މެދުއިރުމަތި

ޔަމަނުގެ ދާޚިލީ ހަނގުރާމަ: ބޮޑެތި ބާރުތަކުން އަތްގަދަކޮށް، މުޅި ޤައުމު ސުންނާފަތިކޮށްލި

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

މި ހަނގުރާމައަށް ހަތް އަހަރު ވަނީއެވެ. ގިނަ ދުވަސް ވާރަކަށް ހަނގުރާމައިގެ ވާހަކައިގެ އަޑު މަޑުވެއެވެ. އެހެން ނަމަވެސް އެ ހިތްދަތިކަމުގައި އުޅޭ ޔަމަނުގެ ރައްޔިތުންނަށް ކޮންމެ ދުވަހަކީ ވެސް ބިރުވެރި ދުވަހެކެވެ. ދާޚިލީ ހަނގުރާމައެއްގެ ތެރެއަށް ބޭރުގެ ބާރުތަކުން ވަދެ، ޔަމަނުގައި މިހާރު ވެސް ކުރިޔަށްދާ ދާޚިލީ ހަނގުރާމައިގެ ވާހަކަ ދޭތެރެ ދޭތެރެއިން އަޑުއިވެއެވެ. ސައުދީއަށް ހޫތީން ދޭ ކޮންމެ ވެސް ރޮކެޓެއްގެ ހަމަލާއެއްގެ ވާހަކައެވެ. ނޫނީ ސައުދީން ޔަމަނުގެ ހޫތީން ކޮންޓްރޯލް ކުރާ ސިޓީއަކަށްދޭ ހަމަލާއެއްގެ ވާހަކައެވެ. މި ހަނގުރާމައިގެ ފެށުން އައީ ކިހިނެތްތޯ ބަލައިލާން ކިތަންމެ ބަޔަކު ބޭނުންވާނެއެވެ. އަދި ހަނގުރާމަ ނިމޭނެ ދުވަހަކަށް ވެސް އެތައް ބަޔަކު ތިބީ އިންތިޒާރުގައެެވެ.

ޔަމަނުގެ ދާޚިލީ ހަނގުރާމައިގެ ވާހަކަ ދެއްކުމުގެ ކުރިން، އެ ޤައުމުގެ ބޮޑު ބާރެއް ކަމަށްވާ، ހަތިޔާރު އެޅި ޖަމާއަތެއް ކަމަށްވާ ހޫތީންނާ ބެހޭ ގޮތުން އެނގެން ޖެހެއެވެ.

ހޫތީންގެ ފެށުން

ހޫތީންނަކީ ޝީޢީ މަޒްހަބުގެ ބައެކެވެ. އެމީހުން ނިސްބަތް ވަނީ ޝީޢީ މަޒްހަބްގެ ގޮތްޕެއް ކަމަށްވާ ޒައިދީސް އަށެވެ. ޒައިދީސްއަކީ އަލީގެފާނުގެ މުނިކާފަ ދަރިކަލުން ޒައިދް ބުން އަލީއަށް ނިސްބަތްވާ މަޒްހަބެކެވެ. ޒައިދުގެފާނު ޝަހީދުކޮށްލައިފައި ވަނީ އަނިޔާވެރި ދައުލަތަކާ ދެކޮޅަށް ނިކުތުމުންނެވެ. އެހެންވެ، އަނިޔާވެރި ވެރިންނާ ދެކޮޅަށް ނުކުމެ، ވެރިކަން ބަދަލު ކުރުމަކީ އެމީހުންގެ ޤަބޫލު ކުރާ ގޮތުގައި ދީނުގައި ކުރުން މަޖުބޫރު ކަމެކެވެ.

އަލީ އަބްދުﷲ ޞާލިޙް | ހޫތީންވަނީ 2017 ވަނަ އަހަރު މީނާ އަވަހާރަކޮށްލާފައި

1978ވަނަ އަހަރު، އަލީ އަބްދުﷲ ޞާލިޙް ނަމަކަށް ކިޔާ މީހަކު އުތުރު ޔަމަނުގެ ވެރިކަމާ ހަވާލުވެ ވަޑައިގަތެވެ. އޭގެ 12 އަހަރު ފަހުން، 1990ވަނަ އަހަރު އުތުރު ޔަމަނާއި ދެކުނު ޔަމަން ، އެއް ޤައުމަކަށް ހަދައި އެއްބައި ކުރުވިއެވެ. އަބްދުﷲ ޞާލިޙް ޔަމަނުގައި 2011 ވަންދެން ވެރިކަން ކުރިއެވެ.

1980ގެ ފަހުކޮޅު ސައުދީއިން ފަންޑުކޮށްގެން ޔަމަނުގެ އުތުރުގައި ސަލަފުންގެ އިސްޓިޓިއުޓްތަކެއް އުފެއްދިއެވެ. އަދި މިތަނުގައި ސުންނީންގެ ގޮތްތައް ކިޔަވައިދެން ފެށިއެވެ. މި ކަންކޮށްފައި ވަނީ އޭރު އެޤައުމުގައި ވެރިކަން ކުރަމުން ދިޔަ އަބްދުﷲ ޞާލިޙްގެ ބެލުމުގެ ދަށުންނެވެ.

ޔަމަނުގައި އޭރު ދިރިއުޅެމުން އައި ޝީއީ ޖަމާއަތުގެ ޒައިދީން ސުންނީ މުސްލިމުންގެ އިލްމު ފެތުރުން ހުއްޓުމަށް ޓަކައި މަސައްކަތް ފެށިއެވެ. މިއީ ހޫތީންގެ ފެށުމެވެ. ހޫތީން މޫވްމަންޓްގެ އިސްވެރިޔަކީ ހުސެއިން ބަދުރުއްދީން އަލް ހޫތީއެވެ.

ހޫތީންނާއި ޔަމަނުގެ ސަރުކާރާ ދެމެދުގެ ހަނގުރާމައިގެ ފެށުން

ޔަމަނުގެ ސަރުކާރާ ދެކޮޅަށް ހޫތީން އޭރު ވެސް ބަސް ބުނެ، ވީވަރަކުން އެކަމާ ދެކޮޅު ހެދި ނަމަވެސް، ހޫތީންގެ ޔަމަނުގައި ބޮޑަށް ހަރަކާތްތެރިވާން ފެށީ، 2003ވަނަ އަހަރު އެމެރިކާއިން އިރާޤަށް އެރުމާ ގުޅިގެންނެވެ.

އެމެރިކާއިން އެއްވެސް ސަބަބެއް ނެތި އިރާޤް އިސްތިއުމާރު ކުރުމުން، ހޫތީންގެ ހުޅުގަނޑު ފަޅައިގެން ދިޔައެވެ. އަދި ޔަމަނުގައި އޮތް ސަރުކާރަކީ، އެމެރިކާއިން ވާގިވެރިވެގެން އެ ޤައުމުގައި ކުރަމުން އަންނަ ޚުދުމުޚްތާރު ވެރިކަމެއް ކަމަށް ބުނެ މުޒާހަރާ ކުރަން ފެށިއެވެ. މިކަމާ ގުޅިގެން އޭރު ޔަމަންގެ ވެރިޔަކަށް ހުންނެވި، އަބްދުﷲ ޞާލިޙް އެންގުމުގެ މަތިން ހޫތީންގެ ލީޑަރު ހުސެއިން ބަދުރުއްދީން އަލް ހޫތީ ހައްޔަރު ކުރަން ސިފައިން ފޮނުވިއެވެ. އަދި ހުސެއިން މަރައިލާ މީހަކަށް ބޮޑެތި އިނާމު ހުށަހެޅިއެވެ.

