ޚަބަރު ރައްޔިތުންގެ މަޖިލިސް

ދިވެހިން ތައުލީމީ ދާއިރާއަށް ޝައުގުވެރިކުރުވުމަށް ގިނަ މަސައްކަތްތަކެއް

އަޒްހާން އިބްރާޙީމް ، ދެން އޮންލައިން
އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ މިއަދު މަޖިލީހުގައި

ދިވެހިން ތައުލީމީ ދާއިރާއަށް ޝައުގުވެރިކުރުވުމުގެ ގޮތުން އެޑިއުކޭޝަން މިނިސްޓްރީން ގިނަ މަސައްކަތްތަކެއް ފަށައިގެން ކުރިއަށް އެބަ ގެންދެއެވެ.

Ads by STELCO

19 ވަނަ ރައްޔިތުންގެ މަޖިލީހުގެ 2021 ވަނަ އަހަރުގެ 3 ވަނަ ދައުރުގެ 43 ވަނަ ޖަލްސާގައި މެމްބަރުންގެ ސުވާލުތަކަށް ޖަވާބުދެއްވުމަށް، އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ މަޖިލީހަށް ހާޒިރު ކުރެއްވުމުން ދިވެހިން ތައުލީމީ ދާއިރާއަށް ޝައުގުވެރިކުރުވުމަށް ސަރުކާރުން ގެންގުޅޭ ސިޔާސަތާއި އަދި އެކަމަށްޓަކައި ކުރެވޭ މަސައްކަތްތަކާއި ގުޅޭގޮތުން ސުވާލު ކުރެއްވީ ހޯރަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމެވެ.

ސަލީމްގެ ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު އައިޝަތު ވިދާޅުވީ ދިވެހިންގެ ޝައުގުވެރިކަން ތައުލީމީ ދާއިރާއަށް ނުހުންނަކަށް މިނިސްޓްރީއަށް ވެސް ފާހަގަކުރެވިފައިވާކަމަށެވެ. އެކަމަށް ޓަކައި ސަރުކާރުން ކުރާ އެންމެ ބޮޑު މަސައްކަތަކީ މުދައްރިސުންގެ މުސާރަ ބޮޑުކުރުން ކަމަށާއި އަންނަ 2022ވަނަ އަހަރަށް ލަފާކޮށް ހުށަހަޅައިފައިވާ ބަޖެޓުގައި އެކަމަށް ޓަކައި ފައިސާ ހިމަނައިފައި ވާނެކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި މުސާރަ ބޮޑުކުރުމުން ގިނަ ދިވެހިން މިދާއިރާއަށް ޝައުގުވެރިވާނެކަމަށް އުއްމީދުކުރައްވާކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

"އަޅުގަނޑު އުއްމީދު ކުރަނީ އޭގެ ސަބަބުން އަޅުގަނޑުމެންނަށް ރަނގަޅު ކުދިން މިދާއިރާއަށް ލިބޭނެކަމަށް" މުސާރަ ބޮޑުކުރުމުގެ ވާހަކަ ނިންމަވައިލައްވަމުން މިނިސްޓަރު ވިދާޅުވިއެވެ.

މީގެ އިތުރުން މިނިސްޓްރީން ދަނީ ދިވެހި މުދައްރިސުން ތަމްރީނު ކުރުމުގެ ގިނަ ޕްރޮގުރާމްތަކެއް ވެސް ހިންގަމުންކަމަށް އައިޝަތު ވިދާޅުވިއެވެ. އެ ގޮތުން ތަމްރީނު ދޭ ތަންތަނާއި ގުޅިގެން އެމަސައްކަތް ކުރިއަށް ގެންދަވާކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ. އެންމެ ބޮޑަށް މުދައްރިސުންގެ ދަތިކަން އޮތީ ގުރުއާނާއި، ސެކަންޑްރީގެ މާއްދާތަކުގެ އިތުރުން ޕްރައިމަރީގައި ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ޕްރައިމަރީ ޓީޗަރުން ތަމްރީނު ކުރުމަށް ޓަކައި 2019ވަނަ އަހަރުގެ ތެރޭގައި ފުލީ ފަންޑެޑް ސްކޮލަޝިޕެއްގެ ފުރުސަތު ވެސް ހުޅުވައިލިކަމަށް މިނިސްޓަރު އައިޝަތު ވިދާޅުވިއެވެ. އެހެން ނަމަވެސް އެ ޕްރޮގުރާމަށް އެދެވޭ ތަރުހީބެއް ނުލިބުނުކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.

