ރިޕޯޓް

ރައީސް ޔާމީންގެ ދޮޅު ގަޑިއިރާ އެކު، މުޅި ސަރުކާރު ޑިފެންސަށް

  • ރައީސް ޔާމީންގެ ވާހަކަފުޅުގައި ސަރުކާރުގެ ސިޔާސަތުތަކަށް ފާޑު ވިދާޅުވި
  • އިންޑިއާ ސިފައިން ރާއްޖެއިން ފޭބުމަށް ގޮވާލެއްވި
  • އެމްޑީޕީއަށް ނޭދެވޭ އަސަރުތަކެއް ކުރާނެކަމަށް ބެލެވޭ
  • އިންތިހާބުގެ ޝައުގު އިތުރަށް އުފުލިއްޖެ
އަޒްހާން އިބްރާޙީމް ، ދެން އޮންލައިން

ކުރީގެ ރައީސް ، ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމު ޖަލުން މިނިވަންވެވަޑައިގެންނެވުމާ އެކު އެމަނިކުފާނު ވެގެން ގޮސްފައި މިވަނީ އިދިކޮޅާއި އެއްކޮޅުގެ ވެސް ބޮޑު މައުޟޫއަށެވެ. ހާއްސަކޮށް މިދިޔަ ހުކުރު ދުވަހު ކާނިވާ ސަރަހައްދުގައި ބޭއްވި އިދިކޮޅު ކޯލިޝަންގެ ބޮޑު ޖަލްސާގައި އެ މަނިކުފާނު ދެއްކެވި ވާހަކަފުޅަށް ފަހު ސަރުކާރަށް ނިސްބަތްވާ އިސް ބޭފުޅުންގެ ރައްދު ރައީސް ޔާމީނަށް މި ވަނީ އަމާޒުވެފައެވެ. މިއާ އެކު ސޯޝަލް މީޑިއާގެ އެކި ޕްލެޓްފޯމުތަކުގައި އެމަނިކުފާނު މިވަނީ ޓްރެންޑުވާން ވެސް ފަށައިފައެވެ.

Ads by MWSC

ސަރުކާރަށް ކީ ބޮޑެތި ފާޑުކިޔުންތައް

ހުކުރު ދުވަހުގެރޭގެ ޖަލްސާގައި ގާތްގަނޑަކަށް ދޮޅުގަޑިއިރެއްހައިއިރު ރައީސް ޔާމީން ވާހަކަފުޅު ދެއްކެވިއެވެ. އޭގެން ބޮޑު ބައެއް ހާއްސަވީ ރައީސް އިބްރާހިމް މުހައްމަދު ޞާލިހުގެ ވެރިކަމުގެ ތިން އަހަރު ދުވަހު ހިނގައިދިޔަ ކަންކަމަށް ފާޑުވިދާޅުވުމަށެވެ. ފަލަ ސުރުހީތަކުގައި އެންމެ ބޮޑަށް ފާހަގަކުރެވުނީ ސަރުކާރާއި އިންޑިއާއާ ދެމެދު އޮތް އާދަޔާ ހިލާފު ގުޅުމަށް އަލިއަޅުވައިލައި ރައީސް ޔާމީން ދެއްކެވި ވާހަކަފުޅެވެ.

"އިންޑިއާ ސިފައިންގެ އެންމެ ބޫޓު ޖޯޑެއް ވެސް އަޅުގަނޑުމެންގެ ފަސްގަނޑުގައި ހުންނާކަށް ބޭނުމެއް ނޫން" ރައީސް ޔާމީން ވިދާޅުވިއެވެ.

އިންޑިއާ ސިފައިން ޖެހޭނީ ރާއްޖެއިން ފައިބަންކަމަށް ރައީސް ޔާމީން ވިދާޅުވުމާ އެކު ކާނިވާ ސަރަހައްދުގައި ތިބި އެތައް ހާސް ސަޕޯޓަރުންނެއް ވަނީ ކޮޅަށް ތެދުވެ އަތްތިލަބަޑީގެ އަޑުން މުޅި ތަން ގުގުމައިލައިފައެވެ. އިދިކޮޅަށް އައު ރޫހެއް ގެނުވީ ރައީސް ޔާމީންގެ ބަސްފުޅުތަކާ އެކުއެވެ. މީގެ އިތުރުން އިންޑިއާ އެމްބަސީން ފައިސާ ދީގެން ރާއްޖޭގެ ބައެއް ނޫސްތައް ހިންގާ ވާހަކައާއި، ނޫސްވެރިންގެ މިނިވަންކަން ނެތް ވާހަކައިގެ އިތުރުން ސިޔާސީ ބޭފުޅުންނަށް ސަރުކާރުން އަނިޔާވެރިވާ ވާހަކައާ އެކު މިނިވަން މުއައްސަސާތައް ވެސް ދައުލަތުގެ ބާރުގެ ދަށަށް ގެނެސްފައިވާކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.

