ޚަބަރު ރައްޔިތުންގެ މަޖިލިސް

ދަރަނި އަދާކުރަންޖެހޭ މުއްދަތުގައި އަދާކުރެވޭނެ، ހަޒާނާގައި ފައިސާ އެބަހުރި: ނަޝީދު

އަޒްހާން އިބްރާޙީމް ، ދެން އޮންލައިން
މަޖިލިސް ރައީސް މުހައްމަދު ނަޝީދު

ރާއްޖެއިން ނަގައިފައިވާ ދަރަނި އަނބުރާ ދެއްކުމަށް ދީފައިވާ މުއްދަތުގައި އެ ދަރަނި އަދާކުރެވޭނެ ކަމަށާއި، ދައުލަތުގެ ހަޒާނާގައި ފައިސާ އެބަހުރިކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

Ads by STELCO

19ވަނަ ރައްޔިތުންގެ މަޖިލީހުގެ 2021ވަނަ އަހަރުގެ ތިންވަނަ ދައުރުގެ 41ވަނަ ޖަލްސާގެ ރިޔާސަތުގައި އިންނަވައި ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ އަންނަ 2022ވަނަ އަހަރަށް ލަފާކޮށް ސަރުކާރުން ހުށަހަޅައިފައިވާ ބަޖެޓާ ގުޅޭ ގޮތުން މަޖިލިސް މެމްބަރުންގެ ހުރި އެންމެ ބޮޑު ކަންބޮޑުވުމަކީ ރާއްޖެއިން ނަގައިފައިވާ ދަރަނި އަނބުރާ ދެއްކުމަށް ބަޖެޓުކުރެވިފައިވާ މިންވަރަށް ދައުލަތުގައި ފައިސާ ހުންނާނެކަމާ މެދު ކަމަށެވެ. އެކިއެކި ފަރާތްތަކުން މި ދަރަނީގެ އަދަދުތައް ފާހަގަކުރަމުން ގެންދާކަމަށާއި ދަރަނީގެ އަދަދު ބޮޑުވާކަމީ އެންމެން ވެސް ކަންބޮޑުވާކަމެއްކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

އެ މަނިކުފާނު ވިދާޅުވީ އެންމެ ބޮޑު ސަމާލުކަމެއް ދޭން ޖެހެނީ ދަރަނި އަނބުރާ ދެއްކުމަށް އަންނަ އަހަރުގެ ބަޖެޓުގައި ހިމަނައިފައިވާ މިންވަރާއި އަދި އެފައިސާ ދެއްކުމަށް ފުރޮޅޭ ވަގުތުތަކުގައި ދައުލަތުގެ ހަޒާނާގައި ފައިސާ ހުރުމާ މެދުކަމަށެވެ.

"ދައުލަތުގެ އާމްދަނީގެ ހިސާބަށް ބަލާއިރުގައި ދަރަނި އަނބުރާ ދެއްކުމަށް އަޅުގަނޑު ހަނދާންވާ ގޮތުގައި އިއްޒަތްތެރި މެމްބަރުން ފާހަގަކުރައްވަމުން ގެންދެވީ 2.9ބިލިއަން ރުފިޔާ މިއަންނަ އަހަރު ހަރަދުވާނެކަމަށް. އެ 2.9 މިލިއަން ރުފިޔާ ދެއްކުމަށް ޖެހޭ މުއްދަތުތަކުގައި އެމިންވަރަށް ޓްރެޜަރީގައި ފައިސާ ހުންނާނެކަމުގެ އަންދާޒާއެއް މިބަޖެޓުން އަޅުގަނޑުމެންނަށް އެބަ ފެނޭ" ނަޝީދު ވިދާޅުވިއެވެ.

ނަޝީދު ވިދާޅުވީ ފެނިވަޑައިގަންނަވާ ގޮތުގައި އެ މިންވަރަށް ދައުލަތުގެ ހަޒާނާގައި ފައިސާ ހުންނާނެކަމަށެވެ. މީގެ އިތުރުން ރައީސް ނަޝީދު ވިދާޅުވީ މިދިޔަ އަހަރު ކުރެވިފައިހުރި ހަރަދުތަކުގެ ތެރޭގައި، މިއަންނަ އަހަރު އަދާކުރަންޖެހޭ ދަރަނި ބޮންޑެއްގެ އެއްބައި ވަނީ މިއަހަރު އަދާކޮށްފައިކަމަށެވެ. އެކަން ބަޖެޓު ރިޕޯޓުގައި ވެސް ފާހަގަކޮށްފައިވާކަމަށް ނަޝީދު ވިދާޅުވިއެވެ.

