މެރިޓައިމް ޝިޕިން ދާއިރާއިން ގުޅުން ބަދަހިކުރުމަށް ބަނގްލަދޭޝްއާ އެކު މަޝްވަރާކޮށްފި
މެރިޓައިމް ޝިޕިން ދާއިރާއިން ރާއްޖެއާއި ބަނގްލަދޭޝްއާ ގުޅުން ބަދަހިކުރުމަށް މަޝްވަރާ ކުރައްވައިފިއެވެ.
މި މަޝްވަރާތައް ބޭއްވީ ، ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަޞީމް، ބަންގްލަދޭޝްއަށް ކުރައްވާ ދެ ދުވަހުގެ ދަތުރުފުޅުގެ ތެރެއިން ބަންގްލަދޭޝްގެ މިނިސްޓަރ އޮފް ފޮރިން އެފެއާޒް ޑރ. އޭ.ކޭ. ޢަބްދުލް މޮމެންއާ ބައްދަލުކުރައްވައެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ، ބަނގްލަދޭޝްއިން އެ މަނިކުފާނަށް ވިދާޅުވި ހޫނު މަރުޙަބާއަށް ޝުކުރު އަދާކުރައްވައި، އެ މަނިކުފާނާ ބައްދަލުކުރެއްވުމަށް ވަގުތުކޮޅެއް ދެއްވީތީ ޝުކުރު އަދާކުރައްވައުފައެވެ. މީގެ އިތުރުން އެމަނިކުފާނު ވަނީ ރާއްޖެއާއި ބަނގްލަދޭޝްއާ ދެމެދުގައި އޮތް ޒަމާންވީ ގާތް ގުޅުމުގެ މައްޗަށް އަލިއަޅުއްވައިލައްވައި، ވޭތުވެދިޔަ އަހަރުތަކުގައި ބަނގްލަދޭޝް ސަރުކާރުން ރާއްޖެއަށް ވެދެއްވާފައިވާ އެހީތެރިކަމަށް ޓަކައި ޝުކުރު އަދާކުރައްވައިފައެވެ.
ޚާއްޞަ ގޮތެއްގައި ކޮވިޑް-19ގެ ބަލިމަޑުކަމުގެ ދުވަސްވަރު ބަނގްލަދޭޝް ސަރުކާރުން ވެދެއްވި އެހީތެރިކަން އެމަނިކުފާނު ފާހަގަކުރެއްވެވިއެވެ. ހަމަ އެއާއެކު ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ ، އ.ދ.ގެ 76 ވަނަ ޢާންމު މަޖިލީހުގެ ރިޔާސަތަށް ރާއްޖެއިން ކުރިމަތިލުމުން އެކަމަށް ބަނގްލަދޭޝް ސަރުކާރުން ދެއްވި އެއްބާރުލުމަށް ޝުކުރު އަދާކުރައްވައިފައެވެ.
މި ބައްދަލުކުރެއްވުމުގައި ބަނގްލަދޭޝްގެ ފޮރިން މިނިސްޓަރ ވަނީ ރާއްޖެއާއި ބަނގްލަދޭޝްއާ ދެމެދު އޮތް ގާތް ރަޙްމަތްތެރިކަމުގެ ގުޅުން ފާހަގަކުރައްވައިފައެވެ. އަދި ބަނގްލަދޭޝްގެ ފުރަތަމަ ރައީސް އަދި އެ ޤައުމުގެ މިނިވަންކަމުގެ ބާނީ ބަންގާބަންދު ޝެއިޚް މުޖީބުއްރަޙްމާން ދުނިޔޭގެ އަލިކަން ދެކެވަޑައިގެންތާ 100 އަހަރު ފުރުން ފާހަގަކުރެއްވުމާއި ބަނގްލަދޭޝްގެ މިނިވަންކަމަށް ރަންޔޫބީލް ފުރުން ފާހަގަކުރުމުގެ އިޙްތިފާލުތަކުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ބައިވެރިވެވަޑައިގެންނެވިކަން ފާހަގަކުރައްވައި، އެކަމަށް ޓަކައި ބަނގްލަދޭޝްގެ ފޮރިން މިނިސްޓަރ ޝުކުރު އަދާކުރެއްވިއެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބާއި ބަނގްލަދޭޝްގެ ފޮރިން މިނިސްޓަރ ވަނީ ދެ ޤައުމުގެ ރައްޔިތުންގެ މެދުގައި އޮންނަ ގުޅުން އިތުރަށް ބަދަހިކުރުމާ ބެހޭގޮތުން މަޝްވަރާ ކުރައްވައިފައެވެ.
މީގެ އިތުރުން މި ބައްދަލުކުރެއްވުމުގައި ބަންގްލަދޭޝްގެ ފޮރިން މިނިސްޓަރ ވަނީ ރާއްޖޭގައި ރަޖިސްޓަރވެގެން ގިނަ އަދަދެއްގެ ބަނގްލަދޭޝް ރައްޔިތުން މަސައްކަތް ކުރަމުންދާކަން ފާހަގަ ކުރައްވައި، އަދި ރާއްޖޭގައި ރަޖިސްޓްރީ ނުވެ އުޅޭ ބަންގްލަދޭޝްގެ މަސައްކަތްތެރިން ރަޖިސްޓްރީކޮށް ރެގިއުލަރައިޒް ކުރުމަށް ދިވެހި ސަރުކާރުގެ އެހީތެރިކަން ފޯރުކޮށްދިނުމަށް އެދިވަޑައިގަންނަވައިފައެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ އަރިހުގައި މިނިސްޓަރ އޮފް ހެލްތު އަޙްމަދު ނަސީމާއި، މިނިސްޓަރ އޮފް ހަޔަރ އެޑިއުކޭޝަން ޑޮކްޓަރ އިބްރާހީމް ޙަސަން ބައިވެރިވެވަޑައިގެންނެވިއެވެ. އަދި އެ ބޭފުޅުން ވަނީ އެބޭފުޅުންނާ ގުޅުން ހުރި ދާއިރާތަކުން ގުޅުން ބަދަހިކުރުމާ ގުޅޭ ގޮތުން ބަންގްލަދޭޝްގެ ޚާރިޖީ ވަޒީރާ އެކު މަޝްވަރާކުރައްވައިފައެވެ.
ރައީސުލްޖުމްހޫރިއްޔާގެ ނައިބު ބަނގްލަދޭޝްއަށް ވަޑައިގެންނެވީ އިއްޔެ ހެނދުނުއެވެ. އެ މަނިކުފާނު ދެ ދުވަހަށް ބަނގްލަދޭޝްއަށް މި ކުރައްވާ ރަސްމީ ދަތުރުފުޅުގައި ސަރުކާރުގެ ވަޒީރުންގެ މަޖިލީހުގެ ބައެއް މެންބަރުނާއި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މަތީ ފަންތީގެ ބޭފުޅުންގެ ވަފުދެއް ބައިވެރިވެވަޑައިގެންނެވިއެވެ.