ތަރައްގީގެ މަޝްރޫއުތައް ރާއްޖޭގައި ކުރިއަށް ނުދާކަން ފާހަގަ ކުރައްވައި ރައީސް ޔާމީން ވިދާޅުވީ މިދިޔަ 3 އަހަރު ދުވަހުގެ ތެރޭގައި ރާއްޖޭގެ އިގްތިޞާދު މިއިން ދުވަހަކު އަޑިއަޅައިނުލާ މިންވަރަށް އަޑިއަށް ގޮސްފައިވާ ކަމަށެވެ. ދަރަނި ނެގުމަކީ މައްސަލައެއް ނޫންކަމަށް ވިދާޅުވި ނަމަވެސް މި ސަރުކާރުން ނެގި ރެކޯޑު އަދަދުގެ ދަރަނިން އެއްވެސް ކަމެއް ރައްޔިތުންނަށް ފުއްދައިދީފައި ނުވާކަން ރައީސް ޔާމީން ފާހަގަކުރެއްވިއެވެ.

މުޅި ސަރުކާރު ޑިފެންސަށް

ރައީސް ޔާމީންގެ ދޮޅު ގަޑިއިރުގެ "ބޮޑު ސްޕީޗް"އާ އެކު ސަރުކާރަށް ބޮޑު ހާސްކަމެއް ލިބުނޭ ދެންނެވުން ކުށަކަށް ނުވާނެއެވެ. ވަޒީރުން ވެސް ސަރުކާރުގެ ދިފާއުގައި ވާހަކަ ދައްކަން ފެއްޓެވިއެވެ. ސަރުކާރަށް ނިސްބަތްވެވަޑައިގަންނަވާ މަޖިލިސް މެމްބަރުން ވެސް ރައީސް ޔާމީނަށާއި އިދިކޮޅަށް ރައްދު ދޭން ފެއްޓެވިއެވެ. ސޯޝަލް މީޑިއާ އެކްޓިވިސްޓުން ވެސް އެކި ޒާތުގެ ފޮޓޯއާއި ވީޑިއޯތައް ހަދައި ސޯޝަލް މީޑިއާގައި ދައުރުކުރަން ފެށިއެވެ. ސަރުކާރުގެ މަސްލަހަތު އޮންނަ މީޑިއާތަކުން ވެސް ސީދާ ރައީސް ޔާމީނަށް އަމާޒުކޮށް ލިޔުންތައް ޝާއިއުކުރަން ފެށިއެވެ. ޓީވީ ސްޓޭޝަންތަކުން ވީޑިއޯ ރިޕޯޓުތައް ހަދަން ފެށިއެވެ.

ރައީސް ޔާމީނަށް މާބޮޑު ޝައުގެއް ނެތްކަމަށް ވިދާޅުވި ނަމަވެސް ކުންފުނިތަކުގެ އެމްޑީން ވެސް ދެއްކެވީ އެ މަނިކުފާނުގެ ވާހަކައެވެ. އެކި ސްޓޭޓަސްތަކާއި ޓުވީޓުތަކުގައި ރައީސް ޔާމީންގެ ވެރިކަމުގެ ފަސް އަހަރު ހިނގައިދިޔަ ކަންކަން އަލުން ބަލުން ކިޔަން ފެށިއެވެ. އަދި ކާނިވާ ސަރަހައްދުގައި އޮތް ޖަލްސާއަށް ގިނަ ބަޔަކު ނުދާކަމަށް ވެސް ބުނަން ފެށިއެވެ. އެމްޑީޕީ އެކްޓިވިސްޓުން އާޚިރުގައި ފައިސަލާކުރީ ޖަލްސާއަށް ދިޔައީ "ހައެއްކަ އަށެއްކަ" ބޮޓުންގެ ގޮތުގައެވެ.

