Thursday, 5 November 2026
Advertisement
STO — McCoy (leaderboard)
ޚަބަރު

މީދާ ހިފުމުގެ މުބާރާތެއް ބާއްވަނީ،އެއްވަަނައަށް 3،000 ރުފިޔާ!

މީދާ ހިފުމުގެ މުބާރާތެއް ބާއްވަނީ،އެއްވަަނައަށް 3،000 ރުފިޔާ!
ރ. ވާދޫގައި މީދާ ހިފުމުގެ މުބާރާތެއް ބޭއްވުމަށް ތައްޔާރުވެއްޖެއެވެ. ވާދޫ ކައުންސިލްގެ ރައީސް ހުސެއިން އަލީ "ދެން"އަށް މަޢުލޫމާތު ދެއްވަމުން ވިދާޅުވީ މި މުބާރާތުގެ ޝިޢާރަކީ އިޖްތިމާޢީ ކަންތައްތަކުގައި ރައްޔިތުންގެ ބައިވެރިވުން ބޮޑު ކުރުން ކަމަށެވެ. އަދި ރައްޔިތުން ގުޅިގެން މަސައްކަތްކޮށް އެކަކު އަނެކަކަށް ދަތިވާ ކަންތައްތަކުގައި އެންމެން އެއްބާރުލުން ދީގެން ކަންތައްތައް ހައްލު ކުރަން މަސައްކަތް ކުރުން ކަމަށެވެ. ހުސެއިން ވިދާޅުވީ އެ ރަށުގައި ކޮންމެ އަހަރަކުވެސް މީދާ މެރުމުގެ ހަރަކާތެއް ކައުންސިލުން ބާއްވާ ކަމަށެވެ. އެހެން ނަމަވެސް މިއީ މުބާރާތެއްގެ ގޮތުގައި މި ހަރަކާތް ކުރިޔަށް ގެންދާ ފުރަތަމަ ފަހަރު ކަމަށް ހުސެއިން ވިދާޅުވިއެވެ. އަދި މި މުބާރާތް ބާއްވަނީ އާދަޔާ ހިލާފަށް މީދާ ގިނަވެގެން ނޫން ކަމަށާއި މި މުބާރާތަކީ މީދަލުގެ ސަބަބުން ރައްޔިތުންނަށް ލިބޭ ގެއްލުން ކުޑަކުރުމުގެ މަގުސަދުގައި ބާއްވާ މުބާރާތެއް ކަމަށް ހުސެއިން ވިދާޅުވިއެވެ. " މިީދާ ހިފުމުގެ ހަރަކާތް ކޮންމެ އަހަރަކު ވެސް މި ރަށުގައި ކުރިޔަށް ގެންދާނެ. އެކަމަކު މި ފަހަރު މި ބާއްވަނީ މުބާރާތެއް ގޮތަށް. އެއްވެސް ހާލެއްގައި އާދަޔާ ހިލާފަށް މީދާ ގިނަވެގެނެއް ނޫން މިއުޅެނީ. މީދަލުގެ ސަބަބުން އާންމުންނަށް ކުރިމަތިވާ ގެއްލުންތައް ކުޑަކުރުމާއި ވާދަވެރިކަމުގެ ރޫހާއެކު ރަށުން މީދާ މަދުކުރުން މަޤްޞަދަކީ" ހުސެއިން ވިދާޅުވިއެވެ. މިމުބާރާތް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައި ވަނީ މި މަހުގެ 25 ވަނަ ދުވަހުން ފެށިގެން ޑިސެމްބަރު 5 ވަނަ ދުވަހާ ހަމައަށެވެ. މި މުބާރާތުން އެއްވަނައަށް ހޮވޭ ފަރާތަކަށް 3000 ރުފިޔާ، ދެވަނައަށް ހޮވޭ ފަރާތަކަށް 2000 ރުފިޔާ އަދި ތިންވަނައަށް ހޮވޭ ފަރާތަކަށް 1000 ރުފިޔާގެ އިނާމެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ. މި މުބާރާތުން 1 ވަނައަށް ދާނީ 200އަށް ވުރެ ގިނައިން މީދާ ހިފާ ފަރާތެކެވެ. 2ވަނަ ދާނީ 150އަށް ވުރެ ގިނައިން މީދާ ހިފާ ފަރާތެކެވެ. އަދި 3ވަނައަށް ދާނީ 100އަށް ވުރެ ގިނައިން މީދާ ހިފާ ފަރާތެކެވެ. ހުސެއިން ވިދާޅުވީ މި މުބާރާތުގައި ހިފާ މީދާ ކައުންސިލުން ކަނޑައަޅާ ތަނަކަށް، ކޮންމެ ދުވަހަކު ގެންގޮސް، ހިފުނު އަދަދު ރެކޯޑުކުރެވޭނެ ކަމަށެވެ. އަދި އެއްވެސް ވަނައަކަށް ދެފަރާތަށް ވުރެ ގިނަ ފަރާތުން ގޮސްފި ނަމަ، އެވަނައެއް ހޮވާނީ އެއްވަރު ފަރާތްތަކަށް އިތުރު ފުރުސަތެއް ދިނުމަށް ފަހު އެންމެ ގިނަ މީދާ ހިފާ ފަރާތަށް ކަމަށް ވެސް ހުސެއިން ވިދާޅުވިއެވެ.
މި މުބާރާތާ ގުޅިގެން ކައުންސިލުން ނެރުނު އުސޫލުގައިވާ ގޮތުން މިމުބާރާތުގައި ބައިވެރިވެވޭނީ ވާދޫގައި ދިރިއުޅޭ ފަރާތްތަކަށެވެ. އަދި މިމުބާރާތުގައި މީދާ ހިފަން ވާނީ ހަމައެކަނި ވާދޫގެ ފަސްގަނޑުންނެވެ. އަދި ޓީމެއްގެ ގޮތުގައި ބައިވެރިވެވޭނީ ޓީމުގައި މަދުވެގެން 2 މީހުން ހިމެނިގެންނެވެ. އަދި މިމުބާރާތުގައި ވަކިވަކި ފަރުދުންނަށް ވެސް ބައިވެރިވެވޭނެއެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް