ޚަބަރު މެދުއިރުމަތި ދުނިޔެ

ފަލަސްތީނުގައި ހިންގާ ލޭއޮހުރުވުން ފެނި "ހިތް ކުދި ކުދި ވެއްޖެ" : ޝިޔާމް

އާއިޝަތު ޝައުނާ ، ދެން އޮންލައިން

ފަލަސްތީނުގެ ނަސްލު ނައްތާލަން ހިންގާ ލޭއޮހުރުވުން ފެނި "ހިތް ކުދިކުދިވެއްޖެ" ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެންބަރު އަޙްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

Ads by STELCO
Ads by Sosun Fihaara

ޝިޔާމް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ފަލަސްތީނުގެ ނަސްލު ނައްތާލަން ހިންގާ ލޭއޮހުރުވުންތަކަށް ބަލަން ބައިނަލްއަޤުވާމީ ޖަމިއްޔާތަކުން އަނގަމަތީ ޓޭޕްއަޅައިގެން އަތްތައް ބަނދެގެން ތިބިކަމަށް ވިދާޅުވެ އެކަމުގެ ކަންބޮޑުވުން ވަނީ ފާޅުކުރައްވާފައެވެ.

އިންސާނީ ޙައްޤުތައް އެހެން މީހުންނަށް ކިޔައިދޭންއުޅޭ ދުނިޔޭގެ ބޮޑެތި ޤައުމުތަކާ އެޤައުމުތަކުގެ ނުފޫޒުހިނގާ ބޮޑެތި ޖަމިއްޔާ ޖަމާޢަތްތަކުން ފަލަސްތީނު މުސްލިމުންގެ ޙައްޤުގައި ބަސް ނުބުނާތީ ފެންނަމުންދަނީ އެފަދަ ބޮޑެތި ޖަމިއްޔާތަކުގެ އަސްލު ސޫރަ ކަމަށް ވިދާޅުވެ ޝިޔާމްވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.

"އަދި އެބައިމީހުންގެ ނުފޫޒުން މެދުއިރުމަތީގެ ބައެއް އިސްލާމީ ޤައުމުތައްވެސް މައިބަދަ ގުޑާފައިތިބި މިންވަރެވެ. އިންސާނީ ޙައްޤުތަކަށް މަސައްކަތްކުރާ ކަމަށްބުނެ އުފައްދާފައިހުރި ބަައިނަލްއަޤުވާމީ ޖަމިއްޔާ ޖަމާޢަތްތައް މިއަދު ތިބީ އަނގަމަތީ ޓޭޕްއަޅާ އަތްތައްބަނދެގެންނެވެ" ޝިޔާޟް ވިދާޅުވިއެވެ.

ފަލަސްތީނުގެ ނަސްލު ނައްތާލަން އިޒުރޭލުން ހިންގާ ލޭއޮހޮރުވުން ދުނިޔޭގެ ހުރިހާބިތެއްގެ ހުރިހާ ރައްޔިތުންނަށްވެސް ފެންނަކަމަށާއި އަދި މިވަނީ ކިހިނެއްކަންވެސް އެންމެންނަށްވެސް އެނގޭކަން ފާހަގަކުރައްވަމުން ޝިޔާމް ވިދާޅުވީ، އެތައްހާސް ފުރާނައެއް ރަހުމެއްނެތި ޝަހީދުވާކުރާ މަންޒަރުތައް އެބަފެންނަކަމަށެވެ.

"މިމަންޒަރުތައް ނުފެންނަނީ އަދި މިއަޑުތައް ނީވެނީ ދުނިޔެ ހިންގަން މަޖުބޫރުކޮށްފައި މިއޮތް ބައިނަލް އަޤުވާމީ ނިޒާމުގެ ބޮޑުންނަށެވެ. އެމީހުންނަކަށް ފަލަސްތީނުގެ ޖައްވުގެ ކަޅު ދުންދުންތަކެއް ނުފެނެއެވެ. ކުޑަކުއްޖެއް އަންހެނެއް ނުބަލާ ރަޙުމެއް ހަމްދަރުދީއެއްނެތި އެތައްސަތޭކަ އާއިލާއެއް ޝަހީދުކުރާތަނެއް އެމީހުންނަކަށް ނުފެނެއެވެ. ހޮސްޕިޓަލެއް މަދުރަސާއެއް ރެފިއުޖީ ކޭންޕެއް ނުބަލާ ބޮންއަޅާ އިމާރާތްތައް ބިމާހަމަކުރާތަނެއް އެމީހުންނަކަށް ނުފެނެއެވެ. ފެނެއް ކަރަންޓެއް ކާއެއްޗެއް ނެތްތާނގައި މިއަދު ފަލަސްތީނުގެ ރައްޔިތުންނަށް ބައިނަލް އަޤުވާމީ މުއާހަދާތައް ބުނާ އެންމެ އަސާސީ ޙައްޤު ކަމުގައިވާ ދިރިހުރުމުގެ ޙައްޤުވެސްނެތްތަން އެމީހުންނަކަށް ނުފެނެއެވެ" ޝިޔާމްގެ ޕޯސްޓުގައި ވިދާޅުވެފައިވެއެވެ.

ފަލަސްޠީނުގެ ހަނގުރާމަވެރި ހަމާސް ޖަމާޢަތުން، ޔަހޫދީންގެ އަނިޔާވެރިކަމަށް ބަދަލު ހިފުމަށް އިޒްރޭލަށް ދިން "ސަޕްރައިޒް އެޓޭކް"އަށް ފަހުގައި، އިޒްރޭލުން ޣާޒާއަށް ބޮން އަޅަން ފަށާފައިވާއިރު އެމީހުންގެ މައިގަނޑު އަމާޒަކީ އާއްމުން އުޅޭ ގެތަކާއި، މިސްކިތްތަކާއި، ރައްކާތެރިކަން ހޯދަން ފަލަސްޠީނުގެ ރައްޔިތުން ބަދަލުވާނެ ތަންތަނެވެ.

ބޮން އަޅައި ވައްޓައިލައިފައިވާ އިމާރާތްތަކުގެ ދަށުވެފައިވާ މީހުންގެ އަދަދު މަތިވަމުން އަންނައިރު، ޔަހޫދީން ޝަހީދުކޮށްލި ކުޑަކުދިންގެ އަދަދު އިތުރުވާނެ ކަމަށް ފަލަސްޠީނުގެ އިންޓީރިއަރ މިނިސްޓްރީން ބުނެއެވެ.

މި މަހުގެ 11 ވަނަ ދުވަހުން ފެށިގެން ޣާޒާއިން ކަރަންޓު ކަނޑައިލައި ކާބޯތަކެތި ލިބޭނެ މަގުތައް ބަންދު ކުރިއިރު، ޔަހޫދީންގެ އިންޒާރާއެކު ޣާޒާގެ އުތުރުގައި އުޅޭ އެތައްހާސް ބަޔަކު ވަނީ އެ ސިޓީގެ ދެކުނަށް ހިޖުރަ ކުރަން ވެސް މަޖުބޫރުވެފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!