ރިޕޯޓް ސަރުކާރު

ސަރުކާރަށް އޮޅުނީ އިޖުތިމާއީ ބޯހިޔާވަހިކަން

އަޒްހާން އިބްރާޙީމް ، ދެން އޮންލައިން

އިޖުތިމާއީ ބޯހިޔާވަހިކަން ނުވަތަ ސޯޝަލް ހައުސިންގެ ސިޔާސަތަކީ ރާއްޖެ ފަދަ ކުޑަ އާބާދީއެއް އޮންނަ ގައުމަކަށް މާ މުހިންމު ސިޔާސަތަކަށް ވެދާނެކަމަކަށް ކުރިން ހީކުރެވިފައެއް ނެތެވެ. އެހެން ނަމަވެސް އަހަރުތަކެއް ފާއިތުވެ ގޮސް ފުރަމާލެއަށް ރާއްޖޭގެ އާބާދީގެ ތިންބައިކުޅަ އެއްބައި މީހުން ޖަމާވުމުން ސޯޝަލް ހައުސިންގެ ސިޔާސަތު ވަރަށް ބޮޑަށް ވެސް މުހިންމުވިއެވެ. މާލެއާ ޖެހިގެން އޮތް ފަޅު ހިއްކައި ހުޅުމާލޭގެ ނަމުން ނަންދީ އެތަނުގައި ސޯޝަލް ހައުސިންގެ ގިނަ މަޝްރޫއުތަކެއް ކުރިއަށް ގެންދަން ކުރީގެ ރައީސް މައުމޫނު އަބްދުލް ގައްޔޫމު ނިންމެވީ މިހާ ހަމައިންނެވެ.

Ads by STELCO

ސޯޝަލް ހައުސިންގެ ކޮންސެޕްޓް ނުވަތަ މަގްސަދު އަނެއްކާ ވެސް މިވަނީ އޮޅިފައެވެ. ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ހުޅުމާލެ ދެވަނަ ފިޔަވަހީގައި ބޮޑު ބިމެއް ހިއްކައި އެތަނުގައި ތަރައްގީކުރި ހިޔާ މަޝްރޫއުގެ 7،000 ފްލެޓަކީ މިހައިތަނަށް ހިންގުނު ސޯޝަލް ހައުސިންގެ އެންމެ ބިޔަ މަޝްރޫއެވެ. އެހެން ނަމަވެސް މިއީ ސޯޝަލް ހައުސިންގެ ގޮތުގައި ރައްޔިތުންގެ އަތް ފޯރާފަށުގައި ކުއްޔަށް ދިން ފްލެޓުތަކެއް ނޫނެވެ.

އިޖުތިމާއީ ބޯހިޔާވަހިކަމަކީ ކޮބާ؟

އިޖުތިމާއީ ބޯހިޔާވަހިކަމަކީ އާންމު ރައްޔިތުންނަށް ލިބޭ އާމްދަނީއާ ގުޅިފައިވާ ސިޔާސަތެކެވެ. މި ސިޔާސަތުގެ ދަށުން ދޫކުރާ ފްލެޓުތަކުގެ ކުލި ކަނޑައަޅަނީ ޖީބަށް ވަންނަ އާމްދަނީން ވަކި އިންސައްތައެއް މިންކޮށްގެންނެވެ. ދުނިޔޭގެ ކޮންމެ ހިސާބަކަށް ބެލިކަމުގައި ވިޔަސް މިއީ އެންމެ ކުޑަ އަގުގައި ފޯރުކޮށްދޭ ބޯހިޔާވަހިކަމެވެ. ހާއްސަކޮށް ޕްރައިވެޓް ސެކްޓާ ނުވަތަ އާންމު ވިޔަފާރިވެރިން ހަދައި، ފޯރުކޮށްދޭ ބޯހިޔާވަހިކަމާއި އަޅާ ބަލާއިރު އިޖުތިމާއީ ބޯހިޔާވަހިކަމުގެ އަގު ވަރަށް ބޮޑަށް ވެސް ކުޑަ ވާނެއެވެ.