އިދިކޮޅަށް މިކަމުން މާބޮޑު ހައިރާންކަމެއް ނުލިބެއެވެ. އެއީ މީގެ ކުރިން ވެސް ރައީސް ޔާމީން ދައްކަވާ ކޮންމެ ވާހަކަފުޅަކާ އެކު އެމްޑީޕީ "ރަތަށް" އަރާތީއެވެ. ހުކުރު ދުވަހުގެ ރޭގެ ޖަލްސާއަށް ފަހު ސަރުކާރަށް ޕްރެޝަރުތަކެއް އަންނާނެކަން އިދިކޮޅަށް އެނގެއެވެ. އެޕާޓީއަށް ނިސްބަތްވެވަޑައިގަންނަވާ ބޭފުޅުންނާއި ސޯޝަލް މީޑިއާ އެކްޓިވިސްޓުން ވެސް މިވާހަކަ ދެއްކިއެވެ.

އިންޑިއާ ސިފައިންގެ އެއްބަސްވުން ހާމަނުކޮށްފި ނަމަ އިންތިހާބު ގެއްލިދާނެ

"އަޖައިބެއް ނުވާނެ. ދެން އިންޑިއާ އެއްބަސްވުންތައް ހާމަކުރަންވެއްޖެއެއްނު. ކޮންމެ ހާލަތެއްގައި ވިޔަސް 2023 ގެ އިންތިހާބު (ބަރުލަމާނީ ވިޔަސް، ރިޔާސީ ވިޔަސް) އެމްޑީޕީއަށް ގެއްލިގެން ނުވާނެ. އެއްބަސްވުންތައް ސިއްރު ކުރުމުން ގެއްލުންތަކެއް އެބަ ލިބޭ" ދައުލަތުގެ އެއްބާރުގެ ވެރިއެއްގެ ޓްވިޓާ އެކައުންޓުކަމަށް ބުނެވޭ ހަސަން ކުރުސީގެ އެކައުންޓުން ކުރި ޓުވީޓެއްގައި ބުންޏެވެ.

ހަގީގަތުގައި އިންޑިއާ ސިފައިން ރާއްޖޭގައި ތިބުމަކީ އެންމެ ދެމީހެއްގެ ކަންބޮޑުވުމެއް ނޫނެވެ. އެމްޑީޕީއަށް ތާއީދުކުރާ އެތައް ރައްޔިތުންނަށް ވެސް މިއީ ބޮޑު ކަންބޮޑުވުމެކެވެ. ސަރުކާރުން މިހައިތަނަށް ވާހަކަ ދައްކަމުން އައިސްފައި ވަނީ އެކި ފަހަރު އެކި ގޮތަށެވެ. އެންމެ ފުރަތަމަ ބުނީ އިންޑިއާ ސިފައިން ރާއްޖޭގައި ނުތިބޭނެ ކަމަށެވެ. ދެން ބުނީ އިންޑިއާގެ ހަނގުރާމަމަތީ ސިފައިން ނުތިބޭނެ ކަމަށެވެ. ދެން ބުނީ ތިބީ ތަމްރީނުތަކަށް އައިސް ތިބި މަދު ސިފައިން ކަމަށެވެ. ދެން ބުނީ 75 ސިފައިން އެބަ ތިބިކަމަށެވެ.

އިންޑިއާ އެއްބަސްވުންތައް ހާމަކުރަން މަޖިލީހުން އެދުމުން ވެސް އެކަން ރައްޔިތުންނަށް ހާމަކުރީ "ތަންތަންކޮޅުން"ނެވެ. އޭގެ ބަދަލުގައި މަޖިލިސް ތަޅުމުގައި ވެސް ދައްކަންފެށީ އެ އެއްބަސްވުމަކީ ކުރީ ސަރުކާރުން ހަދައިފައި އޮތް އެކްޝަން ޕްލޭނުގައި ހިމަނައިފައި އޮތް އެއްބަސްވުމެއް ކަމަށެވެ. އެއްވެސް ވަރަކަށް އެއްބަސްވުން ހާމަކުރުމުގެ ނިޔަތެއް ސަރުކާރުގެ ވެސް އަދި މެމްބަރުންގެ ވެސް ނެތްކަން ކިތަންމެ ރަނގަޅަކަށް ވެސް އެނގިގެން ދިޔައެވެ.

