ދުނިޔެ

އިނގިރޭސި ވިލާތުން ވެސް އޮމިކްރޮން ވޭރިއަންޓް ފެނިއްޖެ

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ކޮވިޑް-19 ނުރައްކާތެރި ވޭރިއަންޓެއް ކަމަށްވާ އޮމިކްރޮން ވޭރިއަންޓްގެ ދެ ވޭދަނަ އިނގިރޭސި ވިލާތުން ވެސް ފެނިއްޖެއެވެ.

Ads by Sosun Fihaara

މިކަން ހާމަކުރައްވައިފައި ވަނީ އެ ޤައުމުގެ ހެލްތު މިނިސްޓަރު ސާޖިދު ޖާވިދުއެވެ.

"އިނގިރޭސިވިލާތުގައި މި އައު ވޭރިއަންޓް ދެ ވޭދަނަ ވަނީ ފެނިފައި. ޗެމްސްފޯޑްގައި އެކަކު، ނޮޓިންހަމްގައި އަނެކަކު. މި ވަގުތު ، އެއްތާވި މީހުން ދެނެގަތުމުގެ މަސައްކަތް ކުރިއަށްދާއިރު މި މީހުން އެކަހެރި ކުރަމުން ދަނީ،" ޖާވިދު ނެރުއްވި ބަޔާނެއްގައި ވިދާޅުވިއެވެ.

އިނގިރޭސިވިލާތުން މި ވޭރިއަންޓް ފެނިފައި ވަނީ ދެކުނު އެފްރިކާއަށް ދަތުރު ކުރި ދެ މީހުންގެ ކިބައިންނެވެ.

އޮމިކްރޮން ވޭރިއަންޓް ފުރަތަމަ ފެނިފައި ވަނީ ދެކުނު އެފްރިކާއިންނެވެ. ދެކުނު އެފްރިކާއިން ވޭދަނަތައް ފެނުމާ ގުޅިގެން ރާއްޖެއިން ވަނީ އެފްރިކާގެ ހަތް ޤައުމަކުން ރާއްޖެއަށް މީހުން ނާދެވޭ ގޮތަށް މިރެއިން ފެށިގެން ބޯޑަރުތައް ބަންދު ކުރަން ނިންމައިފައެވެ.

އިނގިރޭސިވިލާތުން ރާއްޖެ ، ރެޑް ލިސްޓްގައި ބޭއްވުމަށް ފަހު، އެ ޤައުމުން ރާއްޖެއަށް އައުމުގެ ހުއްދަދީފައި ވަނީ ދާދިފަހުންނެވެ. މި އަހަރުގެ މިހައިތަނަށް އިނގިރޭސި ވިލާތުން ރާއްޖެއަށް 29،224 މީހުން ދަތުރު ކޮށްފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކައެވެ.

އައު ވޭރިއަންޓާ ބެހޭ ގޮތުން މިހައިތަނަށް އެނގޭ މައުލޫމާތު

އޮމިކްރޮންގެ ނަން ދީފައިވާ ބީ.1.1.529 ކޮވިޑް-19ގެ އައު ވޭރިއަންޓްގައި މިއުޓޭޝަންގެ ވަރަށް އާދަޔާ ޚިލާފު ކޮންސްޓަލޭޝަންއެއް އެކުލެވިގެންވާ ކަމަށް ސައިންސްވެރިން ބުނެއެވެ. މިއީ ހަށިގަނޑުގެ ދިފާއީ ނިޒާމުގެ ފޫއަޅުވައިލެވޭ ފަދަ ވޭރިއަންޓެއް ކަމަށާއި މިހެންކަމުން، ބަލި ޖެހޭ މިންވަރު އިތުރުވާނެ ކަމަށް މިހައިތަނަށް ހެދުނު ދިރާސާތަކުން ދައްކަައެވެ.

ދެކުނު އެފްރިކާގެ ސައިންސްވެރިން ވަނީ މި ވޭރިއަންޓްގެ ސްޕައިކް ޕްރޮޓީންއަށް 30އަށް ވުރެ ގިނަ މިއުޓޭޝަން އައިސްފައިވާކަން ދެނެގަނެފައެވެ. ސްޕައިކް ޕްރޮޓީނަކީ ކޮރޯނާ ވައިރަސް އިންސާނުންގެ ސެލްތަކަށް އިންފެކްޓްވުމަށް އެންޓްރީ ޕޮއިންޓެއް އުފެއްދުމަށް އެހީތެރިވެދޭ ބައެވެ. މިހެންކަމުން މި ވޭންއަންޓުގެ ސަބަބުން ކޮވިޑް-19 ވެކްސިން މަސައްކަތް ނުކޮށްފާނެ ކަމަށް ސައިންސްވެރިން ދެކެއެވެ. ވެކްސިން މަސައްކަތް ކުރޭތޯ، ޔަޤީން ވާނީ ދެ ހަފްތާ ފަހުން ކަމަށް ވެކްސިން އުފައްދާ ކުންފުނިތަކުން ހާމަކުރެއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!