ކޮވިޑަކީ އާދައިގެ ރޯގާއެއްގެ ގޮތުގައި ދެކެން އަދި އަވަސް: ޑަބްލިއު އެޗްއޯ
ކޮވިޑް-19އަކީ އާދައިގެ ރޯގާއެއްގެ ގޮތުގައި ދެކެން އަދި އަވަސް ކަމަށް ދުނިޔޭގެ ސިއްޙަތު ޖަމްއިއްޔާ (ޑަބްލިއު.އެޗް.އޯ)އިން ވިދާޅުވެއްޖެއެވެ.
ކޮވިޑް-19 ޖެހޭ މީހުންގެ އަދަދު ދަނީ އިންތިހާއަށް އިތުރުވަމުންނެވެ. ނަމަވެސް ބަލީގައި މަރުވާ މީހުންގެ އަދަދު އިތުރުނުވާ ކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ. މިއާއެކު ކޮވިޑް-19އަކީ އާދައިގެ ރޯގާއެއްގެ ގޮތުގައި ބެލުމަށް ބައެއް ޤައުމުތަކުންދަނީ މަޝްވަރާ ކުރަމުންނެވެ.
މީގެ ތެރެއިން އެއް ޤައުމަކީ ސްޕެއިންނެވެ.
ސްޕެއިންގެ ބޮޑުވަޒީރު ޕެޑްރޯ ސަންޗޭޒް ހޯމަ ދުވަހު ވިދާޅުވީ، ކޮވިޑް-19ގެ މި ބަލިމަޑުކަން ތަފާތު ގޮތަކަށް ޓްރެކްކުރަން ވީ ވަގުތު މިހާރު ޖެހިފައިވާ ކަމަށެވެ. އޭނާ ވިދާޅުވީ، ކޮވިޑް-19 ބަލި ޖެހޭ މީހުންގެ އަދަދު އިތުރުވި ނަމަވެސް ބަލީގައި ބޮޑުވަރު ނުވާ ކަމަށާއި މިހާރު އާދައިގެ ރޯގާއަކަށް ކޮވިޑް-19 ބަދަލުވެފައިވާ ކަމަށެވެ.
"ބައްޔާ މެދު ގެންގުޅޭ މިންގަނޑުތައް ބަދަލު ކުރަން އެބަ ވިސްނަން. އެކަމާ ގުޅޭ މަޝްވަރާތައް ކަމާ ގުޅޭ ދާއިރާތަކުގެ ބޭފުޅުން އެބަ ކުރައްވާ" ރޭޑިއޯ ސްޓޭޝަނެއް ކަމަށްވާ ކެޑޭނާ އެސްއީއާރުއަށް ދެއްވި އިންޓަވިއުއެއްގައި ސަންޗޭޒް ވިދާޅުވިއެވެ.
ސްޕެއިނުގެ ސަރުކާރުން ވިސްނަމުންދަނީ މި ބަލީގެ އެވޮލިއުޝަން ޓްރެކް ކުރާ ގޮތް ބަދަލުކުރުމަށެވެ. މިގޮތުން ވިސްނަމުންދަނީ ކޮންމެ ވޭދަނައެއް ރެކޯޑް ނުކޮށް، އަލާމާތްތައް ފެންނަ ހުރިހާ މީހުން ޓެސްޓް ނުކޮށް، ރޯގާއަށް އަމަލު ކުރާ ފަދަ މެތަޑެއް ބޭނުން ކުރުމަށެވެ.
ނަމަވެސް މިއީ އަދި "މަގެއް" ނޫން ކަމަށް ކަމަށް ޑަބްލިއުއެޗްއޯއިން ޔޫރަޕަށް ކަނޑައަޅައިފައިވާ ސީނިއާ އިމަޖެންސީ އޮފިސަރު ކެތަރިން ސްމޯލްވުޑް ވަނީ ވިދާޅުވެފައެވެ.
"މިއީ ވަރަށް ހަލުވި ދުވެއްޔެއްގައި ކުރިއަރަމުން އަންނަ ވައިރަހެއް، އައު ގޮންޖެހުންތަކެއް ކުރިމަތިކުރުވާ. ހަމަގައިމު ވެސް އަޅުގަނޑުމެންނަށް މިއަށް އިންޑެމިކްއޭ ކިޔާ ލެވޭ ހިސާބަށް ނުދޭ،" ސްމޯލްވުޑް ވިދާޅުވި އެވެ.
"މި ޕެންޑަމިކް މަޑުމަޑުން މިދަނީ އިންޑަމިކަކަށް ބަދަލު ބަދަލުވަމުން. އެހެން ނަމަވެސް 2022ވަނަ އަހަރަށް އަދަދުތައް ތިރިކުރުމަކީ ވާނެ ކަމެއް ކަމަށް ޤަބޫލު ނުކުރެވޭ"