އަދާލަތުު ޕާޓީގެ މެންބަރުންނަކީ ޣައްދާރުންތަކެއްގެ ގޮތުގައި އަލީ ރަމީޒު ސިފަ ކުރައްވައިފި

އަދާލަތު ޕާޓީއަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެ، އެ ޕާޓީގެ މީހުންނަކީ ޣައްދާރުންގެ ގޮތުގައި ޖަމިއްޔަތުއްސަލަފުގެ އޮޕަރޭޝަންސް މެނޭޖަރު އަލީ ރަމީޒު ސިފަ ކުރައްވައިފިއެވެ.
އަލީ ރަމީޒުގެ ފާޑު ކިޔުން އަދާލަތަށް އަމާޒުވެފައި ވަނީ، "އިންޑިއާ އައުޓް" ކެންޕެއިނާ ދެކޮޅަށް އަދާލަތުން ބަޔާނެއް ނެރެފައިވާ ދަނޑިވަޅެއްގައެވެ.
"އަދާލަތު ޕާޓީގެ 'ޤިބްލަ' ބަދަލުވާހެއް އެބަ ހީވޭ" ކަމަށް 2015ވަނަ އަހަރު ކުރެއްވި ޓްވީޓެއް، މިއަދު ޓްވިޓަރގައި ހިއްސާ ކުރައްވަމުން އަލީ ރަމީޒް ވިދާޅުވީ، އަދާލަތު ޕާޓީގެ ޖުޑީޝަލް ކޮމިޓީގެ ޗީފް ޖަސްޓިސް ޑރ. މުޙައްމަދު އިޔާޒާއި އަދާލަތު ޕާޓީގެ ޣައްދާރުންގެ ކިބައިން ބަރީއަވާ ކަމަށެވެ. އަދި އަދާލަތުުން ޕާޓީން ލާދީނީ މީހުންގެ ހިމާޔަތުގައި މަސައްކަތް ކުރާ ކަމުގެ ތުހުމަތު އަލީ ރަމީޒް ކުރެއްވިއެވެ.
"އަދި ލާދީނިއްޔަތު ހިމާޔަތް ކުރުމަށް މިބައި މީހުން ކުރަމުންދާ މަސައްކަތާ މެދު ސަމާލުވެ ތިބުމަށް އެންމެހައި މުސްލިމުންނަށް އަޅުގަނޑު ވަސިއްޔަތް ކުރަން" އަލީ ރަމީޒު ކުރެއްވި ޓްވީޓެއްގައި ވިދާޅުވިއެވެ.
އަލީ ރަމީޒުގެ ބަހުގެ ހަމަލާތައް ޑރ. އިޔާޒަށް އަމާޒުވެފައިވާ އިރު، "އިންޑިއާ އައުޓް" ކެންޕެއިނާ ދެކޮޅަށް އިޔާޒް ގެންދަވަނީ ވާހަކަފުޅު ދައްކަވަމުންނެވެ. މިގޮތުން ޑރ. އިޔާޒް ވަނީ އިންޑިއާ އެކު ހެދި އެއްބަސްވުންތަކުގައި ޤައުމިއްޔަތަށް ނުރައްކާވާ ފަދަ ކަމެއް އޮތް ނަމަ އެކަމެއް ދެއްކުމަށް ގޮވައިލައިފައެވެ. އަދި "އިންޑިއާ އައުޓް" ކެންޕެއިނަކީ މުޖުރިމެއްގެ ޖަރީމާތަކެއްގައި ފަސް އަޅަން ކުރަމުން އަންނަ ހަރަކާތެއް ކަމަށް ވިދާޅުވިއެވެ.







ކޮމެންޓް