އިޖުތިމާއީ ބޯހިޔާވަހިކަމުގެ ބޭނުމަކީ އަމިއްލަ ބޯހިޔާވަހިކަމަކަށް ތަނަވަސްކަން ނެތް ފަރާތްތަކަށް ފަސޭހަ ދިރިއުޅުމެއް ހޯދައިދިނުމެވެ. ގަދަރުވެރި ދިރިއުޅުމަކަށް ހެޔޮ އަގުގައި ނިދައި، ކައިބޮއި ހަދާނެ ގެއެއް ފޯރުކޮށްދިނުމެވެ. އަދި ޖުމްލަކޮށް މުޅި ގައުމުގެ ކުލީގެ އަގު ދަށްކުރުމެވެ. އިޖުތިމާއީ ބޯހިޔާވަހިކަމުގެ ދަށުން ގިނަ ގެތަކެއް، ނުވަތަ ފްލެޓުތަކެއް ފޯރުކޮށްދެވިއްޖެ ނަމަ ކުލީގެ ވިޔަފާރިއަށް އޮންނަ ޑިމާންޑު ދަށަށް ދެއެވެ. މިއާ އެކު އަމިއްލަ ފަރާތްތަކުން އަޅާ ފްލެޓުތަކުގެ އަގު ވެސް ދަށަށް ގޮސް އަތްފޯރާފަށަށް ތިރިވެއެވެ.

ދުނިޔޭގެ އެހެން ގައުމުތަކުގައި ކާމިޔާބު ސިޔާސަތެއް

ރާއްޖެއަކީ ނިސްބަތުން ބިން ކުޑަ ގައުމެކެވެ. ހާއްސަކޮށް އެންމެ ބޮޑު އާބާދީއެއް ދިރިއުޅޭ މާލެ ސަރަހައްދުގައި ބިމުގެ ތަނަވަސްކަން އިންތިހާއަށް ކުޑައެވެ. މިހެންވުމުގެ ސަބަބުން އިޖުތިމާއީ ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ލިބޭ ބިންކޮޅު ވެސް ވަރަށް ބޮޑަށް ކުޑަވެއެވެ. ކުރީގެ ރައީސް ، ރައީސް އަބްދުﷲ ޔާމީން ހުޅުމާލެ ދެވަނަ ފިޔަވަހީގައި ބޮޑު ބިމެއް ހިއްކީ މިދަންނަވާ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރުމުގެ މަގްސަދުގައެވެ. އެހެން ނަމަވެސް ހިޔާ ފްލެޓުތަކުގެ އަގު މި ވަނީ ވަރަށް މައްޗަށް ގޮސްފައެވެ. މިސަރުކާރުން ބުނަނީ އެ ފްލެޓުތައް އަޅަން ނެގި ދަރަނި ބޮޑުވުމުގެ ސަބަބުން އަގު ތިރިކުރެވެން ނެތީކަމަށެވެ. ކުރީ ސަރުކާރުން ބުނަނީ އަގު ތިރިކޮށްގެން ވެސް ފްލެޓުތައް ރައްޔިތުންނަށް ފޯރުކޮށްދެވޭނެ ކަމަށެވެ.

ދުނިޔޭގެ އެހެން ބައެއް ގައުމުތަކުގައި މިކަން އޮތް ގޮތަށް ބަލާލަން އެބަ ޖެހެއެވެ. އިނގިރޭސިވިލާތަކީ ސޯޝަލް ހައުސިންގެ ސިޔާސަތެއް އެންމެ ފުރަތަމަ ތަންފީޒުކުރަން ފެށި އެއް ގައުމެވެ. އެގޮތުން 1860އިގެ އަހަރުތަކުގައި އެގައުމުގައި އަލަށް މިސިޔާސަތު ތަންފީޒުކުރަން ފެށިއެވެ. ކައުންސިލް ހައުސިންގެ ނަމުގައި ފެށި މި މަޝްރޫއުގައި ގެތައް އަޅަން ފެށީ އެކި ސްޓޭޓުތަކުގެ ކައުންސިލްތަކުންނެވެ. އެތަންތަން ބަލަހައްޓަމުންވެސް ގެންދިޔައީ ކައުންސިލްތަކުންނެވެ.

އޭގެ ފަހުން އިޖުތިމާއީ ބޯހިޔާވަހިކަމަށް ވަކި މުއައްސަސާއެއް ގާއިމްކޮށް އެމުއައްސަސާގެ ބެލުމުގެ ތެރެއިން މިކަން ކުރަމުން ގެންދިޔައެވެ. މިއަދާ ހަމައަށް އައިއިރު ވެސް މި ސިޔާސަތަށް އިނގިރޭސިވިލާތުގައި އަންނަނީ ބޮޑު ކާމިޔާބީއެއް ލިބެމުންނެވެ.

