އޮމިކްރޮންގެ ފުރަތަމަ މަރު
ދެކުނު އެފްރިކާއިން ފުރަތަމަ ފެނުނު ކޮވިޑް-19 އޮމިކްރޮން ވޭރިއަންޓް ޖެހުނު މީހަކު، އެ ބަލީގައި މަރުވެފައިވާ ކަަމަށް އިނގިރޭސިވިލާތުގެ ބޮޑު ވަޒީރު ބޮރިސް ޖޯންސަންސް ވިދާޅުވެއްޖެއެވެ.
މިއީ މި ވޭރިއަންޓް ޖެހުނު މީހަކު މަރުވެފައިވާކަން ހާމަކޮށްފައިވާ ފުރަތަމަ ފަހަރެވެ. އެހެން ޤައުމުތަކުގައި ވެސް މި ބަލި ޖެހިގެން މީހުން މަރުވި ނަމަވެސް، ސީދާ މި ވޭރިއަންޓް ޖެހިގެން މަރުވި މީހުންގެ ތަފްސީލް މިހައިތަނަށް އެއްވެސް ޤައުމަކުން ހާމަކޮށްފައެއް ނުވެއެވެ.
ނޫސްވެރިންގެ ބައްދަލުވުމެއްގައި، ބޮރިސް ވިދާޅުވީ، މި ވޭރިއަންޓް ޖެހުނު މީހަކު މަރުވެފައިވާ ކަމަށާއި މަރުވެފައި ވަނީ ހޮސްޕިޓަލުގައި އެނދުމަތި ކުރެވިގެން ފަރުވާ ދެނިކޮށް ކަމަށެވެ. ނަމަވެސް އެ މީހާއަކީ ވެކްސިން ޖަހައިފައިވާ މީހެއްތޯ ނުވަތަ އެހެން ބައްޔެއް ތަހައްމަލު ކުރަމުންދާ މީހެއްތޯ ފަދަ ތަފްސީލެއް ހިއްސާކޮށްފައެއް ނުވެއެވެ.
"އޮމިކްރޮން ޖެހިގެން އެއް ޕޭޝަންޓަކު މަރުވެފައިވާކަން މިހާރު ކަށަވަރު ކުރެވިއްޖެ، ބަލި ޖެހިގެން ގިނަ ބަޔަކަށް ބޮޑުވަރު ވާތަނެއް ނުފެނޭ" ލަންޑަންގައި ހުންނަ ވެކްސިން ސެންޓަރެއްގައި ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ޖޯންސަން ވިދާޅުވިއެވެ.
"އެހެންވީމަ އަޅުގަނޑަށް ހީވަނީ މިއީ ކޮންމެވެސް ގޮތަކުން ވައިރަސްގެ އާދައިގެ ވައްތަރެއްހެން."
ހެލްތު ސެކްރެޓަރީ ސާޖިދު ޖާވިދު ވިދާޅުވީ ލަންޑަންގައި ކޮވިޑް-19 ޖެހިފައި ތިބި މީހުންގެ 44 އިންސައްތަ މީހުންނަށް ބަލިޖެހިފައި ވަނީ އޮމިކްރޮން ވޭރިއަންޓު ކަމަށާއި، 48 ގަޑިއިރުގެ ތެރޭގައި މި ވޭރިއަންޓަކީ ވެރިރަށް ލަންޑަންގައި އެންމެ ބާރުގަދަ ސްޓްރެއިންއަށް ވެގެންދާނެކަމަށެވެ. ޖާވިދު ވިދާޅުވި ގޮތުގައި އަލަށް މި ވޭރިއަންޓް ޖެހޭ މީހުންގެ އަދަދު ދުވާލެއްގެ މައްޗަށް 200،000އަށް އަރާނެ ކަމަށް އަންދާޒާ ކުރެވެއެވެ.
މަރުވިކަން އިއުލާނު ކުރުމުގެ ކުރިން އިނގިރޭސިވިލާތުން ވިދާޅުވީ، އިންގްލެންޑްގެ އެކި ހިސާބުތަކުގައި މި ވޭރިއަންޓް ޖެހިފައިވާ 10 މީހަކު ހޮސްޕިޓަލްގައި އެޑްމިޓްކޮށްފައިވާ ކަމަށެވެ. އެމީހުންގެ އުމުރަކީ 18 އަހަރާއި 85 އަހަރާ ދެމެދު ކަމަށާއި އޭގެ ތެރެއިން ގިނަ މީހުންނަށް ދެ ވެކްސިން ޑޯޒް ދީފައިވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.