ހުސެއިން އަލް ހޫތީ | ހޫތީ ޖަމާއަތުގެ ފައުންޑަރ

ހަތިޔާރާއެކު ހޫތީން އަދި ޔަމަނުގެ ސަރުކާރު ހަނގުރާމައަށް ނިކުތީ މި ހަމަނުޖެހުމުގެ ތެރެއިންނެވެ. 2004ވަނަ އަހަރު ހުސެއިން އަލް ހޫތީ އަވަހާރަކޮށްލިއެވެ. އަދި އެ އަހަރު ހޫތީންގެ އިސްވެރިޔަކަށް ހުސެއިން އަލް ހޫތީގެ ކޮއްކޮ އަބްދުލްމަލިކް އަލްހޫތީ އައްޔަން ކުރެވުނެވެ.

އެ ހިސާބަށް ކަންތައް ދިޔައިރު، ސައުދީ އަރަބިއްޔާއިން އޮތީ ޔަމަނުގެ ސަރުކާރަށް ވާގިވެރިވާން ނިންމިކަން އިއުލާންކޮށްފައެވެ. އަދި ހޫތީންނަކީ ޝީއީ ބައެއް ކަމުން، އިރާނުން ހޫތީންނަށް ވާގިވެރިވާން ނިންމިއެވެ.

33 އަހަރުގެ ވެރިކަމުގެ ނިމުން

2011ވަނަ އަހަރު ޔަމަނުގައި އޭރު އޮތް ސަރުކާރަކީ ޚުދުމުޚުތާރު ސަރުކާރެއް ކަމަށް ބުނެ، ސަރުކާރު ބަދަލު ކުރުމަށް ޔަމަނުގައި ބޮޑެތި މުޒާހަރާތަކެއް ކުރިއެވެ. ޔަމަނަށް ޑިމޮކްރަސީ ގެންނަން ކުރި މުޒާހަރާތަކުގެ ނަތީޖާއެއްގެ ގޮތުން 2011ވަނަ އަހަރު އޭޕްރީލް މަހު، އަބްދުﷲ ޞާލިޙް ވެރިކަން ކުރަމުން އައި ޕާޓީ ޖެނެރަލް ޕީޕަލްސް ކޮންގްރެސްއިން ވެރިކަން ނިމުމަކަށް ގެންނަން ގަލްފް ކޯޕަރޭޝަން ކައުންސިލާ އެކު އެއްބަސްވިއެވެ. އެހެން ނަމަވެސް އަބްދުﷲ ޞާލިޙް މި ނިންމުމަށް އެއްބަހެއް ނުވިއެވެ. އެއާ އެކު ސަރުކާރުގެ ތެރޭގައި ވެސް ދެބަސްވުންތަކެއް އުފެދިގެން ދިޔައެވެ. އަދި އަބްދުﷲ ޞާލިޙަށް އެ އަހަރު ޖޫން މަހުގެ ތެރޭގައި އަނިޔާވެ ވަޑައިގެން، ސައުދީ އަރަބިއްޔާއަށް ބޭސްފަރުވާ ކުރުމަށް ވަޑައިގަތެވެ. ސައުދީން އަނބުރައި ޔަމަނަށް ވަޑައިގެން އަބްދުﷲ ޞާލިޙްވަނީ ވެރިކަމަށް އޭނާގެ ނައިބު ކަމުގައި އޭރު ހުންނެވި ސުންނީ މުސްލިމެއް ކަމަށްވާ އަބްދުއްރަބޫ މަންސޫރު ހާދީ ވެރިކަން ހަވާލު ކުރައްވައިފައެވެ. މިކަން ހިނގީ 2011ވަނަ އަހަރު ނޮވެންބަރު މަހުގެ ތެރޭގައެވެ.

ޔަމަނުގެ މިހާރުގެ ރައީސް އަބްދުއްރަބޫ މަންސޫރު ހާދީ

ޔަމަނުގައި 2012 ވަނަ އަހަރު ފެބްރުއަރީ މަހު ބޭއްވި އިންތިޚާބުގައި އަބްދުއްރަބޫ މަންސޫރު ހާދީ އެ ޤައުމުގެ ރައީސް ކަމަށް ވޯޓުން އިންތިޚާބުވެ ވަޑައިގަތެވެ. މި އިންތިޚާބުގައި ރައީސް ކަމަށް އިތުރު ބޭފުޅަކު އެ އިންތިޚާބުގައި ކުރިމަތި ލައްވައިފައެއް ނުވެއެވެ.

ހާދީގެ ސަރުކާރާ ދެކޮޅަށް ނިކުތުން - ދާޚިލީ ހަނގުރާމައިގެ ފެށުން

މިހާރު ޔަމަނުގައި ހިނގަމުން އަންނަ ދާޚިލީ ހަނގުރާމަ ފެށިފައި ވަނީ ހާދީގެ ސަރުކާރުން ނެގި ބައެއް ނިންމުންތަކުގެ ސަބަބުންނެވެ. މިގޮތުން ފާހަގަކޮށްލެވޭ އެންމެ ބޮޑު އެއް ކަމަކީ ތެލުގެ އަގު ބޮޑު ކުރުމުންނެވެ. އިޤްތިޞާދީ ގޮތުން ވަރުގަދަ ޤައުމަކަށް ހެދުމަށް ހާދީ ދިޔައީ މަސައްކަތް ކުރަމުންނެވެ. މިގޮތުން، ޔަމަނަށް 550 މިލިއަން ޑޮލަރުގެ ލޯނެއް ދިނުމަށް އިންޓަނޭޝަނަލް މަނިޓަރީ ފަންޑުން ހާދީ އެދުމުން އެކަން ކުރެވެން އޮތީ، އިޤްތިޞާދީ ބަދަލުތަކެއް ގެނައުމުން ކަމަށް އޭރު އައިއެމްއެފްއިން އެންގިއެވެ. މިގޮތުން ހާދީގެ ސަރުކާރުން ވަނީ 2014ވަނަ އަހަރު ތެލުގެ ސަބްސިޑީ އުވައިލައިފައެވެ. މިއާ އެކު އެ ޤައުމުގައި ތެލުގެ އަގު ވަރަށް ބޮޑުވެގެން ދިޔައެވެ. ނަތީޖާއަކަށްވީ މަގުތަކަށް ރައްޔިތުން ނިކުތުމެވެ.

ތެލުގެ އަގު ބޮޑުވުމާ އެކު ޔަމަނުގައި އަނެއްކާ ވެސް ވަރުގަދަ މުޒާހަރާތަކެއް ކުރިއެވެ. އަދި ކުރިން ވެރިކަމުގައި ހުންނެވި، އަބްދުﷲ ޞާލިޙްއާއި ހޫތީން އެއް ގަލަކަށް އެރިއެވެ.

އަބްދުﷲ ޞާލިޙް ވެރިކަމުގައި ހުންނެވިއިރު، ގެންގުޅުނު އަސްކަރިއްޔާގެ ޖެނެރަލުން ހޫތީންނާ ބައިއަތު ހިފިައެވެ. ނަތީޖާއެއްގެ ގޮތުން، ހޫތީގެ ބާރު އެތައް ގުނައެއް އިތުރުވެގެން ދިޔައެވެ.

ހޫތީން ވަނީ 2014 ވަނަ އަހަރުގެ ފަހުކޮޅު ސަނާގެ ބޮޑު ބައެއް ހިފައިފައެވެ. އަދި އޭގެ ފަހުން ދެކުނުގެ އަވަށްތަކުގެ ކޮންޓްރޯލް ވެސް ނަގަމުން އައެވެ. ހަނގުރާމަވެރި ޖަމާއަތެއް ކަމަށްވާ ހޫތީން، ގޮވަމުން ދިޔައީ ސަރުކާރު ބަދަލުކޮށް، ތެލުގެ އަގު ދަށް ކުރުމަށެވެ.

