ލައިފްސްޓައިލް

ހޯމްސްކޫލިންގއަކީ ކޮބައިކަން އެނގޭތަ؟

ލަޠީފާ ޢަދުނާން ، ދެން އޮންލައިން

ދުނިޔޭގެ ގިނަ ހިސާބުތަކުގައި އަދި ދިވެހި ރާއްޖޭގައި ވެސް، ކުޑައިރުއްސުރެ ކުދިން ސްކޫލަށް ފޮނުވުމަކީ ދިރިއުޅުމުގެ ބައެކެވެ. އުފާކުރަން ޖެހޭ ސަބަބަކީ ރާއްޖޭގައި މިހާރު، ކުރީ ޒަމާނާއި ބަލައިފައި ލިޔަން ކިޔަން ނޭނގޭ މީހުންގެ އަދަދު އެތައް ގުނައެއް މަދުވެފައިވާ ކަމެވެ. މިގައުމުގައި ކުދިން ސްކޫލަށް ފޮނުވުން ވަނީ މަޖުބޫރުކޮށް، ސްކޫލަށް ނުފޮނުވުން އެީ ގާނޫނީ ކުށަކަށް ހަދައިފައެވެ. މިކަމުގެ ސަބަބުން ކުޑަ ކުދިންނަށް ރައްކާތެރިކަން ލިބެއެވެ. އަދި ގޭގައި ތައުލީމް ދެވޭނޭ ފެންވަރު ނެތް އާއިލާތަކުގެ ކުދިންނަށްވެ ސް ތައުލީމް ހާސިލް ކުރުމުގެ ފުރުސަތު ލިބެއެވެ.

Ads by Sosun Fihaara

ކަން މިހެން އޮތް ނަމަވެސް، ކުޑަކުދިންނަށާއި ބޮޑެތި މީހުންނަށް ތައުލީމް ހާސިލް ކުރެވޭނޭ އެހެން ގޮތްތައް ވެސް އޮންނަކަން މީހުންނަށް އެނގެން ޖެހެއެވެ. މިސާލަކަށް ދުނިޔޭގެ އެތައް ބަޔަކު އެމީހުންގެ ދަރިން ހޯމްސްކޫލް ކުރެއެވެ. ސްކޫލަށް ފޮނުވުމުގެ ބަދަލުގައި ކުދިންނަށް ތައުލީމް އުނގަންނައިދިނުމުގެ ޒިންމާ އާއިލާއިން ނަގައެވެ. ރާއްޖޭގައި މިގޮތަށް ހޯމްސްކޫލް ކުރާ މީހުންގެ ވާހަކަ އާންމުކޮށް އަޑު ނީވުނަސް އެއީ ވެސް ކޮންމެސް ވަރަކަށް ރާއްޖޭގައި ކުރެވޭ ކަމެއް ކަމުގައި ތުންތުން މަތިން އަޑު އިވެއެވެ. ނަމަވެސް ގާނޫނީ ގޮތުން ކުދިން ސްކޫލަށް ފޮނުވުން މަޖުބޫރު ކުރުމުން، އެކަހަލަ ވާހަކަތައް ހިއްސާ ކުރަން މީހުން އަދި މާ ބޮޑަށް ފަސްޖެހޭނެއެވެ. ނަތީޖާއަކަށް ވަނީ ހޯމްސްކޫލް ކުރުމަކީ ކިހިނެތް ކުރާ ކަމެއްކަން ގިނަ މީހުންނަށް ނޭނގުމެވެ. މިއީ ހަގީގަތުގައި ވަރަށް ދެރަ ކަމެކެވެ.

ހޯމްސްކޫލިންގ ދިވެހި ކޮށްލުމުން ކިޔޭނީ ގޭގައި ކިޔަވައިދިނުމެވެ. އެހެންވީމާ ގިނަ މީހުންނަށް ފަހަރެއްގައި މިފަލްސަފާ ސިފަވާނީ ގޭގައި އިނދެގެން ޓިއުޝަން ނަގައިގެން ކިޔަވާ ކިޔެވުމެކެވެ. ނަމަވެސް ހަގީގަތުގައި ދުނިޔޭގެ ގިނަ ތަންތަނުގައި މީހުން ހޯމްސްކޫލް ކުރަނީ އެގޮތަކަށް ނޫނެވެ. ހޯމްސްކޫލިންގގެ ތަޖުރިބާ އެއަށްވުރެ މާ މުއްސަނދިވެފައި ތަފާތެވެ.