"އެނގިވަޑައިގަންނަވާނެ މިހާރު ހިލޭ ކުދިންނަށް ޑިގްރީ ހެދޭގޮތަށް މިއޮތީ. މާލޭގަ ހުރުން ހިލޭ. އަދި އިތުރު އެލެވެންސެއް އަޅުގަނޑުމެން ދޭގޮތަށް ސްކޮލަޝިޕްތަކެއް ހުޅުވާލީމަ ވެސް އަޅުގަނޑުމެންނަކަށް ކުދިންނެއް ނުލިބުނު" މިނިސްޓަރު ވިދާޅުވިއެވެ.

މިގޮންޖެހުންތަކުގެ ތެރެއިން ވެސް ގައުމީ ޔުނިވަސިޓީއާއެކު ޓީޗަރުންގެ ފެންވަރު ރަނގަޅުކުރުމުގެ މަސައްކަތްތަކެއް ސަރުކާރުން ކުރަމުން ގެންދާކަމަށް މިނިސްޓަރުގެ ފާހަކަފުޅުގައި ވިދާޅުވިއެވެ.

މީގެ އިތުރުން ސަރުކާރުން އަލަށް ދޭން ފަށައިފައިވާ މުދައްރިސުންގެ ލައިސަންސިންގެ ތެރެއިން ވެސް ސްޓޭންޑާޑުތަކެއް ގާއިމްކުރުމުގެ މަސައްކަތް ކުރަމުންދާކަމަށް މިނިސްޓަރު އައިޝަތު ވިދާޅުވިއެވެ.

ބޭރު ގައުމުތަކުން ރާއްޖެ ގެންނަ މުދައްރިސުންގެ ފެންވަރު ދެނެގަތުމަށް ވެސް އެޑިއުކޭޝަނުން މަސައްކަތްތަކެއް ކުރައްވާކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އެގޮތުން ރައީސް އިބްރާހިމް މުހައްމަދު ޞާލިހުގެ ސަރުކާރު އައުމާ އެކު ބޭރުން މުދައްރިސުން ގެންނަ އުސޫލަށް ބަދަލުތަކެއް ގެނައި ކަމަށާއި ކުރީގެ އުސޫލު އޮތް ގޮތުން "ސީ" ގްރޭޑުގެ ޓީޗަރުންނަށް ވެސް ރާއްޖެއަށް އާދެވޭކަމަށް މިނިސްޓަރުގެ ވާހަކަފުޅުގައި ވިދާޅުވިއެވެ.

"އިންޓަރވިއު ޕްރޮސެސްގައި އަޅުގަނޑުމެން ފޮނުވަނީ ސްކޫލުތަކުގެ ޕްރިންސިޕަލުންނާ ލީޑިންގ ޓީޗަރުން. އަދި އެ ދާއިރާގެ މުދައްރިސުން. ދެން ކޮވިޑްތެރޭގައި މިކަން ގެންދަން ޖެހުނީ އޮންލައިންކޮށް. ބައެއް އިންޓަރވިއު ޕްރޮސެސްގައި އަޅުގަނޑު ވެސް ހަމަ ވަދެ ބަލާލަން ކިހިނެއްތޯ ދަނީ. އެ ޓީޗަރުން ކޮންކަހަލަ ގޮތަކަށްތޯ ޖަވާބު ދެއްވަނީ އަޅުގަނޑުމެން ކުރާ ސުވާލުތަކަށް" މިނިސްޓަރު ވިދާޅުވިއެވެ.

ސްކްރީނިންގް ޕްރޮސެސްއެއްގެ ތެރެއިން ބިދޭސީ ޓީޗަރުން ރާއްޖެ ގެނައުމަށް ފަހު ވެސް އެ ޓީޗަރުންގެ ފެންވަރު ރަނގަޅުތޯ ލީޑިން ޓީޗަރުން ބައްލަވާނެކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި ވިދާޅުވީ ފުރަތަމަ ތިން މަސްދުވަހުގެ ތެރޭގައި އެޓީޗަރެއްގެ ގާބިލުކަން ނެތްކަމަށް ފާހަގަވާ ނަމަ އަނބުރާ ފޮނުވާލާ ކަމަށެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!