2015ވަނަ އަހަރުގެ ޖެނުއަރީ މަހު ހާދީގެ ސަރުކާރަށް ޕްރެޝަރު ބޮޑުވެ އިސްތިއުފާ ދިނެވެ. ހާދީ ފަހުން ވަނީ ސައުދީއަށް ފިއްލަވައިގެން ގޮސްފައެވެ. އަދި އިސްތިއުފާ އަނބުރާ ގެންނަވައި އޭނާއަކީ ޔަމަނުގެ ރައީސް ކަމަށް ވިދާޅުވިއެވެ.

ހާދީގެ އެނބުރި އައުން

ސައުދީއަށް ވަޑައިގެން ހާދީ ފިއްލެވުމުން، މަޤާމުން ދުރުކުރި ރައީސަށް އަނބުރާ ޤައުމު ހޯދައިދިނުމަށް ސައުދީއިން އެކުވެރި ޤައުމުތަކާ އެކު އޮޕަރޭޝަނެއް ފެށިއެވެ. "އޮޕަރޭޝަން ޑިސިޕްލިނަރީ ސްޓޯމް"ގެ ނަން ދީފައިވާ މި އޮޕަރޭޝަނުގައި ޔުނައިޓެޑް އަރަބް އެމިރޭޓްސް، މިސްރު، މޮރޮކޯ، އުރުދުން، ބަހްރެއިން، ސޫދާން އަދި ކުވައިތު ފަދަ ޤައުމުތައް ހިމެނެއެވެ. ސައުދީން ހިންގި މި އޮޕަރޭޝަނުގައި ހޫތީންނަށް ވައިގެ މަގުން ހަމަލާތައްދީ، ކަނޑުގެ އަސްކަރީ ލޮކްޑައުންއަކަށް ގެނެސް، ހަރަކާތްތެރި ސިފައިން ވެސް ޔަމަނަށް ފޮނުވިއެވެ.

ސައުދީން މި އޮޕަރޭޝަން ކުރިޔަށް ގެންދިޔައިރު، ހާދީ ވަނީ ޔަމަނުގައި ވެރިކަން ކުރާ ރަށް އެހެން ރަށަކަށް ބަދަލު ކުރައްވައިފައެވެ. މިގޮތުން އެޑެން ނަމަކަށް ކިޔާ ސިޓީއެއްގައި ސަރުކާރު އެކުލަވައިލައްވާ، ޔަމަނުގެ ވެރިކަން ކުރައްވަން ފެއްޓެވިއެވެ.

މަލްޓިނޭޝަނަލް ކޯލިޝަނުން ޔަމަނަށް އެރީ 2015 ވަނަ އަހަރުގެ މާޗް މަހު

އޮޕަރޭޝަން ޑިސިޝަނަރީ ސްޓޯމް ނިމުމަކަށް ގެންނަން ކޯލިޝަނުން އިއުލާން ކުރީ އޭޕްރީލް މަހުގެ ތެރޭފައެވެ. އަދި އޮޕަރޭޝަން ރީސްޓޮރިންގ ހޯޕްގެ ގޮތުގައި ދެވަނަ ފިޔަވައްސަކަށް ސައުދީ އަރަބިއްޔާއިން ދާން ނިންމިކަން އެންގިއެވެ. އެހެން ނަމަވެސް، އޭރުވެސް ސައުދީން ދިޔައީ ހޫތީންގެ އަމާޒުތަކަށް ބޮމުގެ ހަމަލާތަށް ދެމުންނެވެ. ސައުދީގެ މި ކެންޕެއިނަށް އެހީވުމަށް އެމެރިކާއިން ސައުދީއަށް އެތައް ބިލިޔަން ޑޮލަރުގެ ބަރު ހަތިޔާރު ވިއްކައިފައިވެއެވެ.