ހޯމްސްކޫލް ކުރުމުން ކުދިންނަށް އާއިލާއާ އެކު ހޭދަކުރެވޭ ވަގުތު އިތުރު ވެގެން ދެއެވެ. ސްކޫލެއްގެ ކްލާސްރޫމެއްގައި ތިރީހަކަށް ކުދިންނަށްް އެއް ޓީޗަރަކަށް ދެވޭ ސަމާލުކަމަށް ވުރެ ގޭގައި އާއިލާގައި މައިންބަފައިންނަށް ކުއްޖާއަށް ދެވޭ ސަމާލުކަން ބޮޑު ވާނެއެވެ. އަދި އެކުދިންގެ ތައުލީމީ ހަޔާތުގެ ބޮޑު ބައެއްގެ ޒިންމާ ނަގައިގެން އުޅޭނީ، އެކުދިން ދެކެ ހަގީގީ ލޯބިވާ އެކުދިންނަށް ހަގީގަތުގައި ވެސް ރަނގަޅު ގޮތް އެންމެ ބޭނުންވާ ބައެކެވެ. އެކުދިންގެ އާއިލާއެވެ.

ހޯމްސްކޫލިންގގެ ބޮޑު ބައެއް ދަނީ 'ހޯމް'އަކު ނޫން

ހޯމްސްކޫލްކުރާ އާއިލާތަކުން ކުދިންނަށް ކިޔަވައިދީ އެއްޗެހި ދަސްކުރުމަށް ޓަކައި ވަރަށް ގިނަ ވަގުތު ގެއިން ބޭރުގައި ހޭދަކުރެއެވެ. ސްކޫލެއްގެ ފާރުތަކުގެ ތެެރޭގައި އިނދެގެން އެތައް އަހަރަކު ކިޔެވުމަށް ވުރެ ހޯމްސްކޫލް ކޮށްގެން ބޮޑުވާ ކުދިންނަށް ގިނަ ތަންތަން ފެނި ގިނަ ކަންކަން ތަޖުރިބާ ކުރެވި ގިނަ މީހުންނާއި ދިމާވުމުގެ ސަބަބުން ގިނަ އެއްޗެހި ދަސްވާނެއެވެ. މިސާލަކަށް އަތިރިމަތި، ދާރުލްއާސާރު، ޕާކު، އިޖުތިމާއީ ހަރަކާތްތައް، ހޯމްސްކޫލިންގ ގްރޫޕްތައް، ރައްޓެހިންގެ ނުވަތަ ތިމާގެ މީހުންގެ ގެތައް ފަދަ އެތައް ތަނަކަށް ކިޔެވުން ގެންދެއެވެ. މިކަން މިގޮތަށް ކުރުމުގެ ސަބަބުން ކުދިން ފޫހިވުމުގެ ފުރުސަތު ކުޑަވެއެވެ. އަދި ދަސްކުރާ ހިތުން އައު ކަންކަން ދަސްކުރެއެވެ.