ރާއްޖޭގެ ރައްޔިތުންނަށް އެންމެ ލޯބީ ދިވެހި ފަސްގަނޑެކެވެ. މިތަނުގައި އެހެން ބައެއްގެ ސިފައިން އައިސް ދިވެހިންގެ މިނިވަންކަމަށް އަސަރުކޮށްފާނެ ފަދަ ސިގްނަލެއް ލިބޭކަށް ވެސް ރައްޔިތުން ބޭނުމެއް ނުވާނެއެވެ. ވީއިރު އިންޑިއާ ދިފާއީ އެއްބަސްވުންތަކުގެ އަސަރު އެމްޑީޕީގެ ކުރިމަގަށް ކުރާނެކަން ކަށަވަރެވެ. 2023ގެ އިންތިހާބުގައި ވޯޓުން މިކަން ފެންނާނެކަމަށް ވަރަށް ބޮޑަށް ލަފާކުރެވެއެވެ.

2023ގެ އިންތިހާބަށް އޮތް ޝައުގު އުފުލިއްޖެ

ރައީސް ޔާމީންގެ ޖަލު ހުކުމް ބާތިލުވެގެން ދިޔުމާ އެކު ސިޔާސީ މަޝްރަހުގައި ގިނަ ކަންކަން އަލުން މިވަނީ ރޭވިގެން ގޮސްފައެވެ. 2023ވަނަ އަހަރުގެ ރިޔާސީ އިންތިހާބަށް ގިނަ ކަންތައްތަކެއް ނިންމިދާނެ ހާލަތަށް ސިޔާސީ މަޝްރަހު މިވަނީ ހަލަބޮލިވާން ފަށައިފައެވެ. ރައީސް ޔާމީން ވެރިކަމަށް ކުރިމަތިލެއްވުމަށް އެ މަނިކުފާނަށް އޮތް ހުރަސް މިވަނީ ނެތިގެން ގޮސްފައެވެ. މުޅިން މި ބިރު ނުކެނޑުނު ނަމަވެސް މިވަގުތަށް މަގު އޮތީ ކޮށިފައެވެ. 2023ގެ އިންތިހާބަށް ރައީސް ޔާމީން ކުރިމަތިލައްވާނެކަމަށް ސީދާކޮށް ވިދާޅެއް ނުވެއެވެ. އެހެން ނަމަވެސް ވާހަކަފުޅުތަކުން އިންތިހާބަށް އަލުން ނިކުންނަވާނެކަން ދޭހަވެއެވެ.

ދެން އޮތީ އެމްޑީޕީގެ ކެނޑިޑޭޓެވެ. ރައީސް ޞާލިހުގެ ސަރުކާރުގެ ބައެއް އިސް ބޭފުޅުން ވަނީ އެމަނިކުފާނަށް ދެވަނަ ދައުރެއް ލިބެން ޖެހޭނެކަމަށް ބުނެ ވާހަކަ ދައްކަވައިފައެވެ. ސީދާ ބަހުން ވިދާޅުނުވި ނަމަވެސް ރައީސް ޞާލިހުގެ ޝައުގު އެކަމަށް ހުރިކަމަށް ބެލެވެއެވެ. އެހެން ނަމަވެސް އެމްޑީޕީގެ ރިޔާސީ ޓިކެޓު ރައީސް ޞާލިހަށް ލިބުމުގެ ފުރުސަތު ވަރަށް ކުޑައެވެ. އެއީ ރައީސް ނަޝީދު ވެސް ހުންނެވީ ރިޔާސީ ރޭހަށް އަލުން ނިކުންނެވުމަށް ތައްޔާރަށްކަމަށް ބެލެވޭތީއެވެ. ރައީސް ނަޝީދު ވެރިކަމަށް އިންތިހާބުވެވަޑައިގެންނެވި ނަމަވެސް ތިން އަހަރަށްފަހު އިސްތިއުފާ ދެއްވުމުން ދެވަނަ ދައުރަކަށް އެމަނިކުފާނު ކުރެއްވި އުއްމީދުތައް ވެސް އަދި އޮތީއެވެ. ނިޒާމު ބަދަލުކުރުމުގެ ވާހަކައާ އެކު އަދިވެސް ރާއްޖޭގެ ވެރިކަމުގެ ބާރު ނަޝީދު ބޭނުންވެވަޑައިގަންނަވާކަން އެނގިގެންދެއެވެ.