2015 ވަނަ އަހަރުގެ އޮގަސްޓް މަހު ހޫތީންނާއި އެމީހުންގެ ބައިވެރިން ދެކުނުގެ ގިނަ ބިންތަކުން ބޭރުކުރުމަށް ކޯލިޝަންގެ ގްރައުންޑް ފައުޖުތަކުން ވަނީ ކާމިޔާބުކޮށްފައެވެ. ނަމަވެސް ސަނާއާއި ހުޅަނގު އުތުރުގެ ބޮޑު ބައެއްގައި ހަނގުރާމަވެރިން ފައްސައިލައިފައެއް ނުވެއެވެ.

ހޫތީން އަދި ޔަމަނުގެ ސަރުކާރުން ކޮންޓްރޯލް ކުރާ ސަރަހައްދު

ހޫތީން ވަނީ 2017ވަނަ އަހަރު އަބްދުﷲ ޞާލިޙް މަރައިލައިފައެވެ. އެއީ އޭނާ ސައުދީންނާ އެކު އެއްބަސްވުމަކަށް ގޮސް ކޮޅު ބަދަލު ކުރުމުންނެވެ، މިއާ އެކު އަބްދުﷲ ޞާލިޙްއަށް ވަފާތެރި މީހުން އަރަބި ކޯލިޝަނާ ވަނީ ގުޅިފައެވެ.

ނިމުމެއް ނެތް ހަނގުރާމައެއް

ހޫތީންނާ ސައުދީން ވާގިވެރިޔާ ޔަމަނުގެ ސަރުކާރާއި ސައުދީގެ ކޯލިޝަންއާ ގުޅިގެންދަނީ ހަނގުރާމަ ކުރަމުންނެވެ. އަދިވެސް އިތުރު ހަނގުރާމައެއްގެ ބިރު އެބައޮތެވެ. އެއީ، ސަދަން ޓްރާންސިޝަނަލް ކައުންސިލްގެ ނަމުގައި ހަރަކާތްތެރިވާ ހަތިޔާރު އެޅި ޖަމާއަތެއްގެ ބިރެއެވެ. ހޫތީންނާ ދެކޮޅަށް ކުރާ ހަނގުރާމައިގައި ދަން ޓްރާންސިޝަނަލް ކައުންސިލުން ޔަަމަނުގެ ސަރުކާރަށް ވާގިވެރިވި ނަމަވެސް، އެ މީހުން ބޭނުންވަނީ ޔަމަނުގެ ދެކުނުގައި ވަކި ސަރުކާރެއް ގާއިމް ކުރާށެވެ. 1967ވަނަ އަހަރުން ފެށިގެން 1990ވަނަ އަހަރާ ހަމައަށް ދެކުނު ޔަމަންއަކާއި އުތުރު ޔަމަނެއް އޮތެވެ.

ސަދަން ޓްރާންސިޝަނަލް ކައުންސިލްގެ ހަނގުރާމަވެރިން

ޔަމަނުގައި އޮތީ ބޮޑު ހަނގުރާމައެކެވެ. ބާރުގެ ބޭނުމުގައި ކުރަމުން އަންނަ މި ހަނގުރާމައިގައި ހުރިހައި އަނިޔާއަށް ލިބެމުންދަނީ ޔަމަނުގެ އާއްމު ރައްޔިތުންނަށެވެ. އެތައް ބިލިޔަން ރައްޔިތުންނެއް ޔަމަންގައި މިއަދު ބަނޑަށް ޖެހިފައިވާއިރު، ހަނގުރާމައިގައި މިހައިތަނަށް ކުށެއް ނެތް މައުސޫމް 10،000 ކުޑަ ކުދިން ވަނީ ޝަހީދުވެފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!