ނޯރާ ކޮވިޑަށް ފައްސިވެ ހާލު ދެރަވެއްޖެ
މަޝްހޫރު ނެށުންތެރިޔާ އަދި އެކްްޓްރެސް ނޯރާ ފަތޭހީ ކޮވިޑް-19އަށް ފައްސިވެއްޖެއެވެ.
މޮރޮކޯއަށް އުފަން އަދި ބޮލީވުޑްގައި މިހާރު ފައިތިލަ ސާބިތު ކޮށްފައިވާ ނޯރާ ކޮވިޑަށް ފައްސިވެފައިވާކަން އޭނާ ވަނީ އިންސްޓަގްރާމް ސްޓޯރީ މެދުވެރިކޮށް އާންމުންނާ ހިއްސާ ކޮށްފައެވެ.
ނޯރާ ކުރި ޕޯސްޓެއްގައި ބުނެފައި ވަނީ، އޭނާ ކޮވިޑަށް ފައްސި ވެފައިވާ ކަމަށާއި މިވަގުތު އޭނާގެ ހާލު ދެރަ ކަމަށެވެ. އަދި އޭނާއަށް ގޭގައި މިވަގުތު ޑޮކްޓަރުން ފަރުވާ ދެމުންދާއިރު، އެނދުން ނުތެދުވުމަށް ޑޮކްޓަރުން އިރުޝާދު ދީފައިވާ ކަމަށް ވެސް ބުނެފައިވެއެވެ.
ކެނެޑާގައި ދިރިއުޅެމުން ދިޔަ ނޯރާ 2017ގެ އަހަރު ތެރޭގައި އިންޑިއާއަށް ދިރިއުޅުން ބަދަލު ކުރީ ބޮލީވުޑްގައި އޭނާގެ ކެރިއަރު އިތުރަށް ކުރިއެރުވުމަށެވެ. އިންޑިއާއަށް ދިޔަތާ ކުރީކޮޅު މާ ބޮޑު ކާމިޔާބީއެއް ނުލިބުނު ކަމުގައި ވިޔަސް، 2019ވަނަ އަހަރު ރިލީޒްވި "ދިލްބަރް ދިލްބަރް" ލަވައިގެ ރީމިކްސް ވީޑިއޯގައި ނޯރާ ދައްކުވައިދިން ފަރި ހަރަކާތްތަކަށް ފަހު، މިހާރު އޭނާއަކީ އިންޑިއާގެ އިތުރުން ދުނިޔޭގެ އެކި ކަންކޮޅުތަކުން ވެސް ހޫނު ތަރުހީބެއް ލިބެމުންދާ ފަންނާނެކެވެ.