އެމްޑީޕީއާއި ޕީޕީއެމްއަކީ ރާއްޖޭގެ ވެރިކަން ދެން ވެސް ކުރުމުގެ އުއްމީދު އޮތް ދެ ޕާޓީއެވެ. ދެން އޮތީ ވެރިކަމަށް އައުމަށް ވާގިދޭ ޕާޓީތަކެވެ. އެހެން ވެސް ބައެއް ކެނޑިޑޭޓުން ރިޔާސީ ރޭހަށް ފައްކާކުރަމުން ދިޔަ ނަމަވެސް އެހެން ޕާޓީއަކަށް އެވަރުގެ ތާއީދެއް އޮވެދާނެކަމަކަށް ނުބެލެވެއެވެ. ވާދަވެރިކަން އޮންނާނީ ކުރިމަތިލައްވައިފި ނަމަ ރައީސް ނަޝީދާއި ރައީސް ޔާމީނާ ދެމެދުއެވެ.

 

ކުރިއަށް އޮތް ތަނުގައި ސަރުކާރަށް އޮތީ ވަރަށް ބޮޑު އިމްތިހާނެކެވެ. އެއީ ރައްޔިތުންގެ އިމްތިހާނެވެ. މިހާރު ޑިފެންސަށް ކުޅެން ފެށުން މިއީ ހެޔޮ ފާލެއް ނޫނެވެ. އަދި ދެ އަހަރު ބާކީ އެބަ އޮތެވެ. އަދި ޖެހޭނީ ސަރުކާރުގެ ސިޔާސަތުތައް ރައްޔިތުންނަށް ވިއްކާށެވެ. ތަރައްގީގެ ދުވެލި ހަލުވިކުރާށެވެ. ވެރިކަމުގައި އޮތުމަކީ ލިބޭނެ އެޑްވާންޓޭޖެކެވެ. ކޮންމެ ގޮތަކުން ބެލިޔަސް އެމްޑީޕީއަށް ލިބިފައިވާ ބާރުގެ ބޭނުން ކޮށްގެން ޑެމޭޖު މިނިމައިޒް ކުރެވިދާނެއެވެ. ޑިފެންސަށް ކުޅޭނީ އިންތިހާބަށް ސީދާ ހަރަކާތްތައް ފެށުމުންނެވެ.

Ads by Ooredoo
  1. ޣފދެ

    ައ ކަލޭމެންނައްވެސް ތިއުޅެނި ސަރުކާރުން ޔަމިނަށް ފާޑުކީފާފާފާފ ހަޖަމް ނުވެގެން އޭނަގެ ދިފާެުގައެއްނު. ޢެހެންމާ އެއްތާކުތާ ތި ޖެހުނީ ލޮލް

  2. ނަރުދޫ ހަސަނު

    އިބޫސޯލިހު 2023 …. އިތުރު އެއްވެސް އެއްޗެއްއަދި ފެންނާކަށް ނެތް. ނޯވަގުން 2023.

  3. ސޯލިހް

    މަށަކަށް ނުފެނޭ ސޯލިހް ލައިގެން މި ގައުމަށް ކުރިމަގެއް!! ވަރަށް ރީއްޗައް މިފެންނަނީ!! ޢެއްވެސް ގައުމަކުން ބުނާ ގޮތް ހަދައިގެން މި ގައުމަށް ހިންގަންޏާ އޭގެ މާނައަކީ ވެރިމީހާގެ ނެތޭ އެކޮލިޓީއެއް ! ލީޑަރޝިޕެއް!! ޢެހެންވީމާ ސޯލިހް ގެ ފަރާތުން ގައުމަށް ވާ ފައިދާ އެއް ނެތް!! ޥެރިކަން ފެށެނީ ރައްޔިތުންގެ ކިބައިން!! ޢޭނާއަށް އެނގެންޖެހޭނެ އިންޑިޔާގެ އެތެރޭގެ ސިއްރުތައް އަހަރެމެންނަށް ވެސް އެނގެން ނުޖެހޭ ބީދައިން އހަރެމެންގެ ސިއްރުތައްވެސް އެގޭކަން ނުޖެހޭނެކަން! ޢަހަރުމެންގެ ގައުމުގެ ކަންތައް އަމިއްލަ އަށް ނިންމޭނެ ވެރިޔެއް ބޭނުންވަނީ!! ޥަރަށް ސާފު މިކަންތައް .