މިގޮތަށް އެކި ތަންތަނަށް ކުދިންގެ ތައުލީމް ހާސިލް ކުރުން ގެންދިޔުމުގެ ފުރުސަތު ހުޅުވައިލެވިފައި ވާތީ ކޮންމެ ތަނެއްގައި އުޅޭ އާއިލާއަކަށް ވެސް އެ އުޅޭ ތަނަކަށް އެކަށީގެންވާ ގޮތަށް ސްކޫލިން ގެންދެވޭނެއެވެ. މިސާލަކަށް މާލޭގައި ނަމަ ސަލްޓަން ޕާކު، އާޓިފިޝަލް ބީޗް، ކުޑަކުދިންގެ ބަގީޗާ ފަދަ ތަންތަނަށް ގެންގޮސް ކުދިން ކުޅުމުގެ އިތުރުން ކުދިންނަށް އެއްޗެހި ދަސްކުރާނޭ ފުރުސަތު ދެވިދާނެއެވެ. މާލޭގައި މިގޮތަށް ދެވިދާނޭ ވަރަށް ބައިވަރު ތަންތަން ހުންނާނެއެވެ. މިސާލަަކަށް ކުތުބުޚާނާއާއި ކުޅިވަރު ކުޅޭ ތަންތަން، އޭޓީއެމް، ބޭންކް، ހޮސްޕިޓަލްތައް އަދި ކްލިނިކްތައް ހިމެނެއެވެ. އެކި ވައްތަރުގެ އެއްޗެހި ވިއްކާ ފިހާރަތަކަށް ގޮސް އެއްޗެއްސާ ބެހޭ މައުލޫމާތު ހޯދިދާނެއެވެ. ތަރުކާރީ އަދި މޭވާތައް ބާޒާރަށް ގޮސް ބަލައިލެވޭނެއެވެ. ފޮތަކުން ފޮޓޯތައް ބަލައިގެން ދަސްކުރުމަށް ވުރެ އަސްލު އެއްޗެހި ބަލައިގެން ދަސްކުރުން މާ ރަނގަޅު ވާނެއެވެ. ކަންމަތީ ފިހާރައަށް ގޮސް ބާޒާރު ކުރުމުގައި ކުދިން ބައިވެރި ކުރުމަކީ ވެސް ވަރަށް އަގުހުރި، ދިރިއުޅުމުގައި ބޭނުން ކުރަން ޖެހޭ އަސާސީ އުކުޅުތައް ދަސްވާނޭ ކަންކަމެވެ. ލާރި ގެންގުޅުން، އެއްޗެހި ގަތުން އަދި ހިސާބު ، ހަގީގީ ދިރިއުޅުމުގައި ބޭނުން ކުރާނޭ ގޮތް ކުދިންނަށް ވިސްނިގެންދާނެއެވެ.

ރާއްޖެތެރޭ ރަށެއް ނަމަ ގުދުރަތީ މާހައުލްތައް ނަން ހުސްކޮށް ލިބެން އޮންނާނެއެވެ. އެންމެ ކުޑައިރު ކުދިން ގެންދިޔުން ވެސް އެންމެ ރަނގަޅީ އެފަދަ މާހައުލުތަކަށެވެ. އެއީ ގުދުރަތީ ނިޒާމްތަކުގެ ހިނގުމާއި، އެނިޒާމްތަކާއި އަހަރެމެންގެ ދިރިއުޅުމާ ހުރި ގުޅުން ވިސްނައިދިނުމަކީ ތިމާވެއްޓަށް އެކުދިން އަހުލުވެރިވާނޭ އެއްގޮތް ކަމުގައި ވާތީއެވެ. މީގެ އިތުރުން ލޮލަށް ކިރިޔާ ފެންނަ ވަރުގެ ސޫފާސޫތްޕާއި ފަރުގައި އުޅޭ މަސް ބަލައިލުމަށް ޓަކައި މާސްކް އަޅައިގެން މޫދަށް އެރިލުމަކީ ވެސް ކުދިންނަށް އެތައް ކަމެއް، ވަރަށް މަޖަލުގެ ތެރޭގައި އުޅެމުން، އަދި ސްޓްރެސްއާ ނުލާ ދަސްވާނޭ ކަންކަމެވެ.

ސްކޫލްގައި ވަކި ދުވަހަކު އޮންނަ ޓެސްޓަކަށް ދުވަހަކު ހަމަ ލޮލަށް ނުފެންނަ މަހަކާ ބެހޭ ގޮތުން ދަސްކުރުމުގެ ބަދަލުގައި މާސްކް އަޅައިގެން ފީނަން ގޮސް އުޅެނިކޮށް ފެންނަ ދިރުންތައް ދަސްކުރުމުގެ އެދުން އަންނާނީ ކުދިންގެ ހިތުގެ އަޑިންނެވެ. އެއެއްޗެއްސަށް ކިޔާ ނަމާއި މައުލޫމާތު އުނގެނުމުގެ އިތުރުން އެ ދިރުންތައް ހިމާޔަތް ކުރާ ކުދިންގެ ގޮތުގައި ބޮޑުވުމުގެ ފުރުސަތު ވެސް އޭރުން މާ ބޮޑުވާނެއެވެ.