ސިޔާސަތުގައި ބޮޑެތި އޮޅުވައިލުންތަކެއް

ސޯޝަލް ހައުސިންގެ އަގު ކަނޑައަޅަނީ ކިހިނެއްތޯ ވެސް ސުވާލު އުފެދެއެވެ. މިފަދަ މަޝްރޫއެއް ކުރިއަށް ގެންދާއިރު އެކަމަށް ފައިސާ ހޭދަކުރަނީ ސަރުކާރުންނެވެ. ނުވަތަ ހޭދަކުރާ ފައިސާ ހަމަޖައްސަނީ ސަރުކާރުންނެވެ. އެއީ އެއްވެސް ގައުމެއްގައި ދައުލަތަށް އާމްދަނީ ހޯދުމުގެ ގޮތުން ކުރިއަށް ގެންދާ މަޝްރޫއުތަކެއް ނޫނެވެ. އެހެންކަމުން ސޯޝަލް ހައުސިންގެ އަގު ކަނޑައަޅާއިރު މަޝްރޫއަށް ހޭދަކުރާ ފައިސާއަށް ނުބަލައެވެ. ބަލަނީ ރައްޔިތުންނަށް ލިބޭ އާމްދަނީއަށެވެ.

އިނގިރޭސިވިލާތުގައި އިޖުތިމާއީ ބޯހިޔާވަހިކަމުގެ އަގުތައް ކަނޑައަޅަނީ ގެދޮރު ކުއްޔަށް ދިނުމުގެ ވިޔަފާރީގައި އަގުތައް ހުރި މިންވަރަށްވުރެ 50 އިންސައްތަ ހެޔޮ އަގެއްގައެވެ. އަދި އެތަން ހާއްސަކުރާ ފަންތީގެ ރައްޔިތުންނަށް ބަލައި 80 އިންސައްތައާ ހަމައަށް ސަރުކާރުން ސަބްސިޑީ ދެއެވެ. މިސާލަކަށް މި އަހަރު އިނގިރޭސިވިލާތުގައި ދެކޮޓަރީގެ ގެއެއް ކުއްޔަށް ދޫކުރާ އެވަރޭޖް އަގަކީ މަހަކު 1،100 ޔޫރޯ (19،143 ދިވެހި ރުފިޔާ) އެވެ. އަދި ސޯޝަލް ހައުސިންގެ ތެރެއިން އެގައުމުގައި ދޫކުރާ ދެކޮޓަރީގެ އެޕާޓްމެންޓެއްގެ އެވަރޭޖް އަގަކީ 164 ޔޫރޯ (2،854 ދިވެހި ރުފިޔާ) އެވެ. ގާތްގަނޑަކަށް 90 އިންސައްތައިގެ ދަށްވުމެކެވެ.

ރާއްޖޭގައި އޮތީ މި ސިޔާސަތު ވަރަށް ބޮޑަށް އޮޅިފައެވެ. ރާއްޖޭގެ ބާޒާރުގައި ދެކޮޓަރީގެ އެޕާޓްމެންޓެއް ކުއްޔަށް މިދޫކުރަނީ އެވަރޭޖްކޮށް 15،000 ރުފިޔާއަށެވެ. ސޯޝަލް ހައުސިންގެ ދަށުން ދޫކުރާ ހިޔާ ފްލެޓުތަކުގެ ކުއްޔަކީ 8،500 ރުފިޔާއެވެ. ދެބައިކުޅަ އެއްބަޔަށް ވެސް ކުލި ދަށެއް ނުވެއެވެ.

