ޚަބަރު ރައްޔިތުންގެ މަޖިލިސް ސަރުކާރު

ޝައިހް ހަސީނާ މަޖިލީހުގައި ތަގުރީރު ކުރައްވަން ރުހުން ދީފި

ރައުފާ ރަޝީދު ، ދެން އޮންލައިން

ބަނގްލަދޭޝްގެ ބޮޑުވަޒީރު ޝައިހް ހަސީނާ ރާއްޖެއަށް ކުރައްވާ ރަސްމީ ދަތުރުފުޅުގައި ރައްޔިތުންގެ މަޖިލީހުގައި ތަގުރީރު ކުރައްވަން މަޖިލީހުން ރުހުން ދީފިއެވެ.

Ads by Sosun Fihaara

ހަސީނާ ތަގުރީރު ކުރައްވަން ފެންނަ ކަަމަށް މިއަދު މަޖިލީހުގެ ތަޅުމުގައި ނެގި ވޯޓުގައި 44 މެމްބަރަކު ވަނީ ވޯޓު ދީފައެވެ. ހަސީނާ މަޖިލީހަށް ޒިޔާރަތް ކުރައްވައި، މަޖިލީހުގައި ތަޤުރީރު ކުރައްވުމަށް ހަމަޖެހިފައި ވަނީ މިމަހުގެ 23ވަނަ ދުވަހު ހަވީރު 16:00ގައި ބާއްވާ ޖަލްސާގައެވެ.

ބަނގްލަދޭޝްގެ ބޮޑުވަޒީރު ޝައިޚް ޙަސީނާގެ މި ދަތުރުފުޅަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މި އަހަރުގެ މާރޗް މަހު ބަނގްލަދޭޝަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން އެރުވި ދަޢުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ.

‎އެ ކަމަނާގެ މި ދަތުރުފުޅުގައި ރައީސް އާ ބައްދަލުކުރައްވައި ރަސްމީ ވާހަކަފުޅުތައް ބޭއްވެވުމަށް ވަނީ ހަމަޖެހިފައެވެ. މި ވާހަކަފުޅުތަކުގައި، ދެ ޤައުމުގެ ދެމެދުގައި އެކި ދާއިރާތަކުން އިތުރަށް ގުޅުން ބަދަހި ކުރެއްވުމާއި ބެހޭ ގޮތުން މަޝްވަރާކުރައްވާނެއެވެ.

އަދި ދެ ޤައުމުގެ ދެމެދު އެކި ދާއިރާތަކުން ގުޅުން ބަދަހިކުރުމުގެ ގޮތުން ފަހުމުނާމާތަކެއްގައި ސޮއިކުރުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން މަސްވެރިކަމާއި މީހުން ބިނާކުރުމާއި ތަޢުލީމަކީ މިހާރުވެސް ދެ ޤައުމުގެ ދެމެދު ގާތް ގުޅުމެއް އޮންނަ ބައެއް ދާއިރާތަކެވެ. ދެ ޤައުމު ދެމެދު ސޮއިކުރެވޭ މި އެއްބަސްވުންތަކާ އެކު ދެ ޤައުމުގެ މެދުގައި އޮތް ގުޅުން އިތުރަށް ވަރުގަދަވެ ހަރުދަނާވެގެން ދާނެއެވެ.

‎ދިވެހިރާއްޖެއާއި ބަނގްލަދޭޝްގެ މެދުގައި ޚާރިޖީ ގުޅުން ގާއިމްކުރެވުނީ 22 ސެޕްޓެމްބަރ 1978ވަނަ އަހަރުގައެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!