރުވެރި ހާދިސާ ކަމަށެވެ.

ވަކީލު ބުނީ، މި މައްސަލަ ކޯޓަށް ހުށަހަޅަން ނިންމީ، ޤަތަރުގެ ފަރާތުން އަދިއަދަށް ވެސް މާފަށް ނޭދޭތީ ކަމަށެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!