މި އަންނަ އަހަރު ދަރަނި ދައްކަން ބަޖެޓުކުރެވިފައިވާ އަދަދުތަކަށް ބަލާއިރު ދެއްކި ބައި އުނިކޮށްފައިވާކަން ފާހަގަވާކަމަށް ނަޝީދު ވަނީ ވިދާޅުވެފައެވެ. މީގެ އިތުރުން ރައީސް ނަޝީދު ވިދާޅުވީ ރައްޔިތުންގެ މަޖިލީހުން ވަނީ ދަރަންޏާ ގުޅޭ ގޮތުން ވަރަށް ފުން ދިރާސާއެއް ކޮށްފައި ކަމަށާއި އެ ދިރާސާގެ ރިޕޯޓު ވެސް ވަނީ ފާސްކޮށްފައިކަމަށެވެ. އެގޮތުން މަޖިލީހުން ދެކެނީ ދަރަނި ރީސްޓްރަކްޗާ ކުރަންޖެހޭކަމަށް ކަން ނަޝީދު ފާހަގަކުރެއްވިއެވެ.

"ހަމަކަށަވަރުންވެސް މަޖިލީހުގެ ރިޕޯޓުގައި ބުނެފައި އޮތީ މި 2.9 ބިލިއަން ރުފިޔާ ނުދައްކާ ގޮތަކަށް އަޅުގަނޑުމެން ކަންކަން ހިންގުން އެއީ ބޭނުންތެރި ކަމެކޭ" ނަޝީދު ވިދާޅުވިއެވެ.

ނަޝީދު ވިދާޅުވީ މިއަންނަ އަހަރު ދައްކަންޖެހޭ ދަރަނީގެ މިންވަރަށް ވުރެ ޖެހިގެން އަންނަ އަހަރު ދައްކަންޖެހޭ ދަރަނީގެ މިންވަރު އިތުރުވާކަމަށެވެ. އެފައިސާ މި ދެ އަހަރު ނުދައްކައި އިތުރު ގްރޭސް ޕީރިއެޑެއް ހޯދުމަށާއި، ޖުމްލަ ދަރަނީގެ އަދަދަށް އުނިކަމެއް ގެނައުމަށާއި، އިންޓަރެސްޓް ރޭޓަށް ވެސް ކުޑަ ބަދަލެއް ގެނައުމަށް މަސައްކަތް ކުރަން މަޖިލީހުން ލަފާދީފައިވާނެކަމަށް ނަޝީދު ވިދާޅުވިއެވެ.

މީގެ އިތުރުން ނަޝީދު ވިދާޅުވީ ދަރަނި އިންތިހާއަށް ބޮޑުވި ނަމަވެސް ދަރަނި ނެގި މަޝްރޫއުތަކުން އެފައިސާ އަނބުރާ ދައްކާނެ އާމްދަނީއެއް ނުލިބޭކަމަށާއި އެހެންކަމުން ދައުލަތަށް ލިބޭ އެހެން އާމްދަނީ ވަރަށް ބޮޑުތަން އިތުރުވެގެން ނޫނީ ދަރަނި ފުރިހަމައަށް ނުދެއްކޭނެ ކަމަށެވެ. އަދި ވިދާޅުވީ އެފަދަ ބޮޑު ބަދަލެއް ނުވަތަ ކުރިއެރުމެއް އާމްދަނީއަށް އަންނާނެކަމަށް ދުށުން ވެސް އެއީ އިގްތިޞާދީ ގޮތުން ހިޔާލީ ފޮލާއެއްކަމަށެވެ.

ރައީސް އިބްރާހިމް މުހައްމަދު ޞާލިހުގެ ސަރުކާރުގައި ދައުލަތުގެ ދަރަނި ވަނީ ރެކޯޑު މިންވަރަކަށް މައްޗަށް ގޮސްފައެވެ. އެގޮތުން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަން ނިމުނުއިރު ދައުލަތުގެ ދަރަނި 48.2 ބިލިއަން ރުފިޔާގައި ހުރި ނަމަވެސް މިދިޔަ ތިން އަހަރުގެ ތެރޭގައި ވަނީ އިތުރު 50 ބިލިއަން ރުފިޔާ ދަރަންޏަށް އިތުރުވެފައެވެ. މިއަދަދު އަދިވެސް އިތުރުވެދާނެކަމަށް ލަފާކުރެވޭއިރު ދަރަނި އިންތިހާއަށް މައްޗަށް ދިޔައީ ކޮވިޑް-19ގެ ސަބަބުން ރާއްޖޭގެ މާލީ ހާލަތު ދަށަށް ދިޔަ ދަނޑިވަޅުގައި ގިނަ އަދަދެއްގެ ލޯނު ނެގުމުންކަން ފާހަގަކޮށްލެވެއެވެ.

  1. ކަނބުލޮ

    އެ ހެޔޮދޯ މިނިވަންކަން ވެއްޔާ މޮޑެފަވެސް