މިއަދު ފިރިންނާ އެކު އަނބިން ވެސް ނިކުތީ މަހަށް!

މަސްވެރިންގެ ފާހަގަ ކުރުމުގެ ގޮތުން ތ. ގުރައިދޫ އަންހެނުން މިއަދު މަހަށް ނިކުމެއްޖެއެވެ.
ގުރައިދޫ ކައުންސިލްގެ ރައީސް އަލީ ރަޝީދު "ދެން"އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، އަންހެނުން މަހަށް ނިކުތީ "އައިލާ" ނަމަކަށް ކިޔައި ދޯންޏެއްގައެވެ.
"އެ ދޯނީގެ ފަޅުވެރިންގެ އަނބިން އެއީ. އެމީހުން ރޭގައި އެންދަމައިގެން މިއަދު މަހަށް ގޮސް މިހާރު ރަށަށް އެނބުރި އަތުވެއްޖެ. މަހަށް ދިޔައީ ފަޅުވެރިންނާ (އެމީހުންގެ ފިރިންނާ) އެކީގައި. އެ ދޯނީގައި ތިބޭނެ 25 ފަޅުވެރިން" އަލީ ރަޝީދު ވިދާޅުވިއެވެ.
އަލީ ރަޝީދު ވިދާޅުވީ މަހަށް ދިޔަ އަންހެން ކަނބަލުންނަށް ވެސް މަސް ބޭނުނު ކަމަށާއި އެކަނބަލުން އެކަން ކުރީ މަސްވެރިކަމަށް އިތުރަށް އެއްބާރުލުން ދިނުމުގެ ގޮތުން ކަމަށެވެ.
މަސްވެރިންގެ ދުވަހާ ގުޅިގެން ގުރައިދޫގައި ރޭ ވަނީ ފުޓްސަލް މުބާރާތެއް ވެސް ފަށައިފައެވެ. މި މުބާރާތަކީ އެ ރަށުގެ މަސްވެރިންގެ މެދުގައި ބޭއްވޭ މުބާރާތެއް ކަމަށާއި އެ މުބާރާތް ކުރިއަށް ދާނީ ފަސް ދުވަހަށް ކަމަށް ވެސް އަލީ ރަޝީދު މައުލޫމާތު ދެއްވިއެވެ.