މައްސަލައަކީ ކުރީ ސަރުކާރުތަ؟

ދެން އޮތީ މައްސަލައިގެ ވާހަކައެވެ. އެންމެ ފުރަތަމަ ކަމަކަށް ކުރީ ސަރުކާރުން ހިޔާ ޓަވަރުތައް އަޅަން ނެގި ދަރަންޏާއި އެތަން އިމާރާތްކުރަން ދިން އަގު ބޮޑެވެ. 25 ބުރިއަށް އެ ޓަވަރުތައް ނަގައި 15 ޓަވަރު ކުޑަ ކުޑަ ތަންކޮޅަކަށް ޖަމާކުރުމަކީ ވެސް މައްސަލައެކެވެ. ރާއްޖޭގައި ގެދޮރުވެރިކަމަށް ބޮޑު ޑިމާންޑެއް އޮތްއިރު 7،000 ހައުސިން ޔުނިޓު އެއްތަނަކަށް ޖަމާކުރުމުން އެތަނުގައި އެ އާބާދު ކުރެވެނީ ގާތްގަނޑަކަށް 40 ހާހެއްހައި މީހުންނެވެ. އާންމުކޮށް މާލޭގައި އެއް ކޮޓަރިއެއްގައި ދޭއް ނުވަތަ ތިން މީހުން އެބަ ދިރިއުޅެއެވެ. އާއިލާތަކަށް ފްލެޓު ދިނުމުން އެވަރޭޖްކޮށް ހަ މީހުން ފްލެޓަކަށް ވަންނާނެކަމަށް ބެލެވެއެވެ.

އިޖުތިމާއީ މައްސަލަތަކުގެ ވާހަކަ ބާއްވައިފައި ކުލި ބޮޑުވުމުގެ ވާހަކައަށް އަލިއަޅުވާލާނަމެވެ. ސޯޝަލް ހައުސިންގެ މަޝްރޫއުތައް ކުރިއަށް ގެންދަނީ ކުރިން ވެސް ދެންނެވި ފަދައިން ދައުލަތަށް އާމްދަނީ ހޯދާކަށް ނޫނެވެ. އެހެން ގައުމުތަކުން ވެސް މިފަދަ މަޝްރޫއުތައް ކުރިއަށް ގެންދަނީ މާލީ ގޮތުން ބަލާ ނަމަ ގެއްލުމުގައެވެ. އެހެން ނަމަވެސް މިއީ އާސަންދައާއި ކާޑުގެ ސަބްސިޑި ފަދައިން ސީދާ ރައްޔިތުންނާ ގުޅިފައިވާ ކަމެއްކަމުން މިއީ ތަރައްގީގައި ހޯދޭ ކާމިޔާބީއެކެވެ.

ހިޔާ ފްލެޓުތަކުގެ އަގު ކަނޑައެޅީ ރައީސް އިބްރާހިމް މުހައްމަދު ޞާލިހުގެ ސަރުކާރުންނެވެ. އަގު ކަނޑައެޅިއިރު ބެލީ މަޝްރޫއު ހިންގަން ހޭދަވި ފައިސާއަށެވެ. އަދި ދައުލަތަށް ގެއްލުން ނުލިބޭ ގޮތަކަށް ކުލި ކަނޑައެޅުމަށެވެ. އެހެން ނަމަވެސް މިއީ ދުނިޔޭގެ އެއްވެސް ގައުމެއްގައި ކަން ކުރާ ގޮތެއް ނޫނެވެ. އެހެންމުން މި ސިޔާސަތު މިވަނީ ރައްޔިތުންނަށް ވަރަށް ބޮޑަށް އޮޅުވައިލައިފައެވެ.

ސަލާމަތީ ކަންކަން ނުބެލެހެއްޓެނީ ކީއްވެ؟

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އިއްޔެ އެންމެ އަޑު ހަރުކޮށް ވިދާޅުވީ ހިޔާ ފްލެޓުތަކުގެ ސަލާމަތީ ކަންކަން އެއްވެސް ސަރުކާރަކަށް ނުބެލެހެއްޓޭނެ ކަމަށެވެ. ހަމަ އެވާހަކަ ހައުސިންގ މިނިސްޓަރު މުހައްމަދު އަސްލަމް ވެސް ތަކުރާރު ކުރެއްވިއެވެ. ހިޔާގެ ސަލާމަތީ ކަންކަން ބޮޑު ބުރައަކަށް ވެގެން ހިނގައިދާނެ ސަބަބުތަކެއް އެބަހުއްޓެވެ. އެއީ ކުޑަ ތަންކޮޅަކަށް 40،000 އެއްހައި ރައްޔިތުން އަޅާލީމައި ރައްކާތެރިކަން ކަށަވަރުކޮށްދޭން ފުލުހުންގެ އަދަދު އެތަނުގައި އިތުރުކުރަން ޖެހިދާނެތީއެވެ. އެހެން ނަމަވެސް މިއީ ނުކުރެވޭނެ ވަރުގެ ކަމެއް ހެއްޔެވެ؟

