އިނގިރޭސިވިލާތުގައި މީހެއްގެ ގައިން އޭވިއަން ފްލޫ ފެނިއްޖެ
އިނގިރޭސިވިލާތުގައި މީހެއްގެ ގައިން ދޫނި ރޯގާއެއްކަމަށްވާ އޭވިއަން ފްލޫ ފެނިއްޖެއެވެ.
އިނގިރޭސިވިލާތުގެ ސިއްހީ އޮފިޝަލުން ބުރާސްފަތި ދުވަހު ބުނެފައި ވަނީ މީހެއްގެ ގައިން އޭވިއަން ފްލޫގެ ކޭސްއެއް ފެނިފައިވާ ކަމަށާއި މިއީ ވަރަށް މަދުން ނޫނީ ނުފެންނަ ބައްޔެއްކަމަށެވެ. އަދި މި ވޭދަނަ ފެނިފައި ވަނީ އެގައުމުގެ ދޫނިސޫފާސޫފީގެ މެދުގައި މި ރޯގާ ވަރަށް ބޮޑަށް ފެތުރިފައި ވަނިކޮށް ކަމަށް ވެސް ބުނެފައިވެއެވެ.
ދޫނި ސޫފާސޫފީގެ ކިބައިން އިންސާނުންގެ ގަޔަށް އޭވިއަން ފްލޫ އެރުމަކީ ވަރަށް މަދުން ނޫނީ ނުފެންނަ ކަމެއް ކަމަށާއި މީގެ ކުރިން މި ރޯގާ ޖެހިފައި ވަނީ ވަރަށް މަދު ފަހަރަކު ކަމަށް އިނގިރޭސިވިލާތުގެ ހެލްތު ސެކިއުރިޓީ އޭޖެންސީ (ޔޫކޭއެޗްއެސްއޭ)އިން ބުނެފައިވެއެވެ.
އިންގްލެންޑުގެ ހުޅަނގު ދެކުނުގައި ބަލި ޖެހިފައިވާ މީހާ ހުރިއިރު އޭނަގެ ސިއްހަތު ރަނގަޅު ކަމަށާއި، އޭނާ އެކަހެރިކޮށްފައިވާ ކަމަށް ވެސް އެ ބަޔާނުގައި ބުނެފައިވެއެވެ.
"މި މީހާ އިންފެކްޝަން ހޯދައިފައި ވަނީ ވަރަށް ގާތުން، ގަވާއިދުން ގިނަ އަދަދެއްގެ ދޫނިސޫފާސޫތްޕާ އޭނާ ކޮންޓެކްޓްވޭ، އެ ދޫނިތައް ގިނަ ދުވަސްތަކެއް ވަންދެން އޭނާ ދިރިއުޅޭ ގެއާ ވަށައިގެން ބެހެއްޓިފައި ވޭ،" ޔޫކޭއެޗްއެސްއޭއިން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ. އަދި އެމީހާއާ ކޮންޓެކްޓްވި މީހުން ވެސް ހިމެނޭ ގޮތަށް އެމީހާގެ ހުރިހާ ކޮންޓެކްޓުން ޓްރޭސް ކުރެވިފައިވާއިރު އިތުރު މީހަކަށް އިންފެކްޝަން ފެތުރުނު ކަމުގެ އެއްވެސް ހެއްކެއް ފެނިފައި ނުވާކަމަށް ވެސް ބަޔާނުގައިވެއެވެ.
އޭވިއަން ފްލޫގެ ސަބަބުން އާންމުންނަށް އޮތް ނުރައްކާ އަދިވެސް އޮތީ ވަރަށް ދަށްކޮށް ކަމަށް އެ އިދާރާއިން ފާހަގަކުރި ނަމަވެސް ބަލި ނުވަތަ މަރުވެފައިވާ ދޫނިތަކުގައި އަތްނުލުމަށް އެ އިދާރާއިން ވަނީ އިލްތިމާސްކޮށްފައެވެ.
ފިނި މޫސުމުގެ މަސްތަކުގައި މެއިންލޭންޑް ޔޫރަޕުން ހިޖުރަކުރާ ވަލު ދޫނިތައް މި ބަލި އުފުލައިފައިވާކަމުގެ ކަންބޮޑުވުންތައް އޮފިޝަލުން ވަނީ ފާޅުކުރައްވައިފައެވެ.
ގިނަ އަދަދެެއްގެ ދޫނި ސޫފާސޫފިތަކަށް މި ބަލި ޖެހިފައިވާއިރު މި ބަލީގައި ގިނަ އަދަދެއްގެ ދޫނިތައް މަރުވެފައިވާކަމަށް ވެސް ރިޕޯޓުތަކުން އެނގެއެވެ.