ހޯމްސްކޫލް ކޮށްގެން ބޮޑުވާ ކުދިން މީހުންނާ މުއާމަލާތް ކުރަން މާ ފައްކާ

ހޯމްސްކޫލިންގގެ ވާހަކަ ދައްކާ އިރު ގިނަ މީހުންގެ ކަންބޮޑުވުމަކީ އެކުދިންނަށް މީހުންނާ އެކީގައި އުޅެން ނޭނގިދާނެތީއެވެ. އެއީ ކުރިން ވެސް އަލިއަޅުވައިލި ފަދައިން މީހުންނަށް ހީވެފައި އޮންނަ ކުށްހީއެއްގެ ސަބަބުންނެވެ. މީހުންނަށް ހީވެފައި އޮންނަނީ ހޯމްސްކޫލް ކުރެވޭ ކުދިން ތިބޭނީ އަބަދު ގޭގައި ކަމުގައެވެ. އެހެންވީމާ ގެއިން ބޭރަށް ނުކުމެ މީހުންނާ އެކުގައި އުޅެން އެނގޭނީ ކިހިނެތްބާއޭ އެމީހުން ހިތަށް އަރާނެއެވެ. ނަމަވެސް ކުރިން ވެސް ބުނި ފަދައިން، ހޯމްސްކޫލިންގެ ބޮޑު ބައެއް ދަނީ ގެއިން ބޭރުގައި ކަމުން އެކުދިން ތަފާތު ވައްތަރުގެ އެކި އުމުރުފުރާތަކުގެ އެކި ވައްތަރުގެ މީހުންނާ ދިމާވެ އެމީހުންނާ މުއާމަލާތް ކުރުމުގެ ފުރުސަތު ލިބެއެވެ. އޭގެ ސަބަބުން، ސްކޫލަކަށް ގޮސްގެން ބޮޑުވާ ކުދިންނަށް ވުރެ، ހޯމްސްކޫލް ކުރެވޭ ކުދިންގެ ސޯޝަލް ކަންކަން ވާ ފުރިހަމަ ވާނެއެވެ.

ސްކޫލަށް ދިޔުމަކީ ވާހަކަ ދައްކައި އަނގަ ތަޅައި އަދި މީހުންނާ މާބޮޑަށް މުއާމަލާތް ކުރަން ލިބޭ ފުރުސަތެއް ނޫންކަން އެންމެންނަށް ވެސް އެނގޭނެއެވެ. ސްކޫލްގައި ގިނަ ވަގުތު އިންނަން ޖެހެނީ ވާހަކަ ނުދައްކައެވެ. ސްކޫލްގައި މާ ގިނައިން ވާހަކަ ދެއްކުމަކީ ކުދިން ގޯސް އަދި އަނގަގަދަ ކުދިން ކަމުގައި ލޭބަލް ވާ ކަމެކެވެ. ކުދިން ވާހަކަ ދެއްކިޔަ ނުދިނުމަށް ޓަކައި ރައްޓެހި ނުވަތަ ގާތް ކުއްޖެއްގެ ކައިރީގައި ޓީޗަރުން ނުވެސް ބައިންދާނެއެވެ. އެހެންވީމާ ސްކޫލްގެ ބޮޑު ބައެއް މިކަހަލަ ގޮތެއްގައި ކަޑައްތު ކުރާއިރު، ސްކޫލް ގަޑި ނޫން ގަޑިތަކުގައި އެ ފުރުސަތު ނުލިބިއްޖެ ނަމަ، އެކުއްޖަކުގެ ސޯޝަލް ސްކިލްސް ރަނގަޅެއް ނުވާނެއެވެ.

