ވައިކަރަދޫގައި އަލިފާނުގެ ހާދިސާއެއް ހިނގައި ޓީޗަރަކު ފިހިއްޖެ

ހދ.ވައިކަރަދޫ ގެއަކުން ގޭސް ލީކުވެ، ބިދޭސީ ޓީޗަރަކު ފިހިއްޖެވެ.
އިންޑިއާއަށް ނިސްބަތްވާ އެ ޓީޗަރު މަސައްކަތް ކުރީ، ގޭސް ލީކްވެފައި ހުރިކަން އެނގުމުން އެކަން ރަނގަޅު ކުރުމަށެވެ. އެކަމަކު، އެކަމުގެ ތެރޭގައި އުނދުން ރޯކުރެވި، ގޭތެރޭގައި ހުޅުހިފީ ކަމަށް މައުލޫމާތު ލިބެއެވެ.
އަލިފާނުގެ މި ހާދިސާގައި އެ ޓީޗަރުގެ މޫނާއި ދެ އަތް ވަނީ ވަރަށް ބޮޑަށް ފިހިފައެވެ.
އެ ރަށު ކައުންސިލްގެ ރައީސް އަބްދުﷲ ޒާމިރު ވިދާޅުވި ގޮތުގައި، ގޭސްފުޅި ގޮވުން ނުވަތަ ގޭގެ އެހެން ތަނަކަށް ގެއްލުން ލިބުން ފަދަ ކަމެއް އެ ހާދިސާގައި ނުހިނގައި ކަމަށެވެ.
"ލީކުވެފައި ހުރި ގޭސްތަކުގައި އެކަނި ހުޅު ހިފީ، ގޭތެރެއަށް ބަލާލުމުން ވެސް ކަމެއް ވެފައި ހުރިހެން ވެސް ހީނުވޭ" ޒާމިރު ވިދާޅުވިއެވެ.
ބިދޭސީ އެ ޓީޗަރު ގައިގައި އަލިފާން ހިފީ އޭނަ ހުރިތަނުން ކަމަށް މައުލޫމާތު ލިބެއެވެ. އެ ޓީޗަރަށް އެހީވީ އަލިފާންގަނޑު ރޯވުމުން އެ ގެއަށް ދިޔަ އަވަށްޓެރިންތަކެކެވެ.