ރައީސް މުހައްމަދު ނަޝީދުގެ ސަލާމަތީ ކަންކަން ކަށަވަރު ކުރުމަކީ މިހާރު ދިވެހި ދައުލަތަށް އުފުލަންޖެހިފައިވާ އެންމެ ބޮޑު ބުރައެވެ. އެ މަނިކުފާނު ދިރިއުޅުއްވާ ގެއިން ފެށިގެން މަގުމަތީގައި އުޅުއްވާއިރުގައްޔާއި އެއްތަނުން އަނެއް ތަނަށް ދަތުރުކުރުމުގައި ސަލާމަތީ ކަންކަން ވަރުގަދަކުރަން މި ވަނީ މަޖުބޫރުވެފައެވެ. ދައުލަތުން ވަނީ މިކަމަށް ޓަކައި 50 މިލިއަން ރުފިޔާއަށް ވުރެ ގިނަ ފައިސާ ހަރަދުކޮށްފައެވެ. އެމަނިކުފާނުގެ ވަގުތީ ގެކޮޅު ހެދެންދެން ޖެންގައި ހުންނެވުމަށް ވެސް ވަނީ ދުވާލެއްގެ މައްޗަށް 33،000 އެއްހައި ރުފިޔާ ހަރަދުކޮށްފައެވެ. މިހާ ބޮޑު ހޭދައެއް ކޮށްގެން ރައީސް ނަޝީދުގެ ސަލާމަތީ ކަންކަން އިންތިޒާމު ކުރެވޭއިރު 40،000 ރައްޔިތުންގެ ސަލާމަތީ ކަންކަން ކަށަވަރު ކުރަން އެއްވެސް ވަރެއްގެ ހޭދައެއް ނުކުރެވޭނެކަމަށް ދެންނެވުމަކީ މާ ތާކުންތާކު ޖެހޭ ވާހަކައެއް ނޫނެވެ. އަނެއްކޮޅުން ސަލާމަތީކަންކަން ބެލެހެއްޓުމަކީ އެއްވެސް ސަރުކާރަކަށް ކުރެވޭނެ ކަމެއް ނޫންކަމަށް ދެންނެވުން ވެސް ދެކޮޅެއް ނުޖެހެއެވެ.

މާލެ ސަރަހައްދުގައި ދިރިއުޅޭ އާބާދީގެ ގާތްގަނޑަކަށް ތިންބައިކޮށްފަ ދެބައި މީހުންގެ ދިރިއުޅުމުގައި ދިމާވާ ހުރިހާ މައްސަލައެއްގެ ހައްލަކީ އަތްފޯރާ ފަށުގައި ބޯހިޔާވަހިކަން ފޯރުކޮށްދިނުމެވެ. މާލޭ ސަރަހައްދުގައި މި ދިރިއުޅެނީ އަތޮޅުތެރޭގެ އެހެން ރަށްތަކުން ހިޖުރަކޮށްގެންތިބި އާއިލާތަކެވެ. އައިޑީ ކާޑުގައި ރަށެއްގެ ނަން އޮތަސް ގިނައީ އަމިއްލަ ރަށަށް ގޮސް ވެސް ނުލާ މީހުންނެވެ. ވީއިރު މިއަދު މި ވަނީ ދިވެހިރާއްޖޭގައި ތަންފީޒު ކުރުން އެންމެ މުހިންމު އެއް ސިޔާސަތަކީ އިޖުތިމާއީ ބޯހިޔާވަހިކަމުގެ ސިޔާސަތަށް ވެގެން ގޮސްފައެވެ. އެހެން ނަމަވެސް މި ސަރުކާރަށް އޮޅުނީ އިޖުތިމާއީ ބޯހިޔާވަހިކަމުގެ ސިޔާސަތެވެ. މިސިޔާސަތުގެ ދަށުން ބޯހިޔާވަހިކަން ފޯރުކޮށްދޭ ނަމަ އަގު މިހާރަށް ވުރެ މާ ބޮޑަށް ވެސް ތިރިކުރަން ޖެހެއެވެ.

Ads by HDC
  1. ތަކުރު

    ފުރިހަމަ ލިޔުމެއް. ތިޔަކަހަލަ އާޓިކަލްސް އެހެންނޫސް ތަކުން ފެންނަ ނަމަ ރަގަޅުވީސް