އުމުރުފުރާ ވަކި ނުކޮށް ކިޔަވައިދިނުން

ސްކޫލްތަކުގައި އަހަރެމެންނަށް މިފެންނަ އާދައަކީ ކުދިންގެ އުމުރަށް ބަލައިގެން، ގްރޭޑްތައް ވަކިކޮށް، އެ ގްރޭޑްތަކަށް ކަނޑައަޅައިއިގެން ވަކި އެއްޗެއް ކިޔަވައިދިނުމެވެ. ނަމަވެސް ހޯމްސްކޫލިންގގައި ކުދިންގެ އުމުރަށް ބެލުމުގެ ބަދަލުގައި ބަލާނީ އެކުއްޖާގެ ވިސްނުމަށާއި އެކުއްޖާގެ ޝައުގުވެރިކަން ހުރި ދިމާލަކަށެވެ.  އެކި ކުދިންގެ ވިސްނުން ހުންނާނީ އެކި ވަރަށް އަދި އެކި ގޮތްގޮތަށެވެ. އެއް އުމުރެއްގެ ހުރިހާ ކުދިން ހުރިހާ ކަމެއް ކުރުމުގައި އަދި ފިލާވަޅެއް ދެނެގަތުުމުގައި ގާބިލިއްޔަތުކަން ހުންނާނީ އެއްވަރަކަށް ނޫނެވެ. އަދި އެކި އުމުރުގެ ކުދިން އެއްތަނެއްގައި އިލްމު އުނގެނުމުގެ ނަތީޖާއަކީ ހުރިހާ ކުދިން ވެސް އެކި އުމުރުގެ ކުދިންނާ އެކު ވަގުތު ހޭދަކޮށް މުއާމަލާތްކޮށް އެއްކޮށް ކަންކަން ކުރަން ދަސްވުމެވެ. އަދި ބޮޑެތި ކުދިން ބައެއް ފަހަރު ހަގު ކުދިންނަށް އޮޅުންނުފިލާ އެއްޗެހި ކިޔައިދިނުމުގެ ފުރުސަތު ވެސް ލިބޭނެއެވެ. ސްކޫލެއްގައި އެއް އުމުރެއްގެ ބައިވަރު ކުދިންތަކެއް އެއްތަނެއްގައި ކިޔެވުމަށް ވުރެ، ހޯމްސްކޫލިންގގައި މި ފެންނަ ހާލަތް ހަގީގީ ދިރިއުޅުމާ މާ އެއްގޮތެއް ނޫން ހެއްޔެވެ.

އިލްމު އުނގެނުމުގެ ތަފާތު ގޮތްތަކެއް

ސްކޫލަށް ފޮނުވުމުގެ ބަދަލުގައި ދުނިޔޭގެ އެކި ހިސާބުތަކުގައި ކުދިންނަށް ކިޔަވައިދިނުމުގެ އެކި ގޮތްގޮތް ގެންގުޅެއެވެ. މިގޮތުން ހޯމްސްކޫލިންގގެ އިތުރުން އަންސްކޫލިންގގެ ވާހަކަ ވެސް މިހާރު ވަރަށް އާންމު ގޮތެއްގައި ސޯޝަލް މީޑިއާގައި ދަނީ ދެކެވެމުންނެވެ. ސްކޫލްތަކަށް ބަލައިލައިފި ނަމަ، އާންމުކޮށް އަހަރެމެންނަށް މިފެންނަ ސްކޫލްތަކުގެ އިތުރުން ތަފާތު ވައްތަރުގެ ސްކޫލްތައް ވެސް ހުރެއެވެ. މިސާލަކަށް ފޮރެސްޓް ސްކޫލް، އަދި ހޯމްސްކޫލިންގ ކުރިއަށް ދާގޮތަށް ވަކި ތަނެއްގައި ކުދިންތަކެއް އެއްވެގެން ކިޔަވާ ކިޔެވުން ވެސް ހިމެނެއެވެ. އަހަރެމެން ދިވެހިން ވެސް މިތަފާތު ގޮތްތަކާ ބެހޭ ގޮތުން މައުލޫމާތު ހޯދުން މުހިންމެވެ. އަހަރެމެންގެ ދަރިން ކިޔަވަންދާ ސްކޫލްތަކުގައި ހުރި ބަލިފައިތައް ފާހަގަވެ، އެކަންކަން ރަނގަޅު ކުރުމަށް ޓަކައި އަޑު އުފުލާ މަސައްކަތް ކުރެވޭނީ އޭރުންނެއް ނޫން ހެއްޔެވެ؟

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!